އަންހެން ވޮލީ ޓީމުން ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށްފި
ބަންގަލަދޭޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ގައުމީ ވޮލީބޯޅަ ޓީމް ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ. މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން އިއްޔެ ވަނީ ވާދަވެރި ކުޅުމަކަށް ފަހު ތިން ސެޓު ދެ ސެޓުން ކިރްގިސްތާން ބަލިކޮށްފަ އެވެ.
ފުރަތަމަ މެޗުގައި ހޯދި އުނދަގޫ މޮޅާއެކު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ޓީމުން ނުކުތީ އިތުބާރާއެކު އެވެ. މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ރާއްޖޭން ވަނީ ފަސޭހަކަމާއެކު 25-16 އިން ގެންގޮސްފަ އެވެ. ދެ ވަނަ ސެޓުގައި ބަންގްލަދޭޝް އިން ކުޅުން ރަނގަޅުކޮށް ރާއްޖޭގެ ޓީމަށް ވަނީ ޕްރެޝަރު ކޮށްފަ އެވެ. އެކަމަކު ފުރުސަތުގެ ބޭނުން ހިފައި 27-25 އިން މި ސެޓުގައި ރާއްޖޭން ކުރި ހޯދި އެވެ. މެޗުގެ ފަހު ސެޓަށް ދިޔައިރު ރާއްޖޭގެ ޓީމުން ފެނުނީ އިތުބާރާއެކު ކުޅުނު ތަނެވެ. މި ސެޓު ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 25-22 އިންނެވެ.
ޑާކާގެ ޝަހީދު ސުރަވާރުދީ އިންޑޯ ސްޓޭޑިއަމްގައި ކުޅޭ މި މުބާރާތުގައި ފަސް ގައުމަކުން އަންނަނީ ވާދަކުރަމުންނެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ލީގު ބުރުގެ ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ދެ ޓީމެވެ. ރާއްޖެއަށް ދެ މެޗުން ލިބުނު ފަސް ޕޮއިންޓާއެކު މުބާރާތުގައި މެޑެއްޔެއް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފަ އެވެ. އަންހެން ވޮލީ ޓީމް ދެން މެޗެއް ކުޅޭނީ މާދަމާ އެވެ. އެ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ނުކުންނައިރު ލީގު ބުރުގެ ފަހު މެޗުގައި ބުދަ ދުވަހު ކުޅޭނީ ނޭޕާލާ ދެކޮޅަށެވެ.
Advertisement
Leave a Reply