އިނގިރޭސި ލީގުގެ މި ރެކޯޑުތައް ބަދަލުކޮށްލެވޭނެތަ؟

އިނގިރޭސި ފުޓްބޯޅައިގެ ދިގު ތާރީހުގައި ކޮންމެ އަހަރަކުވެސް ޝައުގުވެރިކުރުވަނިވި ގިނަ ކަންތައްތަކެއް ހިނގަ އެވެ. ޓީމުތައް ތައްޓަށް ވާދަކުރުމާއި، ރެލިގޭޝަން އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގަތަކަށް ޓީމުތަކުން ކުރާ ހަނގުރާމައިގައި މޮޅެތި ނަތީޖާ ތަކާއި ހަނދާނުން ފުހެލަން އުނދަގޫ ކަންކަން ކުރިމަތިވެ އެވެ. ކޮންމެ ސީޒަނެއްގައި ވެސް ލީގުގެ ރެކޯޑް ފޮތަށް ބަދަލުތަކެއް އަންނައިރު މި ސީޒަނުގެ މިހާ ހިސާބަށް އައިއިރު އެންމެ ފާހަގަކޮށްލެވުނީ ލެސްޓަ ސިޓީން ރަށުން ބޭރުގައި ތަފާތު ބޮޑު ނަތީޖާއަކުން ސައުތެމްޓަން ބަލިކުރުމެވެ. ލެސްޓާގެ މި ނަތީޖާ ލީގުގެ ރެކޯޑް ފޮތުން ޖާގަ ހޯދިއިރު މިއީ ބަދަލުކޮށްލަން އުނދަގޫވާނެ ނަތީޖާ އެވެ. މި ރެކޯޑް ނޫނަސް ލީގުގެ ތާރީހުގައި، ބަދަލުކޮށްލަން އުނދަގޫވާނެ ގިނަ ރެކޯޑްތަކެއް މީގެ ކުރިންވެސް ޓީމުތަކުންނާއި ވަކިވަކި ކުޅުންތެރިން ވަނީ ހަދައިފަ އެވެ. ތިރީގައި އެވަނީ އެ ރެކޯޑުތަކުގެ ތެރެއިން ބަދަލުކޮށްލަން އުނދަގޫވާނެކަމަށް ބެލެވޭ ބައެއް ރެކޯޑުތަކެވެ.
ރަށުން ބޭރުގައި އެންމެ ތަފާތު ބޮޑުކޮށް ރަށުޓީމު ބަލިކުރުން
މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ލެސްޓަރ ސިޓީ އިން ވަނީ ރަށުން ބޭރުގައި ސައުތެމްޕްޓަން ކޮޅަށް، އެއިން އެންމެ ގޯލަކަށްވެސް ޖަވާބު ނުދެވުނު 9 ގޯލް ޖަހާފަ އެވެ. 9-0 ގެ މި ނަތީޖާއަކީ އިނގިރޭސި އެންމެ މަތީ ލީގުގައި ރަށުން ބޭރުގައި ޓީމަކުން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. އަދި ހަމައެއާއެކު މިއަށްވުރެ ތަފާތު ބޮޑުކޮށް އަމިއްލަ ރަށުގައިވެސް ޓީމެއް މޮޅުވެފައިނުވާކަން ފާހަގަކޮށްލެވެ އެވެ. 9-0 ގެ މި ނަތީޖާއަކީ 1995ގައި މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަރަށުގައި އިޕްސްވިޗް ޓައުންވެސް ބަލިކުރި ނަތީޖާ އެވެ. 8 ލަނޑުގެ ތަފާތުން މީގެކުރިން ކާމިޔާބު ހޯދި ޓީމުތަކުގެތެރޭގައި ނިއުކާސަލް ޔުނައިޓެޑް، ޓޮޓްންހަމް ހޮޓްސްޕާސް، ޗެލްސީ، މެންޗެސްޓަރ ސިޓީ ހިމެނޭ އިރު ލެސްޓަރ އަތުން 9-0 އިން ބަލިވި ސައުތެމްޕްޓަން ވެސް ވަނީ 2014 ގައި ސަންޑަލޭންޑް 8-0 އިން ބަލިކޮށްފަ އެވެ. އިނގިރޭސި އެންމެ މަތީ ލީގުގައި އެންމެ ގިނަ ލަނޑު ފެނުނު މެޗަކީ 2007 ގައި ޕޯޓްސްމައުތާއި ރެޑިން ވާދަކުރިމެޗެވެ. މިމެޗު ނިމުނީ 7-4 ގޯލުން ޕޯޓްސްމައުތު މޮޅުވެގެންނެވެ.
ތަށްޓާއި ހަމައަށް ނުދެވި އެންމެ ގިނަ ޕޮއިންޓް އެއްކުރި ޓީމު
2018-19 ސީޒަނުގައި އެންމެ ބޮޑަށް ތަށްޓަށްވާދަކުރި އެއް ޓީމަކީ ލިވަޕޫލެވެ. މުޅި ޖުމްލަ 97 ޕޮއިންޓް ހަމަކުރިކަމުގައިވިޔަސް ލިވަޕޫލަށް ލިބޭވަރުވީ ޓޭބަލްގެ ދެ ވަނައެވެ. ތަށި ގެންދިޔައީ ލިވަޕޫލަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން މެންޗެސްޓަރ ސިޓީ އެވެ. ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ތަށި ނެގީ 2017-18 ގައި 100 ޕޮއިންޓް ހަމަކުރި މެންޗެސްޓަރ ސިޓީ އެވެ. އެންމެ މަދުން ޕޮއިންޓާއެކު ތަށި ނެގީ 96/97 ގެ ސީޒަނުގައި 75 ޕޮއިންޓާއެކު ނިންމާލި މެންޗެސްޓަރ ޔުނައިޓެޑެވެ.
އެންމެ ގިނަ ދުވަހު އެއްޓީމަކަށް އިރުޝާދުދިން ކޯޗް
އާސެނަލްގެ ކޯޗުގެ ގޮތުގައި އާސެން ވެންގާ ވަނީ (1996 އިން 2018 އާއި ދެމެދު) މެދުނުކެނޑި ޖުމްލަ 22 ސީޒަން ފުރިހަމަކޮށްފަ އެވެ. އެއީ ޖުމްލަ 828 މެޗެވެ. މި ދިގުމުއްދަތުގައި ވެންގާ ވަނީ އާސެނަލްއާ އެކު 3 ފަހަރު ލީގު ޗެމްޕިއަންކަން ހޯދާ 6 ފަހަރު އެފްއޭ ކަޕް ހޯދާފަ އެވެ. އަދި ކޮމިއުނިޓީ ޝީލްޑް ހަތް ފަހަރު އާސެނަލާއެކު ވެންގާ ހޯދި އެވެ.
ސީޒަނެއްގައި އެންމެ މަދުން މޮޅުވި ޓީމު
2007/08 ގެ ސީޒަނުގައި ޑާބީ ކައުންޓީ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެސީޒަނުގައި ޑާބީ އިން ހަމަކުރި 11 ޕޮއިންޓަކީ އެންމެ މަދުން ޓީމަކަށް އެއްކުރެވުނު އަދަދެވެ. އެފަހަރު ޑާބީ ކައުންޓީއިން މޮޅުނުވެ ވިދިވިދިގެން ކުޅުނު 32 މެޗަކީވެސް ރެކޯޑެކެވެ. އަދި މިރެކޯޑް އަދިވެސް ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެއީ 32 މެޗާއެކު ޑާބީ އެސީޒަނުގައި ރެލިގޭޓް ވެފައި ވުމާއެކު އޭގެފަހުން އެނބުރި ޕްރިމިއަރ ލީގަށް އަދި އާދެވިފައި ނުވާތީ އެވެ.
އެންމެ އަވަސް ގޯލް
އިނގިރޭސި ލީގުގައި މިހާތަނަށް ފެނުނު އެންމެ އަވަސް ގޯލް ފެނުނީ މިއަހަރު އެވެ. 24 އޭޕްރީލް 2019 ގައި ވެޓްފޯޑާއި ދެކޮޅަށް ނުކުމެ ސައުތެމްޕްޓަންގެ ޝޭން ލޯންގް ގޯލް ޖެހީ މެޗުގެ 6.79 ސިކުންތުގަ އެވެ. އޭގެކުރިން މިރެކޯޑް އޮންނަނީ ޓޮޓްންހަމް ހޮޓްސްޕާސްގެ ލެޑްލީ ކިންގް އަތުގަ އެވެ. 2000 ވަނަ އަހަރު ބްރެޑްފޯޑް ސިޓީ ކޮޅަށް ކިންގް ލަނޑުޖެހީ މެޗުގެ 9.82 ސިކުންތުގަ އެވެ. މިގޯލުގައި ޝައުގުވެރިކުރުވާ އެއްކަމަކީ ކިންގަކީ ޑިފެންޑަރަކަށް ވީކަމެވެ.
އެންމެ ކުޑަ ތަފާތަކާއެކު ތަށި ނެގި ޓީމު
މެންޗެސްޓަރ ސިޓީ، ތެލުގެ މުއްސަނދިކަން ލިބިފައިވާ އަރަބީން ގަތުމާއެކު މިހާރު އެމީހުންނަކީ އެ ސިޓީ ގެ އަނެއްޓީމު ކަމުގައިވާ ޔުނައިޓެޑްގެ ލެވެލްގައި އެމީހުންގެ ހަގިގީ ވާދަވެރިންނެވެ. ވޭތުވެދިޔަ އަށެއްކަ އަހަރުގެތެރޭގައި ޔުނައިޓެޑަށްވުރެ ހުރިހާ ގޮތަކުންވެސް ކުރީގައި އުޅޭތަން ފެނިފައިވަނީ ސިޓީ އެވެ. މި ދެކުލަބުގެ އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެން ގޮސަފައިވަނީ 2011/12ގެ ސީޒަންގަ އެވެ. އެފަހަރު ޔުނައިޓެޑްގެ މައްޗަށް ގަދަވެގަނެ ސިޓީއިން ތަށި ހޯދީ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ހަމައެކަނި ފައިދާ 8 ގޯލްގެ ތަފާތުންނެވެ.
ބަލިނުވެ އެންމެ ގިނަދުވަހު ކުޅުނު ޓީމު
އާސެނަލް އަށް އެންމެ ފަހުން ޕްރިމިއަރ ލީގުގެ ތަށީގައި އަތް ލެވުނީ 2003/04 ގެ ސީޒަންގައެވެ. ވެންގާގެ ބެލުމުގެ ދަށުން އެފަހަރު ހޯދި ތަށި ވެފައިވަނީ ވަރަށް ހާއްސަ ތަށްޓަކަށެވެ. އެއީ އެއްވެސް މެޗަކުން ބަލިނުވެ ހޯދި ތަށްޓެކެވެ. އެ ބުރުގައި އެމީހުން ބަލިނުވެ 49 މެޗު ހަމަކުރިއެވެ. އެއީ މެއި 2003 އިން އޮކްޓޯބަރު 2004 އަށެވެ. އޭރު އާސެނަލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ ފްރާންސްގެ ތަރި ތިއެރީ އޮންރީ އެވެ.
އެންމެ އަވަސް ހެޓްރިކް
ޕްރިމިއަރ ލީގުގެ އެންމެ އަވަސް ހެޓްރިކް ފެނިފައިވަނީ މިހާރު ލީގުގެ އެންމެ މޮޅު އެއް ސްޓްރައިކަރ ކަމުގައިވާ ސެނެގޯލްގެ ސަޑިއޯ މާނޭގެ ފަރާތުންނެވެ. މާނޭ 2015 ގައި ސައުތެމްޕްޓަންގެ ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ އެސްޓަން ވިލާ ކޮޅަށް ތިންގޯލް ޖެހީ އެންމެ 2 މިނެޓް 56 ސިކުންތުގެ ތެރޭގަ އެވެ. އޭގެކުރިން މިރެކޯޑް އޮތީ 1994 ގައި އާސެނަލް އާއި ދެކޮޅަށް ނުކުމެ 4 މިނިޓް 33 ސިކުންތުން ހެޓްރިކް ހެދި ލިވަޕޫލް ލެޖެންޑް ރޮބީ ފައުލާ އަތުގަ އެވެ.
Advertisement


Leave a Reply