ލިވަޕޫލުން ލީގުގައި ސިޓީ ބަލިކޮށް އިތުބާރާއެކު ކުރިއަށް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވާދަވެރި މެންޗެސްޓަރ ސިޓީ 3-1 އިން ބަލިކޮށް ލިވަޕޫލުން ލީގު ހޯދުމަށް ކުރާ ދިގު އިންތިޒާރުގައި އިތުބާރު ބޮޑުކޮށްފި އެވެ. ރޭގެ މެޗުން މޮޅުވުމުން ލިވަޕޫލަށް ވަނީ ކުޅުނު 12 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ. މެޗުން ބަލިވުމުން ޗެމްޕިއަން ސިޓީ މިހާރު އޮތީ ލިވަޕޫލަށް ވުރެ ނުވަ ޕޮއިންޓް ފަހަތުން ލީގުގެ ހަތަރު ވަނައިގަ އެވެ.
ލީގުގެ ކުޅުން ބައިނަލްއަގްވާމީ ފުޓްބޯޅައަށް މެދުކަނޑާލިއިރު ލިވަޕޫލްގެ ފަހަތުން ދެ ވަނައިގައި އޮތް ލެސްޓަ ސިޓީ އާއި ތިން ވަނައިގައި އޮތް ޗެލްސީއަށް ވަނީ 26 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން މިފަހަރުގެ ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗު ކާމިޔާބުކުރިއިރު މޮޅެއް ނުލިބުނީ ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗުގަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ހަ ވަނަ މިނެޓުގައި ޖެހީ ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އެވެ. އޭރިޔާ ބޭރުން ފަބީނިއޯ ފޮނުވާލި ބާރު ބޯޅަ ގޯލުގެ ކަނަށް އަމާޒުވިއިރު ސިޓީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯއަށް އެ ބޯޅަ މަތަކުރަން އެއްވެސް ކަމެއް ނުކުރެވުނެވެ. އެކަމަކު ފަބީނިއޯ އެ ގޯލު ޖެހުމުގެ ކުރިން އެޓީމުން އުފެއްދި ހަމަލާއެއްގައި ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އަލްކްސަންޑަ އާނޯލްޑް އަތުގައި ބޯޅު ޖެހުނުކަމަށް ބުނެ ސިޓީން ވަނީ ޕެނަލްޓީއަކަށް އެޕީލްކޮށްފަ އެވެ. އާނޯލްޑް އަތުގައި އޭރިޔާ ތެރެއިން ބޯޅަ ޖެހުނުއިރު ލިވަޕޫލުން ލީޑު ނެގީ އެ ބޯޅަ ލިބުމުން އުފެއްދި ހަމަލާގަ އެވެ. ލިވަޕޫލުން މެޗުގެ ދެވަނަ ގޯލު ޖެހީ 13 ވަނަ މިނެޓުގައި މުހައްމަދު ސަލާހް އެވެ. އަރިމަތިން އެންޑީ ރޮބާޓްސަން ނަގައިދިން ހިތްގައިމު ހުރަސް ސަލާހް ގޯލަށް ފޮނުވާލީ ބޮލުންނެވެ. ފުރަތަމަ ހާފުގައި ސިޓީއަށް ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ.
ފުރަތަމަ ހާފު ދެ ގޯލުގެ ލީޑެއްގައި އޮވެ ނިންމާލި ލިވަޕޫލުން ވަނީ ދެ ވަނަ ހާފު ފެށިގެން އިރުކޮޅެއްތެރޭ ސަޑިއޯ މާނޭގެ ގޯލުން ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. އަރިމަތިން ޖޯޑަން ހެންޑަސަން ނަގައިދިން ހުރަސް މާނޭ ވެއްޓިގެންފައި ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. މި ގޯލަށް ފަހު ސިޓީން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނުއިރު ލިވަޕޫލުން ނުރައްކާ ކުރީ ކައުންޓަ އެޓޭކުގައި ލިބޭ ފުރުސަތުތަކުގަ އެވެ. މެޗުގައި ސިޓީގެ ހަމައެކަނި ގޯލު 78 ވަނަ މިނެޓުގައި ޖަހައިދިނީ ބެނާޑޯ ސިލްވާ އެވެ. ދެ ވަނަ ހާފުގައި ސިޓީގެ ރަހީމް ސްޓާލިން އާއި ސާޖިއޯ އަގުއޭރޯ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ގެބްރިއަލް ޖީސުސް އަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އަނެއްކޮޅުން މިހާފުގައި ވެސް ސްޓާލިން ފޮނުވާލި ބޯޅައެއް އޭރިޔާ ތެރޭގައި ހުރި އާނޯލްޑް އަތުގައި ޖެހުމުން ސިޓީން ވަނީ ޕެނަލްޓީއަކަށް އެޕީލްކޮށްފަ އެވެ. އަދި، ސްޓާލިން އަށް މާނޭ އޭރިޔާ ތެރެއިން ފައުލް ކުރި ކަމަށް ބުނެވެސް ސިޓީން ޕެނަލްޓީއަކަށް އެޕީލްކުރި އެވެ. އެކަމަކު މިއިން އެއްވެސް ފަހަރެއްގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާއާރު) ގެ އެހީތެރިކަން ރެފްރީ ހޯދާފައެއްނުވެ އެވެ.
މެޗަށް ފަހު އެންމެ ބޮޑަށް ކުރެވޭ ބަހުސަކީ ފުރަތަމަ ހާފުގައި ފަބީނިއޯ ލިވަޕޫލަށް ލީޑު ނަގައިދިނުމުގެ 21 ސިކުންތު ކުރިން އޭރިޔާ ތެރެއިން އާނޯލްޑް އަތުގައި ޖެހުނު ބޯޅައަށް ރެފްރީ ވީއޭއާރުގެ އެހީތެރިކަން ނުހޯދުމެވެ. މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާއަށް އެ މަންޒަރު ނުފެންނަ ކަމަށާއި އެކަމަކު އާނޯލް އަތުގައި ބޯޅަ ޖެހުމުގެ ކުރިން ސިލްވާ އަތުގައި ބޯޅަ ޖެހުނު ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. އެ ނިންމުން ސިޓީއާ ދެކޮޅަށް ދިއުމުން ޕެޕް ގާޑިއޯލާއާ މެދު ހަމްދަރުދީވާކަމަށް ކްލޮޕް ބުންޏެވެ.
ގާޑިއޯލާ ބުނީ ލިވަޕޫލް ކައިރީގައި ސިޓީން ކުޅުނީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި، ލިވަޕޫލްގެ ދަނޑުގައި ކޮންމެ ޓީމަކަށް އެ ފެންވަރަށް ނުކުޅެވޭނެ ކަމަށެވެ.
“އެމީހުން ގޯލު ޖެހީ ފޮނުވާލި ފުރަތަމަ ހަމަލާއިން، އެކަމަކު އަހަރެމެން ވަރަށް މޮޅަށް ކުޅުނިން. އަހަރެންނަށް ނޭނގޭ ބުނާކަށް އަހަރެމެން މި ސްޓޭޑިއަމްގައި ކުޅުނު ފެންވަރަކަށް ކިތަށް ޓީމަށް ކުޅެވޭނެކަމެއް” ގާޑިއޯލާ ބުންޏެވެ.
ލީގު ހޯދުމުގެ ރޭހުގައި ލިވަޕޫލަށް ވުރެ ނުވަ ޕޮއިންޓު ފަހަތުގައި އޮތުމުން ގާޑިއޯލާ ބުނީ މިއީ ނޮވެމްބަރު ކަމަށާއި ކުރިއަށް އޮތް ތަނުގައި ސިޓީން އިތުރަށް ރަނގަޅުކުރާނެ ކަމަށެވެ.
“އަހަރެމެނަށް ވުރެ ބޮޑަށް ލީގު ހޯދުމުގެ ފުރުސަތު އިތުރު ތިން ޓީމަށް އެބައޮތް. އެކަމަކު އަދި މިއީ ނޮވެމްބަރު. ބަލަމާ ވާގޮތެއް” މިދިޔަ ދެ ސީޒަނުގައި ސިޓީއަށް ލީގު ޗެމްޕިއަންކަން ހޯދައިދިން ކޯޗު ބުންޏެވެ.
ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ބްރައިޓަން ބަލިކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ގޯލު އެންތަނީ މާޝިއަލް ދިން ބޯޅައަކުން އަންދްރައެސް ޕެރެއިރާ ޖެހިއިރު ދެ ވަނަ ގޯލަކީ ބްރައިޓަންގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެވެ. މެޗުގެ ދެ ވަނަ ހާފުގައި ބްރައިޓަންގެ ކެޕްޓަން ލެވިސް ޑަންކް ބޮލުން ގޯލެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް އޭގެ އިރުކޮޅެއް ފަހުން މާކަސް ރަޝްފާޑް ވަނީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފަ އެވެ. މި ގޯލަށް ފަހު ވެސް ރަޝްފާޑަށް ވަނީ ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ. ރޭގެ މޮޅާއެކު ޔުނައިޓެޑް ވަނީ 12 މެޗުން ލިބުނު 16 ޕޮއިންޓާއެކު ލީގުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.
Advertisement
Leave a Reply