ބޮޑު ކާމިޔާބީއަށްފަހު ތިމަރަފުށީގެ އާދޭސް: ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަސްކޮށްދީ!

Advertisement

ބޮޑު ކާމިޔާބީއަށްފަހު ތިމަރަފުށީގެ އާދޭސް: ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަސްކޮށްދީ!

ޢަބްދުﷲ އަޝްރަފް

އަތޮޅުތެރޭގައި ފުޓްބޯޅައިގެ ޓެލެންޓް ހިތަކަށް އޮތް ވާހަކައަކީ ދިވެހި ފުޓްބޯޅައިގައި އާ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ގައުމީ ފެންވަރުގައި ކުޅޭ ފުޓްބޯޅަ މުބާރާތްތަކުގައި އަތޮޅުތެރޭގެ ބައިވެރިވުން އިތުރުކޮށް ފުޓްބޯޅަ ކުޅެވޭނެ ރަގަޅު ވަސީލަތްތައް އަތޮޅުތެރޭގައި ގާއިމުކުރަންޖެހޭކަން ފުޓްބޯޅައިގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ރަނގަޅަށް އެގެއެވެ. ނަތީޖާއެއްގެ ގޮތުން އަތޮޅުތެރޭގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑުތަކެއް ހަދަން ސަރުކާރުން އިސް ނަގައިގެން ބޮޑު މަޝްރޫއެއް ފެށުމަކީ އުފާކުރަންޖެހޭ ކަމަކަށްވާއިރު ފުޓްބޯޅައިގެ ޓެލެންޓް އެންމެ ވަރުގަދައަށް އޮތް ބައެއް ރަށްރަށަށް ދޭންވާ ހާއްސަ އިސްކަން އެ މަސައްކަތުގައި ދެވިފައިނެތުމަކީ އެރަށްރަށުގެ ގިނަ ބަޔަކަށް އޮތް ކަންބޮޑުވުމެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ރަށަކީ ތ. ތިމަރަފުށްޓެވެ.

ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ ލީގުކަމަށްވާ ދިވެހި ޕްރިމިއާ ލީގުން މިވަގުތު ފެންނަން ނެތަސް ތިމަރަފުށްޓަކީ މިހާރު އަތޮޅުތެރޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ނަމެވެ. އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ރަސްމީ އިދާރާތަކާއި އަމިއްލަ އެކި ފަރާތްތަކުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތްތަކާއި ފުޓްސަލް މުބާރާތްތަކުން މިފަހަކަށް އައިސް ތިމަރަފުށި ހޯދައިފައިވާ ކާމިޔާބީތައް އެކަނިވެސް އޭގެ ހެއްކަކަށް ފުދެ އެވެ. އަތޮޅުތެރެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ތިމަރަފުށްޓެވެ. މުބާރާތް ބާއްވަން ފެށިތާ ހަތަރު އަހަރު ވީއިރު ތިމަރަފުށިންވަނީ މުބާރާތުގެ ފައިނަލްގައި ދެ ފަހަރު ވާދަކޮށްފަ އެވެ. އިހަކަށް ދުވަހު ތިމަރަފުށިން އެ ހޯދީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތްކަމަށްވާ ގޯލްޑެން ފުޓްސަލް މުބާރާތުގެ ތަށްޓެވެ. އެ ކާމިޔާބީއާ އެކު އެރަށުގެ ނަން މުބާރާތުގެ ތާރީހުގައި ލިޔެވުނީ މުބާރާތް ދެފަހަރަށް ކާމިޔާބުކުރި ހަމައެކަނި ރަށުގެ ޝަރަފާއެކު އެވެ.

އެތައް މަސައްކަތަކުން މިހުރިހާ ކާމިޔާބީއެއް ތިމަރަފުށިން ހޯދިއިރު ފުޓްބޯޅައަށް މަރުދޭ އެރަށުގެ ގިނަ ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަމަށް ސަރުކާރުން މާބޮޑު ސަމާލުކަމެއް ދިންތަން ނުފެނުމެވެ. އަތޮޅުތެރޭގެ ހަތް ރަށެއްގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑުތަކެއް ހެދުމަށްޓަކައި ފަސްގަނޑު އެއްވަރުކޮށް ސަބް ބޭސް އެޅުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރިއިރު އެރަށްތަކުގެ ތެރޭގައި ތިމަރަފުށި ހިމެނުނު ނަމަވެސް މަސައްކަތުގެ މުއްދަތު ހަމަވާން ގާތްގަނޑަކަށް 15 ވަރަކަށް ދުވަހަށްވީއިރުވެސް އެއްވެސް އަމަލީ މަސައްކަތެއް އަދި ފަށާފައެއް ނުވެ އެވެ. އެކަމުގެ މާޔޫސްކަމުގައި ތިމަރަފުށީގެ ޒުވާނުން ތިއްބައި ދެން އިވުނު ވާހަކައަކީ އެ މީހުންނަށް ބަލައިގަންނަން އެހާ ފަސޭހަ ވާހަކައަކަށް ނުވިއެވެ. އަތޮޅުތެރޭގެ 13 ރަށެއްގައި އޮތް ފުޓްބޯޅަ ދަނޑު ފީފާ ގަބޫލުކުރާ ފެންވަރުގެ ޓާފް އަޅައިގެން ތަރައްގީކުރުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އިއްޔެ އަމީން ކޮންސްޓްރަކްޝަންސްއާ ހަވާލުކުރިއިރު އެރަށްތަކުގެ ތެރޭގައި ތިމަރަފުށްޓެއް ނުހިމެނެ އެވެ. އެކަމަކު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތިމަރަފުށީގެ ދަނޑާއެކު ސަބް ބޭސް އަޅަން އެމްޓީސީސީ އާ ހަވާލުކުރި ބައެއް ރަށްރަށުގެ ދަނޑުތައް ޓާފް އަޅަން އަމީން ކޮންސްޓްރަކްޝަންސް އާއި އިއްޔެ ހަވާލުކުރި ދަނޑުތަކުގެ ތެރޭގައި ހިމެނެ އެވެ. ތިމަރަފުށީގެ ބައެއް ޒުވާނުން ގަބޫލުކުރާ ގޮތުގައި މިއީ އިންސާފެއް ނޫނެވެ.

“މުޅި ދިވެހިރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތްތަކުގައި އަޅުގަނޑުމެން ހޯދަމުން މިގެންދާ ކާމިޔާބީއަށް މިއީ އިންސާފުތޯ؟” ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ޓެގްކޮށް ތިމަރަފުށި ސްޕޯޓްސް ކްލަބުން އިއްޔެ ފޭސްބުކްގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ލިޔެފައިވެ އެވެ.

ފުޓްބޯޅައިގެ ވިސްނުމަކުން ވިސްނައިފި ނަމަ ތިމަރަފުށީގެ ރައްޔިތުންގެ ކަންބޮޑުވުމަކީ ސީރިއަސްކަމާއެކު ސަރުކާރާއި ރާއްޖޭގެ ފުޓްބޯޅައާ ގުޅުންހުރި ރަސްމީ އިދާރާތަކުން ބަލައިގަންނަން ޖެހޭ ކަމެއްގެ ގޮތުގައި ފުޓްބޯޅައިގައި އިސްކޮށް ހަރަކާތްތެރިވާ ތިމަރަފުށީގެ ފަރާތްތަކުން ދެކެ އެވެ.

“ތިމަރަފުށްޓަކީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ ބޯން ޓެލެންޓެޑް ކުދިން އުފަންވާ ހާއްޔެކޭ ބުނެވިދާނެ. އަޅުގަނޑަށް އެނގޭ ތިމަރަފުށީގަ ފުޓްބޯޅަ ކުޅެން މިއުޅޭ ހުރިހާ ކުދިންގެ ޓެލެންޓް ހުރިވަރު. އެ ކުޅުންތެރިންގެ ފެންވަރު އަޅުގަނޑަށް އެނގޭ. އަޅުގަނޑު އެންމެ ފަހުން ގޯލްޑެން ފުޓްސަލްގަ ބައިވެރިކޮށް ތަށި ނެގި ޓީމް ވަރުގެ ތިން ހަތަރު ސްކޮޑް އަދި ތިމަރަފުށިން ނެގޭނެ. އޭގެ އިތުރުން މިދިޔަ އަހަރު މިނިވަން ފަންސާސް މުބާރާތުގައި ބައިވެރިވެ ތަށި ހޯދި ޓީމް ފިޔަވައި އިތުރު ދެ ޓީމް އަދިވެސް ރަށުން ނެގިދާނެ. ހަގީގަތުގަ ފުޓްބޯޅައިގެ އެހެން ލެވަލްއަކަށް ތިމަރަފުށި ނުގެންދެވިގެން މިއުޅޭ ސަބަބަކީ ސަރުކާރުތަކުން ތިމަރަފުށީގައި ފުޓްބޯޅައިގެ ފެސިލިޓީސް ގާއިމްކޮށްދިނުމަށް ދޭންޖެހޭ ސަމާލުކަން ދީފައިނެތުމުގެ ސަބަބުން ކުރިއަށްދެވޭނެ ފުރުސަތުތައް ނެތުން” މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނިމުނު ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ތަށި ތިމަރަފުށްޓަށް ކާމިޔާބުކޮށްދިން ކޯޗް އަލީ ފަހުމީ “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

“އަހަރެމެން ބޭނުން މާޒިޔާ ކަހަލަ ޓީމްތަކުގައި އެ އޮންނަ ކަހަލަ އެކަޑަމީ އެއް ރަށުގަ އޮންނަން. އަހަރެމެންގެ ރަށުގަވެސް އެބަތިބި ކުރިން ފުޓްބޯޅަ ކުޅެފައިތިބި ތިމަރަފުށީގެ ލެޖެންޑުން. އެމީހުންނާއިވެސް ހަވާލުކޮށްގެން ފުޓްބޯޅައިގެ ހުނަރުހުރި ކުދިންނަށް ތަމްރީން ދިނުމުގެ ފުރުސަތު އޮތީސް ތިމަރަފުށީގަ ރަނގަޅު ފެސިލިޓީސް އޮތްނަމަ.” ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވި ތިމަރަފުށި ފުޓްސަލް ޓީމްގެ މެނޭޖަރު އަލީ ނިޝާދު ވެސް “ފަހުމިނެޓް” އާ ވާހަކަދައްކަމުން ފާހަގަކުރީ ތިމަރަފުށީގައި އޮތް ފުޓްބޯޅައިގެ ހުނަރު ތަރައްގީކުރަން އޮތް ގޮންޖެހުންތަކުގެ ވާހަކަ އެވެ.

އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ފުޓްބޯޅައިގެ ހުނަރު ފާހަގަވާ މިންވަރަށް ފެންނަންހުރި އެހެން ބައެއް ރަށްތަކެކޭ އެއް ފަދައިން ތިމަރަފުށްޓަށް ވެސް ފުޓްބޯޅައިގައި ކުރިއަށްދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަގަޅު ފެންވަރުގެ ދަނޑެއް ނެތުމެވެ. އެ ސަބަބާހުރެ ފުޓްބޯޅައިގެ ފޯރި ރަށުގައި އިތުރުކުރުމަށް މުބާރާތްތައް އިންތިޒާމްކޮށް ހިންގުންވެސް އޮތީ ތަކްލީފަކަށްވެފަ އެވެ.

“ތިމަރަފުށީގަ އޮތް ދެ ދަނޑުވެސް އޮތް ގޮތް އެއޮތީ. ފުޓްސަލްގަ އޮތީ މީގެ ހަތަރުވަރަކަށް އަހަރުކުރިން އެޅި މެޓް ދަނޑެއް. އެ ދަނޑުވެސް އޮތީ މެޓްތައް ނެއްޓި މަރާމާތުކުރަންޖެހޭ ހިސާބަށް ގޮސްފަ. ދެން އޮތީ ބޮޑު ދަނޑު. އެދަނޑުގަވެސް ގިނައީ ގާ. ކޮންމެ ފަހަރަކު މުބާރާތެއް ކުޅެންވީމަ މިޖެހެނީ އެންމެން ނުކުމެ ދަނޑު ސާފުކުރަން. މިއެއް ނޫން މިކަން އޮންނަން ޖެހޭނެ ގޮތަކީ. އެހެންވީމަ މިކަންކަން އެބަ ޖެހޭ ބަދަލުވާން. ތިމަރަފުށި ފުޓްބޯޅައާއި ފުޓްސަލްގަ ހޯދާ ކާމިޔާބީއަށް ބަލާފަވެސް ސަރުކާރުން އެބަޖެހޭ ތިމަރަފުށްޓަށް އިސްކަންދޭން.” ނިޝާދު ބުނެފައިވެ އެވެ.

ތިމަރަފުށި ކަހަލަ ފުޓްބޯޅައިގެ ފޯރި އާއި ހުނަރު އޮތް ރަށްރަށަށް ދޭންޖެހޭ އިސްކަން ނުދީ ދޫކޮށްލުމަކީ ދިވެހި ފުޓްބޯޅައިގެ ކުރިއެރުމަށް އެޅޭނެ ހުރަހެކެވެ. ފުޓްބޯޅައިގައި ކުރިއަށްދާން އެފަދަ ރަށްރަށުގެ ރައްޔިތުން ވަމުން އަންނަ ގުރުބާނީ އަކީ އާދައިގެ ކަމެއް ނޫނެވެ. އެތައް ގޮންޖެހުންތަކަކާއެކު ވެސް ފުޓްބޯޅައަށް އެމީހުންގެ ހިތުގައި އޮތް ލޯބި ކަފުންވިޔަ ނުދީ ދަމަހައްޓަމުން އެ އަންނަނީ އުއްމީދުތަކެއް ވެސް އެމީހުންގެ އޮތީމަ އެވެ. މުޅި ރާއްޖޭގެ ފުޓްބޯޅައަށް ކުރިއެރުން ލިބެން އޮތީ އެކަންކަމާއިމެދު ވިސްނައި އެފަރާތްތަކުގެ އާދޭސްތަކަށް ހައްލެއް ހޯދައިދެވޭ ހިސާބުގައި ތިއްބެވި ފަރާތްތަކުން އީޖާބީ ގޮތެއްގައި މަސައްކަތްކޮށްގެން ކަން ޔަގީނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *