ދެބެން ރާއްޖެއަށް ބައިނަލްއަގްވާމީ ރަން މެޑެއްޔެއް ހޯދައިދީފި

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް އާއި އައިމިނަތު ނަބީހާ އަބްދުއްރައްޒާގް ހޯދައިފި އެވެ. މި ރަން މެޑެއްޔާއެކު ރާއްޖޭން މިހާތަނަށް ވަނީ ބައިނަލްއަގްވާމީ ބެޑްމިންޓަނުން ތިން ރަން މެޑަލް ހޯދައިފަ އެވެ. އަނެއްކޮޅުން މީގެ ކުރިން ގިނަ މެޑަލްތަކެއް ބައިނަލްއަގްވާމީ މައިދާނުގައި ނަބީހާ އާއި ނަބާހާ ހޯދާފައިވީނަމަވެސް، މިއީ މި ދެކުޅުންތެރިންގެ ޕެއާއަށް ބައިނަލްއަގްވާމީ ރަން މެޑައްޔެއް ލިބުނު ފުރަތަމަ ފަހަރެވެ.
މިއަދު ކުޅުނު ފައިނަލުން ރަން މެޑަލް މި ދެކުޅުންތެރިން ހޯދީ ޕާކިސްތާނުގެ ބުޝްރާ ގައްޔޫމް އާއި މަހޫރު ޝަހުޒާދުގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-17 އިން ރާއްޖޭގެ ޕެއާ ކާމިޔާބުކުރިއިރު ދެ ވަނަ ސެޓު ގެންދިޔައީ 21-13 އިންނެވެ. ނަބީހާ އާއި ނަބާހާ ޕާކިސްތާން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ސެހެރާ އަކުރަމް އާއި ހުމާ ޖާވިދުގެ ޕެއާ 21-16 އިން އަދި 21-12 އިން ބަލިކޮށްގެންނެވެ.
ރާއްޖެއަށް ބެޑްމިންޓަނުގެ ބައިނަލްއަގްވާމީ ފުރަތަމަ ރަން މެޑަލް މިދިޔަ ޖުލައި މަހު އޮތް އިންޑިއަން އައިލެންޑް އޯޝަން ގޭމްސް (އައިއޯއައިޖީ) އިން ހޯދައިދިނީ ނަބީހާ އެވެ. އެ މުބާރާތުން ނަބީހާ ވަނީ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި، ނަބީހާ އާއި ނަބީހާ ވަނީ އައިއޯއައިޖީގެ އަންހެން ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. ނަބީހާ ހޯދި ރަން މެޑަލަށް ފަހު ރާއްޖެއަށް ބައިނަލްއަގްވާމީ ބެޑްމިންޓަނުން ދެ ވަނަ ރަން މެޑަލް ހޯދައިދިނީ މިހާރު ކުރިއަށްދާ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ޒަޔާން ޒަކީ އާއި ނަބާހާ އެވެ. މިއަދު ކުޅުނު ފައިނަލުގައި ނަބާހާ އާއި ޒަޔާންގެ ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނޭޕާލްގެ ދެކުޅުންތެރިން ދެ ސެޓުން ބަލިކޮށްގެންނެވެ.
ނަބާހާ ވަނީ ދާދިފަހުން ނިމުނު ގައުމީ ބެޑްމިންޓަން މުބާރާތުގައި ތިން ރަން މެޑަލް ހޯދައިފަ އެވެ. އަންހެން ސިންގަލްސް ފައިނަލުގައި ނަބީހާގެ މައްޗަށް ދެ ސެޓު އެއް ސެޓުން ނަބާހާ ކުރި ހޯދައި ޗެމްޕިއަންކަން ހޯދިއިރު ހަމަ އެދުވަހު ނަބާހާ ވަނީ އަންހެން ޑަބަލްސް އައި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. އަނެއްކޮޅުން މިއަދު ހޯދި ދެ ރަން މެޑެއްޔާ އެކު ނަބާހާ މިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ފަސް ރަން މެޑަލް ހޯދައިފަ އެވެ.
ބެޑްމިންޓަންގައި މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ނަބާހާ އާއި ނަބީހާ މިހާރު މިވަނީ ބައިނަލްއަގްވާމީ ނުވަ މެޑަލް ރާއްޖެއަށް ހޯދައިދީފަ އެވެ. އެއް ރަން މެޑަލްގެ އިތުރުން މި ދެކުޅުންތެރިން ވަނީ ހަތަރު ރިހި މެޑަލް އާއި ހަތަރު ލޯ މެޑަލް ހޯދައިފަ އެވެ.
Advertisement


Leave a Reply