މެންޗެސްޓަރ ސަޕޯޓަރުން ލިވަޕޫލް ބަލިވާން އެދޭތީ ހައިރާނެއް ނުވޭ: ކްލޮޕް
އިނގިރޭސި ވިލާތުގެ މެންޗެސްޓަރ އަށް ނިސްބަތްވާ ސަޕޯޓަރުން ލިވަޕޫލަށް ތަށި ލިބެން ބޭނުން ނުވުމަކުން ހައިރާން ނުވާކަމަށާއި އެކަމަކު އެ މީހުންނާ މެދު ހިތާމަކުރާކަމަށް ލިވަޕޫލް ގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ. ކްލޮޕް ބުނެފައިވަނީ 29 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލިވަޕޫލުން ލީގް ހޯދަން ކުރާ މަސައްކަތް ނާކާމިޔާބުވާން އެދޭ ފަރާތްތަކަށް ހަމްދަރުދީވާ ކަމަށެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ކޮންމެ ޓީމަކުންވެސް 22 މެޗް ކުޅެފައިވާއިރު ލިވަޕޫލް މިވަގުތު އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށްވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެން ޓޭބަލްގެ އެއް ވަނައިގައެވެ. ޕްރިމިއަރ ލީގުގެ ނަމަށް އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ލީގުގެ ނަން ބަދަލުވުމުގެ ކުރިން 18 ފަހަރު ލިވަޕޫލުން ލީގު ކާމިޔާބުކޮށްފައި އޮތް ނަމަވެސް 1992 ވަނަ އަހަރު ޕްރިމިއަރ ލީގް ތައާރަފްވި ފަހުން އަދި އެ ކްލަބަށް ތަށީގައި އަތްލެވޭ ގޮތެއް ނުވެއެވެ. އެންމެ ފަހުން ލިވަޕޫލް ލީގް ޗެމްޕިއަންކަން ހޯދައިފައިވަނީ 1990 ވަނަ އަހަރު އެވެ.
“އަހަރެން އެކަމަކާ ނުވިސްނަން އަހަރެން ނުދެކެން މިއީ މުޅި ދުނިޔެއާ ދެކޮޅަށް އަހަރެމެން ކުރާ ހަނގުރާމައެއް ކަމަކަށްވެސް. އަހަރެން މޮޅުވާން ބޭނުންވަނީ އަހަރެމެން ނަށް ކާމިޔާބަކަށް ވާތީ. ކޮންމެހެން އެހެން ބަޔަކި ބަލިވާތީ އެއް ނޫން. އަހަރެމެން މޮޅުވުމުގެ އިތުރުން އެހެން ބަޔަކު ބަލިވީއޭ ކިޔާފަ އަހަރެންނަށް ލިބޭނެ ވަކި އިތުރު ހިތްވަރެއް ނެތް. އަހަރެންނަކީ އެޒާތުގެ މީހެއް ނޫން.” ލިވަޕޫލަށް ލީގު ކާމިޔާބު ވުމަށް ނޭދޭ ކަމަށް ފާޅުގައި ބުނަމުން އަންނަ ސަޕޯޓަރުންގެ އަމަލުތަކާ ގުޅޭ ގޮތުން ވާހަކަދައްކަމުން ކްލޮޕް ބުނެފައިވެއެވެ.
“އަހަރެންނަކަށް ނޭނގެ ސީދާ ކޮންބައެއް ކަމެއް އަހަރެމެންނަށް ތަށި ލިބެން ބޭނުން ނުވަނީ. ވަރަށް ޔަގީނާ ގާތަށް އެނގޭ އެއް ކަމަކީ މެންޗެސްޓަރ ގަ ލިވަޕޫލް ސަޕޯޓަރުން ގިނަ ނުވާނެކަން. އެކަމަކު މެންޗެސްޓާ ސަޕޯޓަރުން އަހަރެމެންނަށް ތަށި ލިބެން ބޭނުން ނުވުމަކީ އަހަރެން ހައިރާންވާ ކަމެއް ނޫން.”ލިވަޕޫލާއެކު މިހާތަނަށް ތިން ފައިނަލުން ބަލިވެފައިވާ ކޯޗު ބުންޏެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ލިވަޕޫލް ނުކުންނާނީ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށެވެ. ލިވަޕޫލް 14-2013 ވަނަ އަހަރުގެ ސީޒަނުގައި ލީގު ހޯދުމާއި ގާތްވެފައި ވަނިކޮށް އެފަހަރު އެޓީމަށް ލީގު ގެއްލުނީ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުންނެވެ. ކްރިސްޓަލް ޕެލޭސްގެ ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި ދެޓީމު ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ. ލީގުގައި ލިވަޕޫލުގެ ފަހަތުން ވިއްދާފައި އޮތް މެންޗެސްޓަރ ސިޓީ މާދަމާ ހަވީރު ރަށުން ބޭރުގައި ނުކުންނާނީ ހަޑަސްފީލްޑް ޓައުން އާއި ދެކޮޅަށެވެ.
Advertisement
Leave a Reply