އާ ސީޒަނަށް ދެ މަސް، ސަޕޯޓް ކުރާ ޓީމުގެ ހާލަކީ ކޮބާ؟

Advertisement

އާ ސީޒަނަށް ދެ މަސް، ސަޕޯޓް ކުރާ ޓީމުގެ ހާލަކީ ކޮބާ؟

އައްބާސް

ޔޫރަޕްގެ ފުޓްބޯޅަ ލީގުތަކުން ނޮވެމްބަރު މަހާ ކުރިމަތިލާއިރު ލީގުތަކުގައި ތަށްޓަށް ވާދަކުރާނެ ޓީމުތަކާއި ރެލިގޭޝަނާއި ހަނގުރާމަ ކުރާނެ ޓީމުތައް ފަނޑުފަނޑުކޮށް ނަމަވެސް މިއަންނަނީ ފާހަގަވަމުންނެވެ. މިހެން ބުނިކަމުގައި ވިޔަސް ކުރިއަށް ލީގުގެ ބޮޑުބައި އޮތުމާއެކު ލީގުގައި ޓީމުގެ ފޯމަށް އަންނަ ބަދަލެއްގެ ސަބަބުން މިވަގުތު އޮތް ހާލަތާއި މުޅިން ތަފާތު ހާލަތަކަށް ޓީމެއް ދިއުމަކީ ހަމަ ވަރަށް ވުން އެކަށީގެންވާ ކަމެކެވެ. ބައެއް މަޝްހޫރު ޓީމުތަކުން ވަރަށް އާދައިގެ ގޮތަކަށް ލީގު ފެށިނަމަވެސް މިހާރު އެޓީމުތައް ވަނީ އެމީހުންގެ އަސްލު ކުޅުމާއެކު ސަޕޯޓަރުން ހެއްވާލާފަ އެވެ. އޭގެތެރޭގައި ބާސެލޯނާ އާއި ޗެލްސީ ފާހަގަކޮށްލެވެ އެވެ. ބައެއް އެހެން ޓީމުތައް ލީގު ފެށުނުއިރު ބަދަލެއް ގެންނާނެޔޭ ހީކުރެވުނު ގޮތަކަށް ކުޅޭތަން އެބަފެނޭމެ އެވެ. އޭގެތެރޭގައި އިޓަލީގެ އިންޓަ މިލާން ފާހަގަކޮށްލެވެ އެވެ. ބައެއް އެހެންޓީމުތައް ރަނގަޅަށް ފަށައިގެން ކަމުގައިވިޔަސް މިހާރު ވަރަށް ބޮޑަށް އަޑިއަޅާލާފައިވާތަންވެސް ފެންނަމުން އެބަދެ އެވެ. މެންޗެސްޓަރ ޔުނައިޓެޑަކީ އެދަފަ ޓީމެކެވެ.

ޔޫރަޕްގެ މަޝްހޫރު ލީގުތަކުގެ ތެރެއިން ފްރާންސް ލީގުގައި ކޮންމެ ޓީމެއް 10މެޗު އަދި އިނގިރޭސި ލީގާއި ސްޕޭން ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް 9 މެޗް ކުޅެފައިވާއިރު އިޓަލީގެ ސެރިއާ އަދި ޖަރުމަންގެ ބުންޑަސްލީގާގައި އަދި ކުޅެފައިވަނީ 8 މެޗެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ޔުރޮޕާ ލީގުގައި ވާދަކުރާ ޓީމުތައް ވަނީ ކޮންމެ ޓީމެއް މިހާތަނަށް އައި އިރު 3 މެޗް ކުޅެފައެވެ. މިހާހިސާބުން މިބަލާލަނީ ޔޫރަޕާއި ޔޫރަޕުން ބޭރުގެ އެކި ލީގުތަކުގައި މި ސީޒަނުގައި މިއަދާ ހަމައަށް ކުޅެފައިވާ މެޗްތަކަށް ބަލާފައި މިވަގުތު އެންމެ މޮޅުކަމަށް އީއެސްޕީއެން އިން ފާހަގަކޮށްފައިވާ ދިހަ ޓީމުގެ ލިސްޓެވެ. ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ތަރުތީބު ކުރެވުނު ލިސްޓާއި އަޅާބަލާއިރު މި ލިސްޓުގައި ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވެ އެވެ.

10 – ބަޔާން މިއުނިކް (ޖަރުމަން)

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އޯސްބާގާއި އެއްވަރުވީ އެންމެ ފަހު ވަގުތު ގޯލެއް ބައިކޮޅަށް ވަދެގެންނެވެ. ބަޔާން މިވަގުތު ޓޭބަލްގެ 3 ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ޓީމަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެންނެވެ. ޗެމްޕިއަންސް ލީގުގައި މިހާތަނަށް 3 މެޗުން 9 ޕޮއިންޓް ހޯދިއަސް އެންމެފަހުން ގްރީސް ގައި 3 ޕޮއިންޓް ކަށަވަރުވީ ހަމަކިރިޔާ އެވެ.

9- އިންޓަރ މިލާން (އިޓަލީ)

ލީގުގައި ސަސޫލޯ އާއި އެންމެ ފަހުން ކުޅުނު މެޗުގައި 7 ގޯލް ފެނިގެން ދިޔައިރު އެމެޗު ކާމިޔާބުކޮށް އިންޓަރ ވަނީ ޓޭބަލްގެ ދެ ވަނަ މަގާމުގައި ފައި ހަރުކޮށްފަ އެވެ. ލީގުގައި މިހާތަނަށް އެމީހުންނަށް ޕޮއިންޓް ގެއްލުނީ ޔުވެންޓަސް އަތުންނެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް އިންޓަރ ވަނީ ޓޭބަލްގެ ދެވަނައިގަ އެވެ.

8- ރިވަރ ޕްލޭޓް (އާޖެންޓީނާ)

ކޮޕަ ލިބެޓަޑޯރަސް ގެ މިހާރު ޗެމްޕިއަން ޓީމު ކަމަށްވާ އާޖެންޓިނާގެ ރިވަރ ޕްލޭޓް މިވަނީ އެޓީމުގެ އެންމެ ވާދަވެރި ބޮކާ ޖޫނިއަސް ހަނިގޮތަކަށް ބަލިކޮށް މިފަހަރުގެ ފައިނަލުން ވެސް ޖާގަ ހޯދާފަ އެވެ. މިދިޔައަހަރު މިފައިނަލްގެ އެންމެ ފަހު ލެގު ކުޅެވުނީ ސަޕޯޓަރުންގެ އުދަނގުލާހެދި ރިވަރ ޕްލޭޓްގެ ދަނޑުގެ ބަދަލުގައި ސްޕޭންގެ ރެއާލް މެޑްރިޑްގެ ދަނޑު ކަމުގައިވާ ސެންޓިއާގޯ ބަނަބޭއުގަ އެވެ. އެމެޗުގައި ރިވަރ ޕްލޭޓާއި ދެކޮޅަށް ނިކުތީވެސް ހަމަ ބޮކާޖޫނިއަސް އެވެ. މިފަހަރުގެ ފައިނަލްގައި ރިވަރ ޕްލޭޓާއި ދެކޮޅަށް ނިކުންނާނީ ބްރެޒިލްގެ ފުލެމިންގޯ އެވެ.

7- ޗެލްސީ (އިނގިރޭސި ވިލާތް)

ލީގުގެ ފެށުން ދަށްކޮށް ދިޔަނަމަވެސް ފްރެންކް ލަމްޕާޑާއި އޭނާގެ ޓީމުން މިވަނީ ކުޅުން ރަނގަޅުކޮށް 9 މެޗުން 17 ޕޮއިންޓް ހަމަކޮށް ޓޭބަލްގެ 4 ވަނައަށް އަރާފަ އެވެ. އެންމެ ފަހުން ކުޅުނު ދެމެޗުގައި ބައިކޮޅަށް ގޯލެއް ވަދެފައި ނުވާއިރު ޗެމްޕިއަންސް ލީގުގައި މި ހަފުތާގައި އަޔަކްސް ބަލިކޮށް ޗެލްސީ އިން ވަނީ ގްރޫޕުގެ އެއް ވަނަ އަށް އަރާފަ އެވެ.

6- ފްލެމިންގޯ (ބުރެޒިލް)

ބްރެޒިލް ލީގުގައި ފްލެމިންގޯ މިހާރު އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ޕަލްމެއިރާސް އަށްވުރެ 10 ޕޮއިންޓް ކުރީގަ އެވެ. އަދި އެމީހުން ވަނީ ހަމަ އެލީގުގައި ކުޅޭ ގުރޭމިއޯ ބަލިކޮށް 1981 ގެ ފަހުން ފުރަތަމަ ފަހަރަށް ކޮޕަ ލިބެޓަޑޯރަސް ގެ ފައިނަލުން ޖާގަ ހޯދާފަ އެވެ. ފައިނަލުގައި ފްލެމިންގޯ ނިކުންނާނީ މިހާރުގެ ޗެމްޕިއަން އާޖެންޓީނާގެ ރިވަރ ޕްލޭޓާއި ދެކޮޅަށެވެ.

5- މެންޗެސްޓަރ ސިޓީ (އިނގިރޭސި ވިލާތް)

ތިން މިނިޓްގެ ތެރޭގައި ދެގޯލު ޖަހައިގެން މިދިޔަ ހަފްތާގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ލީގު ލީޑަރު ލިވަޕޫލާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފައިވާއިރު ޗެމްޕިއަންސް ލީގުގައި ސިޓީވަނީ 3 މެޗުން 3 މޮޅު ހޯދާ ޓޭބަލްގެ އެންމެ ކުރީގަ އެވެ. އެންމެ ފަހުން އިޓަލީގެ އެޓްލާންޓާއާއި ދެކޮޅަށް ކުޅުނު މެޗުގައި ބައިކޮޅަށް ލަނޑެއް ވަނުމަށްފަހު ސިޓީއިން ވަނީ ފަހަތުން އަރާ ފަސްގޯލު ޖަހާ މެޗު ކާމިޔާބު ކޮށްފަ އެވެ. މިމެޗުގައި ރަހީމް ސްޓާލިން ހެދި ހެޓްރިކަކީ ޗެމްޕިއަންސް ލީގުގެ އެންމެ އަވަސް ހެޓްރިކްތަކުގެ ތެރޭގައި ހިމެނޭ ހެޓްރިކެކެވެ.

4- ޕީއެސްޖީ (ފްރާންސް)

ފްރެންޗް ލީގު 1 ގައި 5 ޕޮއިންޓްގެ ލީޑަކާއެކު އެއް ވަނައިގައި އޮތް އިރު ނޭމާ އާއި ނުލާވެސް ޕީއެސްޖީ ވަނީ އެންމެ ފަހުން ކުޅުނު 3 މެޗުގައި 13 ގޯލު ޖަހާފަ އެވެ. މި ގޯލުތަކުގެ ތެރޭގައި ކިލިއަން އެމްބާޕޭގެ 4 ގޯލާއި މައުރޯ އިކާޑީގެ 3 ގޯލާއި އަންހެލް ޑި މާރިއާގެ 2 ގޯލު ފާހަގަކޮށްލެވެ އެވެ. ޗެމްޕިއަންސް ލީގުގައި 3 މެޗުން 9 ގޯލު ޖަހައިގެން 3 މޮޅު ހޯދާފައިވާއިރު އެޓީމު ކޮޅަށް ބައިކޮޅަށް ގޯލެއް އަދި ވަދެފައިނުވާކަން ފާހަގަކޮށްލެވެ އެވެ.

3- ލިވަޕޫލް (އިނގިރޭސި ވިލާތް)

ވިދިވިދިގެން 18 މެޗުން މޮޅުވެގެން މެންޗެސްޓަރ ސިޓީ ހަދާފައި އޮރް ރެކޯޑާއި ހަމަކުރުމަށް ނިކުތް ލިވަޕޫލަށް ނިމި ދިޔަ ހަފުތާގައި ހުރަސްއެޅީ މިވަގުތު ޓޭބަލްގެ ވަރަށް ފަހަތުގައި އުޅޭ މެންޗެސްޓަރ ޔުނައިޓެޑެވެ. އެހެން ނަމަވެސް އަދިވެސް ލިވަޕޫލް އޮތީ ލީގުގެ އެއް ވަނައިގައި 5 ޕޮއިންޓްގެ ލީޑަކާއެކުގަ އެވެ. ލިވަޕޫލް މިހާތަނަށް އައި އިރު ލީގު ގައި ބަލިވެފައެއްނުވެ އެވެ. އަދި ޗެމްޕިއަންސް ލީގުގައި މިހަފްތާގައި ލިވަޕޫލް ވަނީ ރަށުން ބޭރުގައި ބޮޑުތަފާތަކުން ގެންކް ބަލިކޮށްފަ އެވެ.

2- ބާސެލޯނާ (ސްޕޭން)

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެއިބާ އާއި ދެކޮޅަށް ނިކުމެ ބާސެލޯނާގެ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އަދި އޮންޓުއަން ގްރީޒްމަން ވަނީ އެއް މެޗުގައި ފުރަތަމަ ފަހަރަށް މި ތިންކުޅުންތެރިން ގޯލް ޖަހާފަ އެވެ.  އަދި ލީގު ލީޑަރު ރެއާލް މެޑްރިޑް މަލާގާ އަތުން ބަލިވުމުގެ ފައިދާ ނަގައި ބާސެލޯނާ މިހާރުވަނީ ލީގުގެ އެއް ވަނައަށް ޖެހިލާފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ސްލާވިއާ ޕްރާހާ ބަލިކޮށް ބާސެލޯނާ އޮތީ ގްރޫޕުގެ އެންމެ ކުރީގަ އެވެ.

1- ޔުވެންޓަސް (އިޓަލީ)

ލީގުގައި މިހާތަނަށް ޔުވެންޓަސް ބަލިވެފައި ނުވާއިރު އެޓީމު އޮތީ ޓޭބަލްގެ އެންމެކުރީގަ އެވެ. ލީގުގައި އެންމެ ފަހުން ބޮލޯނިއާ އަތުން އަމިއްލަ ދަނޑުގައި އެޓީމު މޮޅުވީ 2-1ން ނެވެ. ގިނަ ގޯލުތަކެއް އެޓީމުގެ ފަރާތުން ނުފެނުނު ކަމުގައިވިޔަސް ޕައޮލޯ ޑިބާލާ ތިން މިނިޓްގެ ތެރޭގައި ޖެހި ދެގޯލާ އެކު ޔުވެންޓަސް އިން މިހަފްތާގައި ވަނީ ޗެމްޕިއަންސް ލީގުގައި ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯ ބަލިކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ގުރޫޕް ޑީގެ އެންމެ ކުރީގައި އެޓީމު އޮތީ 7 ޕޮއިންޓް ހޯދައިގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *