ސްޕެނިޝް ސުޕަރ ކަޕް މިނީ މުބާރާތަކަށް ބަދަލުކޮށް ގައުމުން ބޭރަށް

Advertisement

ސްޕެނިޝް ސުޕަރ ކަޕް މިނީ މުބާރާތަކަށް ބަދަލުކޮށް ގައުމުން ބޭރަށް

ޢަލީ ޝަހީމް

ސްޕެނިޝް ސުޕަރ ކަޕްގެ ގޮތުގައި ކުޅޭ މެޗު ހަތަރު ޓީމު ވާދަކުރާ މުބާރާތަކަށް ބަދަލުކޮށް މުބާރާތް ސައުދީ އަރަބިއްޔާގައި ބާއްވަން ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ. ތިން އަހަރުގެ މުއްދަތަކަށް ސައުދީ އަރަބިއްޔާގެ ޖިއްދާގައި މުބާރާތް ބާއްވަން ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ އަހަރަކު މަދުވެގެން 37 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ.

މި ސީޒަނުގެ ސްޕެނިޝް ސުޕަރ ކަޕް މުބާރާތް އޮންނާނީ އަންނަ ޖެނުއަރީ މަހު އެވެ. މީގެ ކުރިން ސުޕަރ ކަޕްގައި ކުޅުނީ ލީގުގެ ޗެމްޕިއަނުންނާއި ސްޕެނިޝް ކަޕްގެ ޗެމްޕިއަނުންނެވެ. މުބާރާތަށް އައި ބަދަލާއެކު ވާދަކުރާނެ ހަތަރު ޓީމަކީ، ލީގުގެ ފުރަތަމަ ދެޓީމާއި ސްޕެނިޝް ކަޕްގެ ފައިނަލުގައި ވާދަކުރާ ދެ ޓީމެވެ. މި އުސޫލުން ބަލާއިރު އަންނަ ޖެނުއަރީ މަހު އޮންނަ މުބާރާތުގައި ވާދަކުރާނީ ސްޕެނިޝް ކަޕްގެ ޗެމްޕިއަން ވެލެންސިއާ އާއި ރަނަރަޕް ބާސެލޯނާ އަދި ލީގުގެ ދެ ވަނަ ހޯދި އެތުލެޓިކޯ މެޑްރިޑާއި ތިން ވަނަ ހޯދި ރެއާލް މެޑްރިޑެވެ. ރެއާލް މެޑްރިޑަށް މުބާރާތުން ފުރުސަތު ލިބުނީ ސްޕެނިޝް ކަޕްގެ ފައިނަލުގައި ކުޅުނު ބާސެލޯނާ ލީގު ޗެންޕިއަންކަން ހޯދުމުންނެވެ.

ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި މުބާރާތް ކުޅޭނީ ސެމީ ފައިނަލުގެ ދެ މެޗާއި ފައިނަލް ހިމެނޭ ގޮތަށެވެ. ސެމީގެ ފުރަތަމަ މެޗުގައި ޖެނުއަރީ އަށް ވަނަ ދުވަހު ވެލެންސިއާ އާއި ރެއާލް ވާދަކުރާއިރު ޖެހިގެން އަންނަ ދުވަހު ކުޅޭ ސެމީގެ ދެ ވަނަ މެޗުގައި އެތުލެޓިކޯ އާއި ބާސެލޯނާ ވާދަކުރާނެ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖެނުއަރީ 12 ވަނަ ދުވަހު އެވެ.

ފުޓްބޯޅައިގެ ފޯރި އިތުރުކުރުމަށް ސައުދީ އިން އަންނަނީ ޔޫރަޕްގެ ޓީމުތައް އެ ގައުމުގައި މެޗުތައް ކުޅޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ. އެގައުމުން ވަނީ މިދިޔަ ސީޒަނުގެ އިޓާލިއަން ސުޕަރ ކަޕްގައި އޭސީ މިލާނާއި ޔުވެންޓަސް ވާދަކުރި މެޗު ވެސް ބާއްވާފަ އެވެ. 60 ހާސް މީހުން ކުޅިބަލަން ވަން އެ މެޗު 1-0 އިން ކާމިޔާބުކުރީ ޔުވެންޓަސް އެވެ.

ސްޕެނިޝް ސުޕަރ ކަޕް މިނީ މުބާރާތަކަށް ބަދަލުކޮށް ގައުމުން ބޭރުގައި ކުޅޭގޮތަށް ހަމަޖެއްސުމުން ވާދަވެރިކަން އިތުރުވެ ސައުދީގެ ފުޓްބޯޅައަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *