އޮޒިލް ފެންވަރު ދަމަހައްޓަންޖެހޭ: އެމެރީ

Advertisement

އޮޒިލް ފެންވަރު ދަމަހައްޓަންޖެހޭ: އެމެރީ

ޢަލީ ޝަހީމް

އާސެނަލްގެ މިޑްފީލްޑަރު މެސުތު އޮޒިލް ކްލަބް ދޫކޮށްލުމާމެދު ނުވިސްނާ ކަމަށާއި، ބޭނުންވަނީ އެ ފެންވަރެއްގެ ކުޅުމެއް އޮޒިލްގެ ފަރާތުން ފެންނަން ކަމަށް އެޓީމު ކޯޗު އުނާއީ އެމެރީ ބުނެފިއެވެ. އެމެރީ މިހެން ބުނީ ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުތުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަމުންނެވެ.

ކަކުލަށް ލިބުނު އަނިޔާއަކަށް ވޭތުވެދިޔަ ދުވަސްތަކުގައި ފަރުވާ ހޯދި އޮޒިލް އަށް ފަހަކަށް އައިސް އާސެނަލްގެ ޓީމުން ޖާގައެއް ނުލިބެއެވެ. އެންމެފަހުން ކުޅުނު ހަތަރު މެޗުގައިވެސް އޮޒިލްއަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބިފައިނުވާއިރު މިދިޔަ ހަފްތާ ރަށުން ބޭރުގައި 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވި މެޗުގެ ޓީމުގައިވެސް އޮޒިލް ހިމަނާފައެއް ނުވެއެވެ.

“އަހަރެން އޮޒިލްއާ ވާހަކަ ދައްކައިފިން. ސަބަބަކީ އަހަރެން ބޭނުންވޭ އޮޒިލް އެއް ފެންވަރެއްގައި ކުޅެން” އޮޒިލްއާ ގުޅޭގޮތުން ސުވާލުކުރުމުން އެމެރީ ބުންޏެވެ. “އޮޒިލް އަނިޔާގައިވެސް ހުރި. ބައެއް ފަހަރު ރަނގަޅު އަނެއްބައިފަހަރު އެހާ ރަނގަޅެއް ނޫން. އަހަރެން ބޭނުންވޭ ހުރިހާ ކުޅުންތެރިންވެސް ކޮންމެ ހަފްތާއަކު ރަނގަޅަށް މަސައްކަތް ކުރަން” އެމެރީ ބުންޏެވެ.

އެމެރީ ބުނީ މިރޭ ޗެލްސީއާ ދެކޮޅަށް ނުކުންނައިރު އޮޒިލް ފެނުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އޮޒިލްއާ މެދުވެސް އަމަލު ކުރުމުގައި ތަފާތެއް ނުވާނެކަމަށް އެމެރީ ބުންޏެވެ. ފަހުން ކުޅުނު މެޗުތަކުގައި އޮޒިލް ނުފެނުނު ކަމުގައިވިޔަސް މިދިޔަ ދެ ހަފްތާ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާތީ މިރޭގެ މެޗަށް އޮޒިލް ހުރީ ފިޓުކޮށެވެ.

އޮޒިލް އަށް އާސެނަލްގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ މި ޖެނުއަރީ މަހު ކްލަބް ދޫކޮށްލުމުގެ ފުރުސަތު ބޮޑުކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އާސެނަލް ޓީމުގައި އޮޒިލް އެންމެ ފަހުން މެޗެއް އެއްކޮށް ކުޅުނީ މިދިޔަ ޑިސެމްބަރު 12 ވަނަ ދުވަހު ބާންލީއާ ދެކޮޅަށެވެ. އޮޒިލް ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަދެއްކުމުން އެމެރީ ބުނީ އެކަމާ އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ.

“އެކަމަކާ އެއްވެސް ވަރަކަށް ނުވިސްނަން. އަހަރެން ވިސްނަނީ ރަނގަޅު ކުޅުމަކާއެކު އޭނާއަށް މިއަހަރު އަހަރެމެނަށް އެހީތެރިވެވިދާނެ ގޮތްތަކަކީ ކޮބައިތޯ” އޮޒިލްގެ ކުރިމަގާ ގުޅޭގޮތުން އެމެރީ ބުންޏެވެ.

ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ނުކުންނައިރު 41 ޕޮއިންޓާއެކު އާސެނަލް އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. އެޓީމަށްވުރެ ހަ ޕޮއިންޓު ކުރީގައި 47 ޕޮއިންޓާއެކު ޗެލްސީ އޮތީ ހަތަރު ވަނައިގައެވެ. ގަދަ ހަތަރެއްގެ ފުރުސަތު ބޮޑު ކުރުމަށް އާސެނަލަށް މިރޭ މޮޅުވުން މަޖުބޫރެވެ. މި ދެޓީމު ކުޅޭމެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 10:30 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *