ރޮނާލްޑޯ އާއި އަލޮންސޯ ކޯޓަށް ހާޒިރުވަނީ

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާއާއި އެކު ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ސްޕެއިންގެ ޒަބީ އަލޮންސޯ އަންނަ އަންގާރަ ދުވަހު މެޑްރިޑްގެ ކޯޓަކަށް ހާޒިރުވާން ތައްޔާރުވެއްޖެއެވެ. މި ދެކުޅުންތެރިން ކޯޓަށް ހާޒިރުވާނީ ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ވަކި ވަކިން ހިންގާ ދެ ޝަރީއަތަކަށެވެ.
ބެލެވޭ ގޮތުގައި އަންގާރަ ދުވަހު އޮންނަ ޝަރީއަތުގައި ޓެކުހާ ގުޅޭގޮތުން ރޮނާލްޑޯގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އޭނާ އިއުތިރާފްވާނެއެވެ. ހަބަރުތައް ބުނާ ގޮތުގައި ޖަލު ހުކުމަކުން ސަލާމަތްވުމަށްޓަކައި ކޯޓުން ބޭރުގައި ރޮނާލްޑޯ ވަނީ 16.4 މިލިއަން ޕައުންޑްގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވެފައެވެ.
އަނެއްކޮޅުން އަލޮންސޯ ކޯޓަށް ފުރަތަމަ ފަހަރަށް މި ހާޒިރުވަނީ ދެ މިލިޔަން ޔޫރޯގެ ޓެކްސް ފައިސާ އާއި ގުޅޭ ކަމެއްގައި ޓެކުހާ ގުޅޭ އިދާރާތަކަށް އޮޅުވާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ބާއްވާ އަޑުއެހުމަކަށެވެ. އަލޮންސޯ ވަނީ އެފަދަ އެއްވެސް ކަމެއް ކުރިކަމަށް އިންކާރުކޮށްފައެވެ.
ރޮނާލްޑޯ އާއި އަލޮންސޯ ގެ އިތުރުން ސްޕެއިންގައި ކުޅެމުން އަންނަ އެހެން ބައެއް ކުޅުންތެރިންގެ މައްޗަށްވެސް ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތުތަކެއް މީގެ ކުރިން ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ބްރެޒިލްގެ މާސެލޯ ވެސް ހިމެނެއެވެ.
އިޓާލިއަން ލީގުގައި އަންނަ ހޯމަ ދުވަހު ކިއެވޯ އާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗްގައިވެސް ފެންނާނެ ކަމަށް ބެލެވޭ ރޮނާލްޑޯ ގެ މައްޗަށް ތުހުމަތުކުރަނީ 2011 ވަނަ އަހަރާއި 2014 ވަނަ އަހަރާއި ދެމެދު އިމޭޖް ރައިޓްސް ވިއްކައިގެން އޭނާއަށް ލިބޭނެ ކަމަށް ބެލެވޭ 13 މިލިއަން ޕައުންޑްގެ މައުލޫމާތު ހާމަ ކޮށްފައިނުވާ ކަމަށެވެ.
ކުރިން ލިވަޕޫލާއި އަދި ބަޔާން މިއުނިކަށްވެސް ކުޅުމުގެ އިތުރުން 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކުރި ސްޕެއިން ޓީމްގައިވެސް ހިމެނިފައިވާ އަލޮންސޯ ގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ. އަލޮންސޯ 2017 ވަނަ އަހަރު ވަނީ ފުޓްބޯޅައިން ރިޓާޔަ ކޮށްފައެވެ.
Advertisement


Leave a Reply