ބެންޗުގައި އިންނަން ޖެހޭތީ ރަކިޓިޗް މާޔޫސްވެއްޖެ!
ބާސެލޯނާގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ ދެރަވާކަމަށް އެޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފި އެވެ. ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ރަކިޓިޗް މި ސީޒަނުގައި މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. ޓީވީ ޝޯއަކަށް ދިން އިންޓަވިއުއެއްގައި ރަކިޓިޗް ބުނީ މިހާރު ކުރެވެނީ ބާސެލޯނާއިން އޭނާގެ އަތުގައި އޮތް ބޯޅަ އަތުލުން ކަހަލަ އިހުސާސެއް ކަމަށެވެ.
މި ސީޒަނުގައި ބާސެލޯނާއަށް ކުޅެދިން 10 މެޗުގެ ތެރެއިން ނުވަ މެޗުގައި ރަކިޓިޗް ކުޅެން އެރީ ބެންޗުންނެވެ. ފުރަތަމަ އެގާރައިން ރަކިޓިޗަށް ފުރުސަތު ގެއްލުނީ އެޓީމާ އަލަށް ގުޅުނު ނެދަލެންޑްސްގެ ޒުވާން މިޑްފީލްޑަރު ފްރޭންކީ ޑި ޔޮންއަށް ކޯޗު އާނެސްޓޯ ވަލްވޭޑޭ ފުރުސަތު ދޭން ފެށުމުންނެވެ. ފުރަތަމަ އެގާރައިގައި ހިމެނިގެން ރަކިޓިޗް ކުޅުނީ ލީގު މެޗެކެޗެ. އުމުރުން 31 އަހަރުގެ ރަކިޓިޗަށް ފުރުސަތު ނުލިބޭތީ ކުރެވޭ އިހުސާސް އޭނާ ގުޅުވީ ދަރިފުޅާ އެވެ. ރަކިޓިޗް ބުނީ އޭނާއަށް މިހާރު ކުރެވެނީ ދަރިފުޅު އަތުގައި އޮންނަ ކުޅޭ އެއްޗެއް އަތުލުމުން ދަރިފުޅަށް ކުރެވޭނެ އިހުސާސް ކަމަށެވެ.
“އަހަރެން ކިހިނެއް ހިތްހަމަޖައްސާނީ؟ ދަރިފުޅު އަތުގައި އޮންނަ ކުޅޭ އެއްޗެއް އަތުލުމުން ދަރިފުޅަށް ކުރެވޭ އިހުސާސް އަހަރެންނަށް މިހާރު ކުރެވެނީ. ދަރިފުޅު ދެރަވާ ގޮތަށް އަހަރެންނަށް ވެސް މިހާރު އެ އިހުސާސް ކުރެވޭ. ބާސެލޯނާއިން އަހަރެން އަތުން ބޯޅަ އަތުލައިފި. އެކަމާ އަހަރެން ދެރަވޭ” ފުރުސަތު ނުލިބޭތީ މާޔޫސްވެފައި ހުރި ރަކިޓިޗް ބުންޏެވެ.
ބާސެލޯނާއިން ފުރުސަތު ނުލިބޭއިރު ކުރިއަށް އޮތް ޔޫރޯ ކޮލިފައިންގައި ކްރޮއޭޝިއާ ކުޅޭ ދެ މެޗުގެ ސްކޮޑުން ރަކިޓިޗް ވަނީ އަނިޔާގެ ސަބަބުން ބާކީކޮށްފަ އެވެ. ޔޫރޯއަށް ކޮލިފައިވާން ކުޅޭ ފަހު ދެ މެޗުގައި ކްރޮއޭޝިއާ ނުކުންނާނީ ސްލޮވޭކިއާ އާއި ޖިއޯޖިއާއާ ދެކޮޅަށެވެ.
ރަކިޓިޗް ބުނީ ބެންޗުގައި އިންނަން ޖެހުނަސް ކްލަބާއި ކޯޗުގެ ނިންމުމަށް އޭނާ އިހުތިރާމް ކުރާ ކަމަށާއި، ވޭތުވެދިޔަ ފަސް އަހަރު ބާސެލޯނާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާނެ ކަމަށެވެ.
“އަހަރެންނަށް 31 އަހަރު، އަހަރެން 38 އަހަރެން ނޫން. މިއީ އެންމެ ރަނގަޅަށް ކުޅެވޭނެ ދުވަސްވަރުގެ ގޮތުގައި އިހުސާސްކުރެވެނީ” ފުރުސަތު ނުލިބޭނަމަ ޓީމު ދޫކޮށްލަފާނެކަމަށް އިޝާރާތް ކުރަމުން ރަކިޓިޗް ބުންޏެވެ.
ބާސެލޯނާއިން ރަކިޓިޗަށް ފުރުސަތު ނުލިބޭތީ އަންނަ ޖެނުއަރީ މަހު ހުޅުވޭ ޓްރާންސްފާ ބާޒާރުގައި އޭނާ ހޯދަން އިޓަލީގެ ޔުވެންޓަސް އާއި އޭސީ މިލާން އަދި އިންޓަ މިލާނުން މަސައްކަތް ކުރާނެކަމަށް ރިޕޯޓުތައް ބުނެ އެވެ.
“އަހަރެން ބޭނުންވަނީ ކުޅެގެން ލިބޭ ހިތްހަމަޖެހުން. އެއީ އަހަރެންނަށް އެންމެ މުހިއްމު ކަމަކީ” ރަކިޓިޗް ބުންޏެވެ.
ސީނިއާ ފުޓްބޯޅަ ކެރިއަރ ސްވިޒަލެންޑުގެ އެފްސީ ބަސެލް އިން 2005 ވަނަ އަހަރު ފެށި ރަކިޓިޗް ވަނީ އެޓީމުގައި ދެ ސީޒަނުގައި ކުޅުމަށް ފަހު ޖަރުމަނު ލީގުގެ ޝާލްކޭއަށް ބަދަލުވެފަ އެވެ. ޝާލްކޭގައި ހަތަރު ސީޒަނުގައި ކުޅުމަށް ފަހު 2011 ވަނަ އަހަރު ސްޕެއިންގެ ސެވިއްޔާއަށް ބަދަލުވެ އެ ކްލަބުގެ ކެޕްޓަން ބޭންޑް އަޅައިގެން ރަކިޓިޗް ވަނީ 14-2013 ވަނަ ސީޒަނުގައި އެ ކްލަބާއެކު ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. ސެވިއްޔާއާ އެކު ހޯދި ޔޫރޮޕާ ލީގު ތަށްޓަށް ފަހު 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ފެށުމުގެ ކުރިން ރަކިޓިޗް ވަނީ ބާސެލޯނާއަށް ބަދަލުވެފަ އެވެ. އެ ކްލަބުގައި ވޭތުވެދިތަ ފަސް އަހަރު މޮޅު ކުޅުމެއް ދެއްކިއިރު ރަކިޓިޗް ވަނީ 13 ތަށި ބާސެލޯނާއާ އެކު ހޯދައިފަ އެވެ. އޭގެތެރޭގައި ލީގުގެ ހަތަރު ތަށްޓާއި ޗެމްޕިއަންސް ލީގުގެ ތަށި ހިމެނެ އެވެ.
ކުޅެން ފުރުސަތު ނުލިބޭތީ ބާސެލޯނާ ދޫކޮށްލަފާނެކަމުގެ އިޝާރާތެއް ރަކިޓިޗް ދީފައިވާއިރު ޖެނުއަރީ ޓްރާންސްފާގައި އިޓަލީގެ ކްލަބްތަކުގެ އިތުރުން ޔޫރަޕްގެ މަޝްހޫރު އެހެން ލީގުތަކުގެ ޓީމުތަކުން ވެސް ރަކިޓިޗް ހޯދަން މަސައްކަތް ކުރާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
Advertisement
Leave a Reply