ލެސްޓަރ ސިޓީގެ ރެކޯޑާއެކު ސަމާލުކަން ޝްމައިކަލްގެ ދެބަފައިންނަށް!
ރޭ ސައުތެމްޕްޓަން އެޓީމުގެ ދަނޑުގައި ލެސްޓަރ ސިޓީ އާއި ވާދަ ކުރި މެޗަކީ ރެކޯޑެއް ގާއިމް ވެގެންދިޔަ މެޗެކެވެ. މިއީ އިނގިރޭސި އެންމެމަތީ ލީގުގައި ރަށުން ބޭރުގައި ކުޅެ އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ޓީމެއް މޮޅުވި މެޗެވެ. 9-0ގެ ބޮޑު ތަފާތަކުން ލެސްޓަރ މިމެޗް ކާމިޔާބު ކުރިއިރު އެޓީމުގެ ޖޭމްސް ވާޑީ އާއި އަޔޯޒޭ ޕެރޭޒް ވަނީ ހެޓްރިކް ހަދާފަ އެވެ. މީގެ ކުރިން އިނގިރޭސި އެންމެ މަތީ ލީގުގައި އެންމެ ތަފާތުބޮޑުކޮށް ޓީމެއް މޮޅުވެފައިވަނީ ހަމަ މިނަތީޖާއިން 1995 ގައި އިޕްސްވިޗް ޓައުން އަތުން މެންޗެސްޓަރ ޔުނައިޓެޑެވެ. އެހެންނަމަވެސް އެއީ އަމިއްލަ ދަނޑުގައި ކުޅެގެންނެވެ. އެހެންކަމުން ލެސްޓަރ ސިޓީގެ މި ކާމިޔާބަކީ އެޓީމަށް ހާއްސަ ރެކޯޑެކެވެ. ކޮންމެއަކަސް މިދެރެކޯޑުވެސް ހާއްސަވާ ވަރަށް މުހިއްމު ފަރާތެއް އެބަވެ އެވެ. އެއީ ޝްމައިކަލް އެވެ. 1995 ގައި މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި މިރެކޯޑް ހެދިއިރު ޔުނައިޓެޑްގެ ގޯލް ބެލެހެއްޓީ ޝްމައިކަލް އެވެ. އަދި އޭގެ ގާތްގަޑަކަށް 25 އަހަރުފަހުން ލެސްޓަރ ސިޓީ އިން ރަށުން ބޭރުގައި ހަމަ އެރެކޯޑް ހެދިއިރު އެޓީމުގެ ގޯލް ބެލެހެއްޓީ ޝްމައިކަލްއެވެ.
އެހެންނަމަވެސް މިދައްކަނީ އެކެއްގެ ވާހަކައެއްނޫނެވެ. 1995 ގައި މެންޗެސްޓަރ ޔުނައިޓެޑް ރެކޯޑު ހެދިއިރު އެޓީމުގެ ގޯލް ބެލެހެއްޓީ ޑެންމާކުގެ މަޝްހޫރު ގޯލްކީޕަރ ޕީޓަރ ޝްމައިކަލް އެވެ. އަދި ރޭގައި ލެސްޓަރ ސިޓީ ރެކޯޑު ހެދިއިރު އެޓީމުގެ ގޯލް ބެލެހެއްޓީ އޭނާގެ ދަރިފުޅު ކެސްޕަރ ޝްމައިކަލް އެވެ. އެހެންކަމުން މި ދެ ރެކޯޑުވެސް ނިސްބަތް މިވަނީ ޝްމައިކަލްގެ ދެބަފައިންނަށެވެ.
އިސްކޮޅުގައި 1.91މީޓަރު ހުރި ޕީޓަރ ޝްމައިކަލް މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނީ 1991 ވަނަ އަހަރު އެވެ. އޭގެފަހުން 1999އާއި ހަމައަށް ޔުނައިޓެޑްގެ ކީޕަރުގެ ގޮތުގައި 292 މެޗު ކުޅުނެވެ. އޭނާވަނީ ޔުނައިޓެޑާއެކު 5 ފަހަރު ލީގު ކާމިޔާބު ކޮށް އަދި 3 ފަހަރު އެފްއޭ ކަޕް އުފުލާލާފައެވެ. އަދި އޭގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު 98-99ގެ ސީޒަނުގައި ޔުނައިޓެޑާއެކު ކާމިޔާބުކޮށްފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑަށް ފަހު ޝްމައިކަލް ގުޅުނީ ޕޯޗްގަލްގެ ސްޕޯޓިންގް ކްލަބާއެވެ. އަދި އޭގެފަހުން އިނގިރޭސިވިލާތަށް އެނބުރި އައިސް އެސްޓަން ވިލާއަށް އަދި އެއަށްފަހު މެންޗެސްޓަރ ސިޓީގެ ގޯލްވެސް ބެލެހެއްޓި އެވެ. ޕީޓަރ ޝްމައިކަލް ޑެންމާކުގެ ގައުމީޓީމަށް 129 މެޗު ކުޅެދީފައިވާއިރު 1992ގެ ޔޫރޯ ޑެންމާކު ހޯދިއިރު ޓީމުގެ ގޯލްކީޕަރަކީ ޝްމައިކަލް އެވެ. ޕީޓަރ ޝްމައިކަލް ފުޓްބޯޅަ ކުޅުން ހުއްޓާލީ 2003 ގައެވެ.
ޕީޓަރ ޝްމައިކަލްގެ ދަރިފުޅު ކެސްޕަރ ޝްމައިކަލް އިނގިރޭސި ވިލާތުން އެންމެ ފުރަތަމަ ގުޅުނީ މެންޗެސްޓަރ ސިޓީއާއެވެ. އެޓީމާއެކު ދިގުމުއްދަތުގެ އެއްބަސްވުމެއް ހެދިއިރު ކެސްޕަރގެ އުމުރުން އެންމެ 16 އަހަރެވެ. އެޓީމުގައި ހުރެ ލޯނު އެއްބަސްވުމުގެ ދަށުން ކެސްޕަރ ވަނީ ތަފާތު 5 ޓީމަކަށް ކުޅެފައެވެ. އޭގެފަހުން ކެސްޕަރ ގުޅުނު ފާހަގަކޮށްލެވޭ ޓީމަކީ ޗެމްޕިއަންޝިޕްގައި ކުޅޭ ލީޑްސް ޔުނައިޓެޑެވެ. ކެސްޕަރ ޝްމައިކަލް ލެސްޓަރ ސިޓީއާއި ގުޅުނީ 2011 ގަ އެވެ. އޭރު އެޓީމުވެސް ކުޅުނީ އިނގިރޭސި ޗެމްޕިއަންޝިޕްގަ އެވެ. ކެސްޕަރ ޝުމައިކަލް ވަނީ ލެސްޓަރ ސިޓީ އާއެކު 2013-14ގެ ޗެމްޕިއަންޝިޕްގެ ތަށި ހޯދައި ޕްރިމިއަރ ލީގަށް ޕްރޮމޯޓްވުމަށް ފަހު 2015-16ގައި މުޅިދުނިޔެ ހައިރާންކޮށްލުމަށްފަހު ޕްރިމިއަރ ލީގުގެ ތަށި ހޯދާފަ އެވެ. ކެސްޕަރ ޝްމައިކަލް ވަނީ މިހާތަނަށް 300 އަށްވުރެ ގިނަ މެޗުގައި ލެސްޓަރގެ ގޯލް ބަލަހައްޓާފަ އެވެ. ބައްޕައެކޭ އެއްގޮތަށް ކެސްޕަރ ޝްމައިކަލް އަކީ ޑެންމާކުގެ ޒުވާން ޓީމުތަކުގެ ގޯލު ބެލެހެއްޓުމަށް ފަހު މިހާރު ސީނިއަރ ޓީމުގެ އެއްނަމްބަރު ގޯލްކީޕަރެވެ. މިހާތަނަށް އައިއިރު އޭނާ ވަނީ 2013 އިން ފެށިގެން ސީނިއަރ ޓީމަށް51 މެޗު ކުޅެދީފަ އެވެ.
ކޮންމެއަކަސް ކެސްޕަރ ޝްމައިކަލް އާއެކު ލެސްޓަރސިޓީ އިން ސައުތެމްޕްޓަންގެ މައްޗަށް މި ހޯދި ކާމިޔާބުގެ ސަބަބަބުން ބައްޕަ އަމިއްލަ ދަނޑުގައި ހެދި ރެކޯޑް އަހަރެން ހެދީ ރަށުން ބޭރުގައޭ ބުނެ ބައްޕަގެ ގާތު ފޮނި ކަނޑާލުމުގެ ފުރުސަތު ކެސްޕަރ ޝްމައިކަލް އަށް ލިބިގެން ދިޔައީއެވެ.
Advertisement
Leave a Reply