ކްލަބް ވާދަވެރިކަން ގައުމީ ޓީމަށް ގެންދިއުމުން ސްޓާލިން ޓީމުން ބާކީކޮށްފި

Advertisement

ކްލަބް ވާދަވެރިކަން ގައުމީ ޓީމަށް ގެންދިއުމުން ސްޓާލިން ޓީމުން ބާކީކޮށްފި

ޢަލީ ޝަހީމް

ވާދަވެރި ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒްއާ ދެމެދު އިންގްލެންޑުގެ ފަރިތަކުރުންތަކުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ޔޫރޯ ކޮލިފައިންގައި މި ހަފްތާ އެގައުމުން މޮންޓެނީގްރޯއާ ދެކޮޅަށް ކުޅޭ މެޗުގެ ޓީމުން މެންޗެސްޓަރ ސިޓީގެ ރަހީމް ސްޓާލިން ބާކީކޮށްފި އެވެ. އިނގިރޭސި ޓީމުން ކޯޗު ގަރެތު ސައުތުގޭޓް ސްޓާލިން ބާކީކުރީ މޮންޓެނީގްރޯ މެޗަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ފަރިތަކުރުންތަކުގައި ގޯމޭޒްއާ ތަޅާފޮޅުމުންނެވެ.

މި ދެކުޅުންތެރިންގެ ހަމަނުޖެހުން އެންމެ ފުރަތަމަ ފެށުނީ މިދިޔަ އާދީއްތަ ދުވަހު ލީގުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި 3-1 އިން ސިޓީ ބަލިކުރި މެޗުންނެވެ. އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގޯމޭޒް ސްޓާލިންއަށް ކުރި ފައުލަކާއި ގުޅިގެން ހަމަނުޖެހުމުން ހިނގައި ނުރުހުގެ ބަސްތައް ދެކުޅުންތެރިން ބަދަލުކުރި އެވެ. އާއްމުކޮށް މެޗަށްފަހު އެފަދަ ކަންކަން ކުޅުންތެރިންގެ މެދުގައި ހައްލުވާ ނަމަވެސް، އިންގްލެންޑުގެ މި ދެކުޅުންތެރިންގެ ހިތްހަމަނުޖެހުން އިތުރަށް ބޮޑުވީ މޮންޓްނީގްރޯ މެޗަށް ތައްޔާރުވުމަށް ބޭއްވި ފުރަތަމަ ފަރިތަކުރުމުގަ އެވެ.

Advertisement

ދެކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމާއެކު އިންގްލެންޑުން ވަނީ މޮންޓެނީގްރޯ މެޗުގެ ޓީމުން ސްޓާލިން ބާކީކުރިކަން ހާމަކުރަން ބަޔާނެއް ނެރެފަ އެވެ. އެކަމަކު އެ މައްސަލައިގައި ސްޓާލިން ބުނީ އެސްޓީ ޖިއޯޖް ޕާކުގައި އިންގްލެންޑުން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި ގޯމޭޒްއާ ދެމެދު ހިނގި ކަންތައް ވަގުތުން ހަނދާން ނައްތާލައި ދެ ކުޅުންތެރިން އޭގެ ފަހުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ކަމަށެވެ.

ސްޓާލިން ޓީމުން ބާކީކުރި މައްސަލައިގައި ކޯޗު ސައުތުގޭޓް ވަނީ ފަރިތަކުރުމުގެ ތެރެއިން ހިނގި ކަންތައް މީޑިއާއިން ލީކު ކޮށްލުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކޯޗު ބުނީ ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދަނީ އެކަހެރިކޮށް ކަމަށާއި، ފަރިތަކުރުންތަކުގައި ހިނގާ އެފަދަ ކަންކަން މީޑިއާއިން ރިޕޯޓް ނުކުރަން އެދޭ ކަމަށެވެ.

ކޮލިފައިންގައި މޮންޓެނީގްރޯއާ ދެކޮޅަށް އިންގްލެންޑް ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. ގްރޫޕް އޭގައި ކުޅުނު ހަ މެޗުން 15 ޕޮއިންޓް ހޯދައި އިންގްލެންޑް އޮތީ އެއް ވަނައިގަ އެވެ. ވެމްބްލީ ސްޓޭޑިއަމްގައި މޮންޓެނީގްރޯއާ އެއްވަރު ކޮށްލައިގެން ވެސް އިންގްލެންޑަށް އަންނަ އަހަރު އޮންނަ ޔޫރޯއިން ފުރުސަތު ލިބޭނެ އެވެ. މޮންޓެނީގްރޯ މެޗަށް ފަހު ކޮލިފައިންގެ ފަހު މެޗުގައި އިންގްލެންޑް ނުކުންނާނީ ކޮސޯވޯއާ ދެކޮޅަށެވެ.

ސްޓާލިން އަކީ އިންގްލެންޑް ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ކޮލިފައިންގައި އިންގްލެންޑުން ކުޅުނު ފުރަތަމަ ހަ މެޗުގައި ސްޓާލިން ވަނީ އަށް ގޯލު ޖަހައި މުހިއްމު ގޯލުތަކެއް ޖަހަން މަގުފަހި ކޮށްދީފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *