ކޭން ނެތަސް ޕޮޗެޓީނޯ ހަމަޖެހިފައި
ޓޮޓެންހަމް ހޮޓްސްޕާސްގެ ކެޕްޓަން އަދި ޔޫރަޕްގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފޯވާޑް ހެރީ ކޭން އަށް އަނިޔާވެ ކުޅުމާ ދުރަށް ދާންޖެހުނަސް އާ ފޯވާޑެއް ހޯދަން އެޓީމު ޕްރެޝަރަށް ނުދާކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ކޭން އަށް އަނިޔާވީ ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ނިމެން އުޅެނިކޮށެވެ. ޔުނައިޓެޑްގެ ފިލް ޖޯންސް އާއި ވިކްޓަ ލިންޑެލޯފް ކޭން އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އަނިޔާވީ ކޭންގެ ކުޑަ ހުޅަށެވެ.
ކޭން އަށް މި ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް އެންމެ އަވަހަށްވެސް ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް ބެލެވެނީ މާޗް މަހުގެ ކުރީކޮޅެވެ. ޕޮޗެޓީނޯ ބުނީ ކޭން ފެންވަރުގެ ކުޅުންތެރިއަކު ނެތުމުން އެކަމުގެ އަސަރު ޓީމަށް ކުރާނެކަމަށެވެ.
“އަހަންނަކަށް ހިއެއްނުވޭ ޓީމާމެދު އަހަރެމެން ދެކޭގޮތް ބަދަލުވާނެހެނެއް. އޭނައަކީ ޔޫރަޕްގައި ހުރި އެންމެ މޮޅު އެއް ފޯވާޑަށްވުމުން އަހަރެމެންގެ ކުޅުމަށް އެކަމުގެ އަސަރު ކުރާނެ” މި ސީޒަނުގައި ޓޮޓެންހަމަށް 20 ގޯލު ޖަހައިދީފައިވާ އުމުރުން 25 އަހަރުގެ ފޯވާޑާއި ގުޅޭގޮތުން ކޭން ބުންޏެވެ.
އަނިޔާގެ ސަބަބުން ލީގު ކަޕްގެ ދެ ވަނަ ލެގްގައި މިހަފްތާ ޗެލްސީއާ ދެކޮޅަށް ކޭން އަށް ނުކުޅެވޭނެ އެވެ. ލީގު ކަޕްގެ ފުރަތަމަ ލެގްގައި 1-0 އިން ޓޮޓެންހަމް ކުރި ހޯދީ ކޭން ވައްދާލި ޕެނަލްޓީންނެވެ. ޗެލްސީ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށް ކުޅެންޖެހޭ ދެ މެޗުވެސް ކޭން އަށް ގެއްލޭނެ އެވެ. އަދި، ޕްރިމިއާ ލީގުގެ ގިނަ މެޗުތަކެއް ގެއްލޭއިރު އޭގެ ތެރޭގައި ޗެލްސީ އާއި އާސެނަލާ ކުޅެންޖެހޭ ދެ މެޗު ހިމެނެއެވެ.
“ޓީމު ވަރުގަދަ ކުރުމަށް އަހަރެމެން އަބަދުވެސް އޮންނާނީ ތައްޔާރަށް. މި ޓީމަށް ބޭނުންވާ ފެންވަރު ގެނެސްދެވޭނެ ކުޅުންތެރިއަކު ހުރިނަމަ އެ ކުޅުންތެރިއަކު ހޯދަން މި ޓީމުން މަސައްކަތްކުރާނެ. އެކަމަކު މިވަގުތައް ބަލާއިރު އެފެންވަރުގެ މާގިނަ ކުޅުންތެރިންނެއް ނެތް” އާޖެންޓީނާއަށް އުފަން ޕޮޗެޓީނޯ ބުންޏެވެ.
އަނިޔާގެ ސަބަބުން ކޭން ގެއްލުނުއިރު މިވަގުތު އެންމެ ރަނގަޅު ފޯމުގައި ހުރި ސޮން ހެއުން މިން ވެސް މިހާރު ހުރީ ޔޫއޭއީ ގައި ކުރިއަށްދާ އޭޝިއަން ކަޕްގައި ސައުތު ކޮރެއާގެ ޓީމާއި އެކީއެވެ. އޭޝިއަން ކަޕްގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ސައުތު ކޮރެއާ ޓީމު ފައިނަލަށް ދަތުރުކޮށްފިނަމަ ޓޮޓެންހަމާއި ސޮން އަލުން ގުޅޭނީ އަންނަ މަހުގެ ކުރީކޮޅެވެ. އެ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. ލީގުގައި ކޭން 14 ގޯލު ޖަހައިފައިވާއިރު ސޮން ވަނީ އަށް ގޯލު ޖަހައިފައެވެ. ޓޮޓެންހަމުން ފަހަކަށް އައިސް ނެރުނު ނަތީޖާތަކުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންކީވެސް ކޭން އާއި ސޮން އެވެ.
ފޯވާޑުންގެ ދަތިކަން ޓޮޓެންހަމަށް ކުރިމަތިވިއިރު ކޭންގެ ބަދަލުގައި އެޓީމުގެ ކުރިއަށް ކުޅެން ހުރީ އުމުރުން 33 އަހަރުގެ ފެނާންޑޯ ލޮރެންޓޭ އެވެ. އާއްމުކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުންނަ ލޮރެންޓޭ އަށް މި ސީޒަނުގައި ކުޅުނު 13 މެޗުގައި ޖެހިފައިވަނީ ހަތަރު ގޯލެވެ. އޭގެ ތެރެއިން ތިން ގޯލުން ޖެހީ އެފްއޭ ކަޕްގައި ޓްރަންމެރޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ލޮރެންޓޭގެ އިތުރުން އެޓީމުގައި ހިމެނޭ ވިންސެން ޔަންސެން އަކީ ޕޮޗެޓީނޯގެ ޕްލޭންގައި ހިމެނޭ ކުޅުންތެރިއެއް ނޫނެވެ. ޔަންސެން ޓޮޓެންހަަމްގެ ސީނިއާ ޓީމަށް އެންމެ ފަހުން މެޗެއް ކުޅެދިނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.
ލީގުގައި 22 މެޗު ކުޅުނުއިރު ޓޮޓެންހަމް އޮތީ 48 ޕޮއިންޓާއެކު ތިން ވަނައިގައެވެ. ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާއި އެޓީމާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މުހިއްމު ދެ ކުޅުންތެރިން ނުލައި ލީގުގައި ޓޮޓެންހަމް މާދަމާރޭ ރަށުން ބޭރުގައި ނުކުންނާނީ ފުލަމް އާއި ދެކޮޅަށެވެ.
Advertisement
Leave a Reply