މުހައްމަދު އާދަމް ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

Advertisement

މުހައްމަދު އާދަމް ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

ޢަލީ ޝަހީމް

ހުސްވެފައިވާ ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުގެ މަގާމަށް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު މުހައްމަދު އާދަމް ހަމަޖައްސައިފި އެވެ. މުހައްމަދު އާދަމް ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުގެ މަގާމާ ހަވާލުވީ މި ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީއަށް އިރުޝާދުދިން މުހައްމަދު ނަޒީހް ކްލަބް ދޫކޮށްލުމުންނެވެ.

މުހައްމަދު އާދަމް ޔުނައިޓެޑް ވިކްޓްރީއާ ހަވާލުވިއިރު މި ސީޒަން އޭނާ ފެށީ ޒުވާން ކުޅުންތެރިންތަކަކާއެކު ސީޒަނަށް އެކުލަވާލި ވިކްޓްރީ ޓީމުގެ ކޯޗުގެ ގޮތުގަ އެވެ. ޒުވާން ޓީމެއް އެކުލަވާލައި މުހައްމަދު އާދަމް ވަނީ އެޓީމާއެކު ކުރިއަށް ދިއުމުގެ އުއްމީދުގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު މެނޭޖްމަންޓުން އެއްބާރުލުން ނުލިބޭކަމަށް ބުނެ އޭނާ ވަނީ ވިކްޓްރީގެ ކޯޗުކަން ދޫކޮށްލާފަ އެވެ. ވިކްޓްރީގެ ކޯޗުކަން މުހައްމަދު އާދަމް ދޫކޮށްލިއިރު އެޓީމުގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އޭގެ ފަހުން އެޓީމުން ލީގުގައި ކުޅުނު ހަތަރު މެޗަކަށް ހާޒިރުވެފަވެސް ނުވެ އެވެ.

މީގެ ކުރިން ސްރީ ލަންކާގެ ޓީމަކަށް ވެސް އިރުޝާދުދިން މުހައްމަދު އާދަމް އަކީ ކުރިން ލެގޫންސް އާއި ވިކްޓްރީއަށް ކުޅުނު ޑިފެންޑަރެކެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު މުހައްމަދު އާދަމް ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބާސްކެޓްގެ އިތުރުން ވޯލީބޯޅައިގެ ބައެއް މަގާމުތައްވެސް ފުރާފަ އެވެ.

ޔުނައިޓެޑް ވިކްޓްރީއާ މުހައްމަދު އާދަމް ހަވާލުވިއިރު 11 މެޗުން ލިބުނު 11 ޕޮއިންޓާއެކު އެޓީމު މިހާރު އޮތީ ތާވަލުގެ ހަތް ވަނައިގަ އެވެ. ނަޒީހުގެ ކޯޗުކަމުގައި ޔުނައިޓެޑް ވިކްޓްރީން ތިން މެޗު ކާމިޔާބުކުރިއިރު ދެ މެޗުން އެއްވަރުގެ ހަ މެޗުން ވަނީ ބަލިވެފަ އެވެ. ވިކްޓްރީއާ އަޅާބަލާއިރު ޔުނައިޓެޑް ވިކްޓްރީގައި އޮތީ ވަރުގަދަ ސްކޮޑެކެވެ. ވިކްޓްރީއަށް މި ސީޒަނުގައި އަދި ޕޮއިންޓެއް ލިބިފައިނުވާއިރު އެޓީމަށް ޖެހުނީ އެންމެ ގޯލެކެވެ. އެއީ މުހައްމަދު އާދަމްގެ އިރުޝާދުގެ ދަށުން ފުރަތަމަ ބުރުގައި ކްލަބް އީގަލްސްއާ ވާދަކުރި މެޗުގައެވެ.

ވޯލްޑް ކަޕް ކޮލިފައިން އާއި ސައުތު އޭޝިއަން ގޭމްސްއަށް ލީގުގެ ކުޅުން މިހާރު މެދުކަނޑާލާފައި ވާއިރު، އަލުން ކުޅުން ފަށާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. ޔުނައިޓެޑް ވިކްޓްރީއާ އެކު މުހައްމަދު އާދަމް ފުރަތަމަ ނުކުންނާނީ ޑިސެމްބަރު 14 ވަނަ ދުވަހު ށ. ފޯކައިދޫ ފުޓްބޯލް ކްލަބާ ދެކޮޅަށެވެ. ވިކްޓްރީ ޓީމާއެކު ފުރަތަމަ ބުރުގައި ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗުން ވިކްޓްރީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *