ޔޫރޯ ކޮލިފައިން: މިފަހަރު ހައިރާންވާ ވަރުގެ ކަމެއް ފެނިދާނެތަ؟

Advertisement

ޔޫރޯ ކޮލިފައިން: މިފަހަރު ހައިރާންވާ ވަރުގެ ކަމެއް ފެނިދާނެތަ؟

އައްބާސް

އަންނަ އަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 24 ޓީމު ވާދަ ކުރާނެ އެވެ. މި މުބާރާތަށް ކޮލިފައިވުމަށްޓަކައި ކުޅެވޭ ކޮލިފައިން މެޗްތައް މިހާރު ނިމުމަކާ ގާތްވަފައިވާއިރު ބައެއް ޓީމުތައްމިހާރު ވަނީ މި މުބާރާތުގެ ފައިނަލް ބުރުން ޖާގަ ހޯދާފަ އެވެ. އަދި ބައެއް އެހެން ޓީމުތައް ތިބީ މިއަންނަ މަހު ކުޅެވޭ ކޮލިފައިންގެ އެންމެ ފަހު ބުރުގެ އިންތިޒާރުގަ އެވެ. މިހާ ހިސާބުން މި ބަލާލަނީ މި މުބާރާތަށް ކޮލިފައިވެފައިވާ ޓީމުތަކާއި އަދި އެކިއެކި ގުރޫޕުތަކުން ދެން ކޮލިފައިވުމަށްޓަކާ މަސައްކަތް ކުރަމުންދާ ޓީމުތަކަށް އެފުރުސަތު އޮތް މިންވަރެއްގެ މައްޗަށެވެ.

ކޮލިފިކޭޝަން މެޗުތައް ކުރިއަށް ދަނީ ޔޫރަޕްގެ ގައުމުތައް 10 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ފަސް ޓީމު ނުވަތަ ހަޓީމު ވާދަކުރެ އެވެ. ކޮންމެ ގުރޫޕަކުންވެސް އެންމެ ކުރި ހޯދާ ދެޓީމު ކޮލިފައިވާނެ އެވެ. ދެން ބާކީ އޮތް 4 ޖާގަލިބޭނީ މިދިޔަ އަހަރު ކުޅެވުނު ޔޫއެފާ ނޭޝަންސް ލީގުގެ ނަތިޖާއަށް ބަލައި އެކި ޑިވިޝަންތަކުގެ އެކި ގުރޫޕުތަކުން ކުރި ހޯދާފައިވާ 16 ޓީމު 4 ޓީމުގެ 4 ގުރޫޕުގައި ކުޅޭ އެއް ލެގުގެ ސެމީ ފައިނަލަށް ފަހު ފައިނަލަށްގޮސް އެ ފައިނަލް ކާމިޔާބު ކުރާ ހަތަރު ޓީމަށެވެ.

މިހާތަނަށް ކޮލިފައިވެފައިވާ ޓީމުތައް:

ބެލްޖިއަމް، އިޓަލީ، ޕޮލެންޑް، ރަޝިޔާ، ސްޕޭން، އަދި ޔޫކްރޭން

ގުރޫޕް އޭ

14 ނޮވެމްބަރު: އިންގްލެންޑް – މޮންޓެނީގުރޯ     ޗެކްރިޕަބްލިކް – ކޮސޮވޯ

17 ނޮވެމްބަރު: ބަލްގޭރިއާ – ޗެކްރިޕަބްލިކް      ކޮސޮވޯ – އިންގްލެންޑް

މިގުރޫޕުގައި މޮންޓެނީގްރޯއާ ދެކޮޅަށް އިނގިރޭސިން ކުޅޭ މެޗުން ޕޮއިންޓެއް ލިބުނަސް އެޓީމު ކޮލިފައިވާނެ އެވެ. އަދި ބަލިވިޔަސް ކޮސޮވޯއާއި ޗެކްރިޕަބްލިކްގެ މެޗު އެއްވަރުނުވެ ނިމިއްޖެނަމަ އިނގިރޭސިން ކޮލިފައިވާނެ އެވެ. ޗެކްރިޕަބްލިކް އަންނަ މަހު އަމިއްލަ ރަށުގައި ކޮސޮވޯ ބަލިކޮށްފިނަމަ ކޮލިފައިވާނެ އެވެ. އެމެޗުން ކޮސޮވޯ މޮޅުވެއްޖެނަމަ ދެން އެމީހުން އިނގިރޭސިންނާއި ދެކޮޅަށް ކުޅޭ މެޗުން ޕޮއިންޓެއް ހޯދައިގެން ކޮލިފައިވުމުގެ ފުރުސަތު ކޮސޮވޯއަށް ވެސް އެބައޮތެވެ.

ގުރޫޕު ބީ

14 ނޮވެމްބަރު: ޕޯޗްގަލް – ލިތުއޭނިއާ         ސާބިއާ – ލަގްޒެންބާގް

17 ލަގްޒެންބާގް – ޕޯޗްގަލް                ސާބިއާ – ޔޫކުރޭން

މި ގުރޫޕުން ޔޫކްރޭން ވަނީ މިހަފުތާގައި އަމިއްލަ ރަށުގައި ޕޯޗްގަލް ބަލިކޮށް މުބާރާތަށް ކޮލިފައިވެފަ އެވެ. މިގުރޫޕުން ޕޯޗްގަލް ދެން ނިކުންނާނީ އެންމެ ފުލުގައި އޮތް ދެޓީމު ކަމަށްވާ ލިތުއޭނިއާ އާއި ލަގްޒެމްބާގާއި ދެކޮޅަށެވެ. މިދެމެޗުން މޮޅުވެއްޖެނަމަ އެޓީމު ކޮލިފައިވާނެ އެވެ. ސާބިއާ އަށް ފުރުސަތު އޮތީ ޕޯޗްގަލް އެއް މެޗުން ބަލިވެ އަދި އެމީހުން ލަގްޒެންބާގާއި ޔޫކުރެން ބަލިކޮށްގެންނެވެ. ގަދަ ދޭއްގައި ނުހިމެނުނަސް ޕްލޭ އޮފުން ސާބިއާއަށް ފުރުސަތު ލިބޭނެ އެވެ.

ގުރޫޕު ސީ

16 ނޮވެމްބަރު: ޖަރުމަން – ބެލާރުސް         ނޮދަން އަޔަލެންޑް – ނެދަލެންޑްސް

19 ނޮވެމްބަރު: ޖަރުމަން – ނޮދަން އަޔަލެންޑް   ނެދަލެންޑްސް – އެސްޓޯނިއާ

މިދިޔަ ހަފުތާގައި މިގުރޫޕުން ނެދަލެންޑްސް ނޮދަން އަޔަލެންޑާއި ދެކޮޅަށް ކުޅުނު މެޗު ނިމެން 10 މިނިޓަށް ވީއިރު އެމީހުން ދިޔައީ ޕްލޭ އޮފާއި ދިމާލަށެވެ. ނަމަވެސް ފަހުވަގުތު ޖެހި 3 ގޯލާއެކު އެމީހުން މިހާރު ވަނީ މަންޒަރު ބަދަލުކޮށްލާފައެވެ. އަންނަ މަހު އެމީހުން ނޮދަން އަޔަލެންޑަށް ކުރާ ދަތުރުގައި ބަލިނުވެ ހިފަހައްޓާލައިފިނަމަ ކޮލިފައިވާނެ އެވެ. ޖަރުމަން ނެދަލެންޑްސް އާއި އެއްވަރަށް ޕޮއިންޓް ހޯދާފައިވިޔަސް އެމީހުން 2 ވަނައިގައި އޮތީ (ހެޑް ޓު ހެޑް އުސޫލުން) މިދެޓީމު ދެމެދު ކުޅުނު ދެމެޗުން ނެދަލެންޑްސް ކުރިހޯދާފައިވާތީ އެވެ. ޖަރުމަން ބެލަރުސް އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ނޮދަން އަޔަލެންޑް އެމީހުންކުޅޭ މެޗުން މޮޅުނުވެއްޖެނަމަ ޖަރުމަން ކޮލިފައިވާނެއެވެ. ނޮދަން އަޔަލެންޑަށް ގަދަ ދެއަކުން ފުރުސަތު އޮތީ ނެދަލެންޑްސް އާއި ޖަރުމަން ބަލިކޮށްގެންނެވެ.

ގުރޫޕް ޑީ

15 ނޮވެމްބަރު: ޑެންމާކް – ޖިބްރޯލްޓާ         ސްވިޓްޒަލެންޑް – ޖޯޖިއާ

18 ނޮވެމްބަރު: އަޔަލެންޑް – ޑެންމާކް         ޖިބްރޯލްޓާ – ސްވިޓްޒަލެންޑް

މިދިޔަ އަންގާރަ ދުވަހު އަޔަލެންޑް ސްވިޓްޒަލެންޑް އަތުން ބަލިވިޔަސް ހެޑް ޓު ހެޑް ރެކޯޑަށް ބަލާއިރު ގުރޫޕުގެ އެއް ވަނައިގައި އޮތީ އެމީހުންނެވެ. އެމީހުންނަށް ބާކީ އޮތީ ގުރޫޕުގެ 2 ވަނައިގައި އޮތް ޑެންމާކާ ދެކޮޅަށް އަމިއްލަރަށުގައި ކުޅޭ މެޗެވެ. މިމެޗުން އަޔަލެންޑް މޮޅުވެ އަދި ސްވިޓްޒަލެންޑް އެމީހުން ދެންކުޅޭ ދެމެޗުން ކުރެ މެޗެއް (ޖޯޖިއާ، ޖިބްރޯލްޓާ) އެއްވަރުނުވެ ނިމިއްޖެނަމަ އަޔަލެންޑް ކޮލިފައިވާނެ އެވެ. ސްވިޓްޒަލެންޑް އެމީހުން ދެންކުޅޭ ދެ މެޗުން ކުރެ މެޗެއް އެއްވަރުވެ އަދި ޑެންމާކް ޖިބްރޯލްޓާ ބަލިކޮށްފިނަމަ 15 ޕޮއިންޓާއެކު އެ 3 ޓީމު އެއްވަރުވެ އަދި ހެޑް ޓު ހެޑް ރެކޯޑުންވެސް ތިންޓީމު އެއްވަރުވާނެ އެވެ. މިހާލަތުގައި އަޔަލެންޑް ކޮލިފައިވާނީ ޑެންމާކާއި ދެކޮޅަށް ކުޅޭ މެޗުން 2 ގޯލުގެ ތަފާތަކުން މޮޅުވެގެންނެވެ. އެހާލަތުގައި ދެން ކޮލިފައިވާނީ ސްވިޓްޒަލެންޑެވެ.

ޑެންމާކުން ޖިބްރޯލްޓާ އަތުން މަދުވެގެން ޕޮއިންޓަކާއެކު އަޔަލެންޑަށް ގޮސް ބަލިނުވެ ފަރުޖައްސާލައިފިނަމަ އެމީހުން ކޮލިފައިވާނެ އެވެ. އަޔަލެންޑް އަތުން ބަލިވެ އަދި ސްވިޓްޒަލެންޑުން ޖޯޖިއާއާއި ޖިބްރޯލްޓާ ބަލިކޮށްފިނަމަ ޑެންމާކް ކަޓާނެ އެވެ. މިވަގުތު ސްވިޓްޒަރލެންޑު ގުރޫޕްގެ  3ވަނައިގައި އޮތަސް ކޮލިފައިވުމުގެ ފުރުސަތު އެންމެ ބޮޑީ އެމީހުންނަށެވެ. ދެން އޮތް ދެމެޗުގައި އެމީހުން ނިކުންނާނީ ގުރޫޕުގެ އެންމެ ބަލި ދެޓީމާ ދެކޮޅަށެވެ. ކޮލިފައިވުމަށްޓަކައި މިދެމެޗުން އެމީހުން ބޭނުންވަނީ 4 ޕޮއިންޓެވެ.

ގުރޫޕު އީ

16 ނޮވެމްބަރު: އަޒަރުބައިޖާން – ވޭލްސް              ކްރޮއޭޝިއާ – ސްލޮވާކިއާ

19 ނޮވެމްބަރު: ސްލޮވާކިއާ – އަޒަރުބައިޖާން     ވޭލްސް – ހަންގޭރީ

މިގުރޫޕުން 14 ޕޮއިންޓާއެކު އެންމެ ކުރީގައި އޮތް ކްރޮއޭޝިއާ އެމީހުންގެ އެންމެ ފަހުމެޗްގައި ސްލޮވާކިއާ އަތުން ބަލިނުވެއްޖެނަމަ ކޮލިފައިވާނެ އެވެ. އެ މެޗުން ކްރޮއޭޝިއާ މޮޅުވެއްޖެނަމަ ގުރޫޕްގެ 2 ވަނައިގައި އޮތް ހަންގޭރީ އަށް ބާކީ އޮތް މެޗުން މޮޅުވެގެން   ކޮލިފައިވެވޭނެ އެވެ. ގުރޫޕްގެ 3 ވަނައިގައި އޮތް ސްލޮވާކިއާއަށް ބާކީ އޮތް ދެމެޗް ކާމިޔާބުކޮށްގެން ކޮލިފައިވެވޭނެ އެވެ. އެކަމަކު ވޭލްސް އާއި ހަންގެރީގެ މެޗް އެއްވަރުވެއްޖެނަމަ ކްރޮއޭޝިއާ އަތުން ބަލިވިޔަސް އަޒަރުބައިޖާން އަތުން މޮޅުވެގެން އެމީހުންނަށް ކޮލިފައިވެވޭނެ އެވެ. ވޭލްސް ކޮލިފައިވުމަށްޓަކައި ކުރިއަށް އޮތް ދެމެޗުން މޮޅުވަން މަޖުބޫރެވެ. ހަމައެއާއެކު ސްލޮވާކިއާ އެއްމެޗުން ބަލިވާން ޖެހެ އެވެ. ކޮލިފިކޭޝަން ނިމޭއިރު ވޭލްސް އާއި ސްލޮވާކިއާ ޕޮއިންޓުގޮތުން އެއްވަރުވެއްޖެނަމަ ހެޑް ޓު ހެޑް ގަވާއިދުގެ ދަށުން ކޮލިފައިވާނީ ވޭލްސް އެވެ.

ކްރޮއޭޝިއާ އާއި ވޭލްސް އަދި ސްލޮވާކިއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވުމުގެ ފުރުސަތުވެސް އެބައޮތެވެ. މިހެންވެއްޖެނަމަ ގްރޫޕުގެ 1ވަނަ އަދި 2 ވަނަ ގެ ގޮތުގައި ކޮލިފައިވާނީ ކްރޮއޭޝިއާ އާއި ވޭލްސް އެވެ.

ގުރޫޕް އެފް

15 ނޮވެމްބަރު: ނޯވޭ – ފެރޯ އައިލެންޑްސް            ރުމެނިއާ – ސްވިޑަން

18 ނޮވެމްބަރު: ސްވިޑަން – ފެރޯ އައިލެންޑްސް          މޯލްޓާ – ނޯވޭ  ސްޕޭން – ރުމޭނިއާ

މިގުރޫޕުން ސްޕޭން ކޮލިފައިވެފައިވާއިރު ސްވިޑަން ރުމޭނިއާ އަތުން ބަލިނުވެ އޭގެފަހުގައި ފެރޯ އައިލެންޑްސް ބަލިކޮށްފިނަމަ ކޮލިފައިވާނެ އެވެ. ރުމޭނިއާ ކުރިއަށް ދެމެޗް ކާމިޔާބު ކޮށްފިނަމަ ކޮލިފައިވާނެ އެވެ. ސްޕޭން މެޗް އެއްވަރުވިއަސް ހެޑް ޓު ހެޑް ރެކޯޑުން ސްވިޑަންގެ މައްޗަށް ކުރިހޯދުމުގެ ފުރުސަތު އެބައޮތެވެ. ސްވިޑަންއަށް ފެރޯ އައިލެންޑްސްގެ މެޗް އޮތް އިރު ރުމޭނިއާ ސްޕޭން އަތުން ބަލިވެއްޖެނަމަ އެމީހުންނަށް ފުރުސަތެއް އޮންނާނެކަމަކަށް ނުބެލެވެ އެވެ. ނޯވޭއަށް ކުރިއަށް އޮތް ދެމެޗުން މޮޅުވިއަސް ފުރުސަތު އޮތީ ރުމޭނިއާ އާއި ސްވިޑަން އަށް ކުރިއަށް ހުރި މެޗުތަކުން މޮޅުނުވެވިއްޖެނަމަ އެވެ. ސްވިޑަން އާއި ނޯވޭއަށް ބޭނުންޖެހިއްޖެނަމަ ޕްލޭ އޮފުން ޖާގަ ލިބޭނެ އެވެ.

ގުރޫޕް ޖީ

16 ނޮވެމްބަރު: ސްލޮވޭނިއާ – ލެޓްވިއާ،        އިޒްރޭލް – ޕޮލެންޑް،       އޮސްޓްރިއާ – ނޯތު މެސެޑޯނިއާ

19 ނޮވެމްބަރު: ނޯތު މެސެޑޯނިއާ – އިޒްރޭލް،    ލެޓްވިއާ – އޮސްޓްރިއާ،     ޕޮލެންޑް – ސްލޮވީނިއާ

މި ގްރޫޕުން ޕޮލެންޑް ކޮލިފައިވެފައިވާއިރު އޮސްޓްރިއާ އަށް ކޮލިފައިވާން ކުރިއަށް ދެމެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ނޯތު މެސެޑޯނިއާއަށް ކުރިއަށް ދެމެޗުން މޮޅުވިއަސް ފުރުސަތު އޮންނާނީ އޮސްޓްރިއާ އާއި ލެޓްވިއާ އަތުންވެސް ބަލިވެގެންނެވެ. އޮސްޓްރިއާ ލެޓްވިއާގެ މެޗު އެއްވަރުވެއްޖެނަމަ ނޯތު މެސެޑޯނިއާއަށް ފުރުސަތެއް އޮންނާނީ އޮސްޓްރިއާ ކޮޅަށް ގިނަ ގޯލުތަކެއް ޖަހައިގެން ހެޑް ޓު ހެޑް ގަވާއިދުގެދަށުން އޮސްޓްރިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިދެޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި އޮސްޓްރިއާ ކުރިހޯދާފައިވަނީ 4 – 1ން ނެވެ. އޮސްޓްރިއާ އާއި ނޯތު މެސެޑޯނިއާއަށްވެސް ބޭނުންޖެހިއްޖެނަމަ ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ.

ސްލޮވީނިއާ އާއި އިޒްރޭލަށް އޮތީ ވަރަށް ހަނި ފުރުޞަތެކެވެ. ދެޓީމުންވެސް ކުރިއަށް ދެމެޗުން މޮޅުވާން ޖެހޭއިރު އޮސްޓްރިއާ އާއި ނޯތު މެސެޑޯނިއާ އެމީހުން ކުޅޭ މެޗުތަކުން ބަލިވާންޖެހެ އެވެ.

ގުރޫޕް އެޗް

14 ނޮވެމްބަރު: ތުރުކީ –  އައިސްލެންޑް        ފްރާންސް – މޯލްޑޯވާ

17 ނޮވެމްބަރު: އަލްބޭނިއާ – ފްރާންސް        އެންޑޯރާ – ތުރުކީ    މޯލްޑޯވާ – އައިސްލެންޑް

ތުރުކީ ފުރަތަމަ މެޗުން ބަލިނުވެ ނިންމާލައިފިނަމަ ކޮލިފައިވާނެ އެވެ. އަދި ބަލިވިޔަސް ދެ ވަނަމެޗުން މޮޅުވެއްޖެނަމަ ކޮލިފައިވާނެ އެވެ. ފްރާންސް ރަށުގައި މޯލްޑޯވިއާ ބަލިކޮށްފިނަމަ ކޮލިފައިވާނެ އެވެ. ނުވަތަ އައިސްލެންޑަށް ތުރުކީ ބަލިނުކުރެވިއްޖެ ނަމަވެސް ފރާންސް ކޮލިފައިވާނެ އެވެ. އައިސްލެންޑަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ. އެއީ ކުރިއަށް އޮތް ދެމެޗުން މޮޅުވުމާއެކު ތުރުކީއަށް އެންޑޯރާ ބަލިނުކުރެވުމެވެ. ނުވަތަ ފްރާންސަށް އެއް ޕޮއިންޓަށްވުރެ އިތުރަށް ނުލިބުމެވެ. އައިސްލެންޑަށް އޮތް ހިތްހަމަޖެހުމަކީ ޕްލޭއޮފްގެ ފުރުސަތު އެމީހުންނަށް ލިބޭނެތީ އެވެ.

ގުރޫޕު އައި

މިގުރޫޕުން ބެލްޖިއަމްއާއި ރަޝިޔާ ކޮލިފައިވެ އަދި ސްކޮޓްލެންޑަށް ޕްލޭ އޮފް ޖާގަ ލިބިފައިވުމާއެކު ކުރިއަށް ހުރިމެޗްތަކުގެ ނަތީޖާ މުހިއްމެއްނޫނެވެ.

ގުރޫޕް ޖޭ

15 ނޮވެމްބަރު: އަރްމީނިއާ – ގްރީސް  ފިންލެންޑް – ލީޗެންސްޓެއިން        ބޮސްނިއާ – އިޓަލީ

18 ނޮވެމްބަރު: އިޓަލީ – އަރްމިނިއާ   ލީޗެންސްޓެއިން – ބޮސްނިއާ         ގްރީސް – ފިންލެންޑް

މިގުރޫޕުން އިޓަލީ ކޮލިފައިވެފައިވާއިރު ފިންލެންޑްވެސް ވަނީ ފުރަތަމަ ފަހަރަށް ޔޫރޯއަށް ކޮލިފައިވުމާ ދާދިގާތުގަ އެވެ. އެމީހުންނަށް ރަށުގައި ލީޗެންސްޓެއިން ބަލިކޮށްގެން ކޮލިފައިވެވޭނެ އެވެ. ނުވަތަ ހަމަ އެދުވަހު ބޮސްނިއާއަށް އިޓަލީ ބަލިނުކުރެވިއްޖެނަމަވެސް ފިންލެންޑް ކޮލިފައިވާނެ އެވެ. ބޮސްނިއާ އާއި އަރްމީނިއާއަށް އޮތީ ހަނި ފުރުސަތެކެވެ. އެ ދެޓިމަށްވެސް ކުރިއަށް އޮތް ދެމެޗު ކާމިޔާބުކުރުމާއެކު އެހެން މެޗުތަކުގެ ނަތީޖާއަށް ވާގޮތް ބަލަން އެބަޖެހެ އެވެ. އެކަމަކު ގަދަ ދޭއްގައި ނުހިމެނިއްޖެނަމަ ބޮސްނިއާއަށް ޕްލޭ އޮފްގެ ފުރުސަތު ލިބޭނެ އެވެ.

ޕްލޭ އޮފް

ކޮންމެ ގްރޫޕަކުންވެސް އެއް ވަނައާއި ދެ ވަނަ ޔޫރޯއަށް ކޮލިފައިވުމުން ދެން ބާކީ އޮންނާނީ 4 ޖާގަ އެވެ. މިޖާގައަށް ވާދަކުރުމަށްޓަކައި ޕްލޭ އޮފް މެޗުތަކެއް ކުޅެވޭނެ އެވެ. މިމެޗުތަކުން ފުރުސަތު ދެވިފައިވަނީ ޔޫއެފާ ނޭޝަންސް ލީގުގެ އެކި ލީގުތަކުގައި އެންމެ ކުރި ހޯދި ޓީމުތަކަށެވެ. ނޭޝަންސް ލީގު ކުޅެވުނީ އެކި ފެންވަރުގެ ޓީމުތައް ވަކިކޮށް ވަކި 4 ލީގަކަށެވެ. އެންމެ މަތީ ފެންވަރުގެ ޓިމުތައް ކުޅުނީ ލީގު އޭގަ އެވެ. އޭގެތެރޭގައި ޕޯޗްގަލް، ފްރާންސް، އިނގިރޭސިވިލާތް ފަދަ ޓިމުތައް ހިމެނޭއިރު ލީގު ޑީ ގައި ހިމެނުނީ އެންމެ ދަށް ރޭންކްތަކުގެ ޓީމުތަކެވެ. އޭގެތެރޭގައި ފެރޯ އައިލެންޑްސް، މާލްޓާ، ޖިބްރޯލްޓާ ފަދަ ޓީމުތަކެވެ. މިއިން ކޮންމެ ލީގަކުންވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމުތަކަށް ޕްލޭ އޮފުން ޖާގަ ލިބޭނެ އެވެ. އަދި އެގޮތުން ޖާގަ ލިބޭޓީމެއް މިހާރު އެޓީމެއް ވާދަކުރާ ގުރޫޕުގައި އެއް ވަނަ ނުވަތަ ދެ ވަނައިގައި ހިމެނިގެން ކޮލިފައިވެއްޖެނަމަ އެޓީމަށް ލިބޭ ޕްލޭ އޮފް ޖާގަ ދެން އޮތް ޓީމަކަށް ދެވޭނެ އެވެ. ޕްލޭ އޮފް ކުޅެވޭނީ 4 ގުރޫޕުގައި ކޮންމެ ގުރޫޕެއްގައި 4 ޓީމު ހިމެނޭ ގޮތަށެވެ. ކޮންމެ ގުރޫޕެއްގައި ކުޅެވޭނީ ޖުމްލަ 3 މެޗެވެ. އެއީ ސެމީ ފައިނަލްގެ ދެމެޗާއި ފައިނަލް މެޗެވެ. ކޮންމެ ގުރޫޕެއްގައިވެސް ސެމީގައި ވާދަކުރާނީ އެއް ވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ. އަނެއް ސެމީގައި ދެވަނަ ޓީމާއި ތިން ވަނަ ޓީމެވެ. ސެމީ ފައިނަލްގައި ހޯމް ޓީމަކަށްވާނީ ލީގުގައި ރޭންކް މަތީ ޓީމެވެ. ފައިނަލް ގައި ހޯމް ޓީމު ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *