އެއްކޮށް ފިޓް ނުވުމުން މިސްރު ޓީމުން ސަލާހް ބާކީކޮށްފި

Advertisement

އެއްކޮށް ފިޓް ނުވުމުން މިސްރު ޓީމުން ސަލާހް ބާކީކޮށްފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ފައިގެ ކުޑަހުޅަށް އަނިޔާވި މުހައްމަދު ސަލާހް، އޭނާ ނިސްބަތްވާ މިސްރުގެ ގައުމީ ޓީމުން ބާކީކޮށްފި އެވެ.

ސަލާހްގެ ފައިގެ ކުޑަހުޅަށް އެންމެ ފުރަތަމަ އަނިޔާވީ ލީގުގައި މިދިޔަ މަހު ލެސްޓަ ސިޓީއާ ދެކޮޅަށް ކުޅެ 2-1 އިން މޮޅުވި މެޗުގެ ފަހުކޮޅު ލެސްޓަގެ ހަމްޒާ ޗޯދަރީ ކުރި ފައުލަކުންނެވެ. އެ އަނިޔާއިން އެއްކޮށް ރަނގަޅު ނުވުމުން ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ސަލާހް ކުޅެފައެއްނުވެ އެވެ. ސަލާހްގެ އަނިޔާ ސިޓީ މެޗުގައި ތަކުރާރުވީ މިޑްފީލްޑަރު ފެނާންޑީނިއޯ ޖެހި ޓެކުލަކުންވެ.

Advertisement

ބައިނަލްއަގްވާމީ މެޗުތަކަށް ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު މިސްރު ޓީމު ތައްޔާރުވަމުން އަންނަނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ކެންޔާ އާއި ކޮމޮރޯސްއާ ދެކޮޅަށް ކުޅޭށެވެ. މި ދެމެޗަށް ނެގި މިސްރުގެ ސްކޮޑުގައި އެންމެ ފުރަތަމަ ސަލާހް ހިމެނި ނަމަވެސް އެއްކޮށް ފިޓް ނުވާތީ ޓީމުން ނިންމީ ސަލާހް ބާކީކުރާށެވެ.

ސަލާހް މިސްރު ޓީމާ މިދިޔަ ހޯމަ ދުވަހު ގުޅުނު ނަމަވެސް ޓީމުން ބާކީކުރަން ނިންމީ މެޑިކަލް ޓެސްޓުތަކުން ސަލާހް އެއްކޮށް ފިޓް ނޫންކަމަށް ދެއްކުމުންނެވެ.

“މެޑިކަލް ޓެސްޓްތަކުން ޔަގީންކޮށްދީފި ކެންޔާ އާއި ކޮމޮރޯސްއާ ދެކޮޅަށް ކުޅެން ސަލާހް ތައްޔާރު ނޫންކަން” މިސްރު ފުޓްބޯޅަ އެސޯސިއޭޝަނުން އާއްމުކުރި ޓްވީޓުގައި ބުނެފައިވެ އެވެ.

އަނިޔާގެ ސަބަބުން މިސްރު ޓީމުން ސަލާހް ބާކީވިއިރު އޭނާ އަކީ ކްލަބާއި ގައުމީ ޓީމަށް ވެސް މުހިއްމު ކުޅުންތެރިއެކެވެ. މި ސީޒަނުގެ ލީގުގައި ލިވަޕޫލުން އަށް ޕޮއިންޓުގެ ލީޑަކާއެކު އެއް ވަނައިގައި އޮތްއިރު ސަލާހް ވަނީ އެ ކްލަބަށް މި ސީޒަނުގައި ކުޅުނު މެޗުތަކުގައި ނުވަ ގޯލު ޖަހައިފަ އެވެ. ފަހަކަށް އައިސް ސަލާހްގެ ކުޅުން ރަނގަޅުވެފައިވާއިރު އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ސަލާހް ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

ބައިނަލްއަގްވާމީ މެޗުތަކަށް ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު އަލުން ފަށާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އެދުވަހު ލިވަޕޫލުން ރަށުން ބޭރުގައި ނުކުންނާނީ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *