ފޭދޫ އިއްބެ ކައިވެނި ކޮށްފި، މަރުހަބާ
ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހީމް ވަހީދު ހުސައިން (ފޭދޫ އިއްބެ) ކައިވެނިކޮށްފި އެވެ. ފޭދޫ އިއްބެ ގެ ކައިވެނީގެ ހަފްލާ އޮތީ އިއްޔެ ހަވީރު ހުޅުމާލޭގައެވެ. އެނގިފައިވާ ގޮތުގައި ފޭދޫ އިއްބެގެ އަންހެނުން ނިސްބަތްވަނީ އދ. މާމިގިއްޔަށެވެ.
އުމުރުން 25 އަހަރުގެ ފޭދޫ އިއްބެ ވިދާލީ 2015 ވަނަ އަހަރު ބާއްވަންފެށި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ސ. ފޭދޫ ޓީމުންނެވެ. އެ އަހަރުގެ ފައިނަލުގައި ގދ. ފަރެސްމާތޮޑާ ބަލިކޮށް ފޭދޫ ޗެމްޕިއަންކަން ހޯދީ ފޭދޫ އިއްބެ ޖެހި ހިތްގައިމު ގޯލުންނެވެ. އެއަށްފަހު 2016 ވަނަ އަހަރުވެސް ފޭދޫ އިއްބެ ފެނުނީ ރަށު ޓީމުންނެވެ. ފޭދޫ އިއްބެ ފުރަތަމަ ޑިވިޝަނަށް ތައާރަފްވީ 2017 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުންނެވެ. ފުރަތަމަ ޑިވިޝަނުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އިއްބެ ވަނީ މޯލްޑިވްސް ފުޓްބޯލް އެވޯޑުގެ ދެ ވަނަ މަގާމް ހޯދައިފައެވެ. އަދި، އެ ސީޒަނުގައި އަލަށް ހޮވަންފެށި އެންމެ މޮޅު ގޯލަށްދޭ “ޖޫލޭ އެވޯޑު” ވެސް ހޯދީ އިއްބެ އެވެ.
ފުރަތަމަ ސިޒަނުގެ ކާމިޔާބީއަށްފަހު މިިިދިޔަ އަހަރުވެސް އޭނާ ވަނީ ފެންވަރު ސާބިތުކޮށްދީފައެވެ. ޓީސީން ފުރަތަމަ ފަހަރަށް ދިވެހި ލީގު ކާމިޔާބު ކުރިއިރު ފެދޫ އިއްބެ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި، މިދިޔަ އަހަރު ރާއްޖޭން ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރިއިރު އެއް ފެންވަރެއްގައި ފޭދޫ އިއްބެ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ރާއްޖޭން މުބާރާތް ކާމިޔާބު ކުރިއިރު ފައިނަލް މެޗުގައި އިންޑިއާ ކޮޅަށް ފުރަތަމަ ގޯލު ޖެހީވެސް ފޭދޫ އިއްބެ އެވެ. މިިދިޔަ އަހަރުގެ މޯލްޑިވްސް ފުޓްބޯލް އެވޯޑުގައިވެސް ފޭދޫ އިއްބެ ވަނީ ދެ ވަނަ ހޯދައިފައެވެ.
އާ ސީޒަނަށް މިއަހަރުގެ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާއިރު ފޭދޫ އިއްބެ އަކީ އެންމެ ޑިމާންޑް ބޮޑު އެއް ކުޅުންތެރިޔާއެވެ. “ފަހުމިނެޓް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭދޫ އިއްބެ ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ މާޒިޔާއިންނެވެ.
ފޭދޫ އިއްބެގެ ދެމަފިރިންނަށް “ފަހުމިނެޓް” ގެ ފަރާތުން އުފާވެރި ޒަވާޖީ ހަޔާތަކަށް އެދެމެވެ.
Advertisement
Leave a Reply
ޖޫލޭ އެވޯޑް ހޯދީ ހަމްޕު