ދެ ވަނަ ބުރަށް ނުގޮސް އިންޑިއާ ގްރޫޕުގެ ފުލަށް
އޭއްއެފްސީ އޭޝިއަން ކަޕްގައި ގްރޫޕް އޭ ގައި ބަހްރޭންއާ ވާދަކުރި މެޗުން ފަހު ވަގުތު ބަލިވެ އިންޑިއާ މުބާރާތުން ކަޓައިފިއެވެ. ގަދަ 16 ޓީމުގެ ތެރޭގައި ހިމެނުނަށް ވަރަށް ބޮޑަށް އުއްމީދުކޮށްގެން ތިބި އިންޑިއާ މުބާރާތުން ކެޓީ މެޗުގެ އިތުރު ވަގުތުގައި ބަހްރޭނަށް ލިބުނު ޕެނަލްޓީ ވައްދާލައިގެން 1-0 އިން ބަލިވެ ގްރޫޕުގެ ފުލަށް ގޮސްގެންނެވެ.
ފޯރިގަދަވި މި ގްރޫޕުގެ އެއް ވަނަ ފަސް ޕޮއިންޓާއެކު ހޯދީ މުބާރާތް ބާއްވާ ޔޫއޭއީ އެވެ. އެޓީމު ރޭ ވަނީ އަމިއްލަ ދަނޑުގައި ތައިލެންޑާއި ކުޅުނު މެޗު 1-1 އިން އެއްވަރުކޮށް ދެ ވަނަ ބުރުގެ ފުރުސަތު ޔަގީންކޮށްފައެވެ. ޔޫއޭއީގެ ފަހަތުން ގްރޫޕުގެ ދެ ވަނަ ލިބުނީ ހަތަރު ޕޮއިންޓް ހޯދި ތައިލެންޑަށެވެ. ފުރަތަމަ މެޗުން އިންޑިއާ އަތުން 4-1 އިން ބަލިވިނަމަވެސް، ކޯޗު ބޭރުކޮށް ފަހު ދެ މެޗުގައި އެޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ގްރޫޕުގެ ދެ ވަނަ މެޗުގައި 1-0 އިން އެޓީމު ބަހްރޭން ވެސް ބަލިކުރިއެވެ. ގްރޫޕުގެ ތިން ވަނަ އަށް ދިޔައީ ރޭ އިންޑިއާ ބަލިކުރި ބަހްރޭން އެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ބަހްރޭން ވަނީ ފުރަތަމަ މެޗުގައި ޔޫއޭއީއާ 1-1 އިން އެއްވަރު ކޮށްފައެވެ. ތިން ވަނަ ޓީމުގެ ގޮތުގައި ބަހްރޭނަށް ވެސް ވަނީ ގަދަ 16 އިން ޖާގަ ލިބިފައެވެ. އިންޑިއާ ގްރޫޕުގެ ފުލަށް ދިޔައީ ތިން ޕޮއިންޓް ލިބިގެންނެވެ. ފުރަތަމަ މެޗުގައި ތައިލެންޑް އަތުން މޮޅުވި ނަމަވެސް ދެ ވަނަ މެޗުގައި ޔޫއޭއީ އަތުން 2-0 އިން އެޓީމު ވަނީ ބަލިވެފައެވެ.
ރޭ ބަހްރޭންއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާއަށް ބަހްރޭންގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. މުޅި މެޗުގައިވެސް މޮޅުވުން ހައްގު ކުޅުމެއް ދެއްކި ބަހްރޭނުން ދިޔައީ ހަމަލާއަކަށްފަހު ހަމަލާއެއް އިންޑިއާގެ ގޯލަށް ފޮނުވާލަމުންނެވެ. މެޗުގެ ފަހު 15 މިނެޓަށް ދިޔައިރު މުޅި އިންޑިއާ ޓީމު އޮތީ ފަހަތުގައެވެ. ބަހްރޭނުން އުފެއްދި ހަމަލާތަކުގައި އިންޑިއާގެ ގޯލްކީޕަރު ގުޕްރީތު ސިންގް ސަންދު މޮޅު ކުޅުމެއްދެއްކިއިރު އިތުރު ވަގުތާއި ހަމައަށް 0-0 އިން އޮތުމުގައި އެޓީމަށް ނަސީބުވެސް ވަރަށް ބޮޑަށް އެހީވިއެވެ. އެކަމަކު މުޅި އިންޑިއާ ރޮއްވާލީ އިތުރު ވަގުތުގެ ތެރޭގައި ދެއްކި ހަތަރު މިނެޓުގެ ތެރެއިން ފުރަތަމަ މިނެޓުގައި އިންޑިއާގެ ޕްރޯނޭ ހެލްޑާ އޭރިޔާ ތެރެއިން ބަހްރޭންގެ ހަމަދް އަލް ޝަމްސަން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީންނެވެ. ވައްދާލަން މަޖުބޫރު މި ޕެނަލްޓީ ބަހްރޭން ޓީމުގެ ޖަމާލް ރާޝިދް ވަނީ އިތުބާރާކު ކާމިޔާބުކޮށްފައެވެ. ރޭގެ މެޗު އެއްވަރު ކޮށްލައިގެންވެސް ނޫންނަމަ ޔޫއޭއީ އަތުން ތައިލެންޑް ބަލިވެގެންވެސް އިންޑިއާ އަށް ގަދަ 16 ގެ ފުރުސަތު އޮތީ ފަހިވެފައެވެ.
އިންޑިއާ 2015 އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައި ނުވިއިރު 2011 ވަނަ އަހަރުގެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން ބަލިވެ ގްރޫޕުގެ ފުލަށް ގޮސްގެންނެވެ. މިއަހަރުގެ އޭޝިއަން ކަޕަށް ވަރަށް ބޮޑަށް ތައްޔާރުވި އިންޑިއާ، މިދިޔަ އަހަރުގެ ފަހުކޮޅު ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕް މުބާރާތަށް ޒުވާން ޓީމެއް ފޮނުވީވެސް ސީނިއާ ގައުމީ ޓީމު އޭޝިއަން ކަޕަށް ތައްޔާރު ކުރުމުގެ ގޮތުންނެވެ. ސާފް ސުޒުކީ ކަޕް ފައިނަލުގައި ރާއްޖެ އަތުން އިންޑިއާގެ ޒުވާން ޓީމު ބަލިވިއިރު އޭޝިއަން ކަޕުގެ ދެ ވަނަ ބުރުން ފުރުސަތު ނުލިބުމުން އެޓީމުގެ ކޯޗު ސްޓެފަން ކޮންސްޓެންޓައިން ރޭ ވަނީ އިސްތިއުފާދީފައެވެ.
Advertisement
Leave a Reply