އޮސްޓްރޭލިއަން އޯޕަންގެ ފުރަތަމަ ބުރުން މަރޭ ކަޓައިފި
މިހާރު އޮސްޓްރޭލިޔާގެ މެލްބަން ގައި ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުން އިނގިރޭސިވިލާތުގެ މަޝްހޫރު ޓެނިދސް ކުޅުންތެރިޔާ އެންޑީ މަރޭ ކަޓައިފިއެވެ. މީގެ ކުރިން ދުނިޔޭގެ އެއް ވަނަ މަގާމްވެސް ހޯދި މަރޭ މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތުން ކެޓީ އިއްޔެ މެންދުރު ފަހު ސްޕެއިންގެ ރޮބާޓޯ ބައުޓިސްޓާއާ ދެކޮޅަށް ކުޅުން މެޗުން ތިން ސެޓް ދެ ސެޓުން ބަލިވުމުންނެވެ. މި މެޗް ރޮބާޓޯ ބައުޓިސްޓާ ކާމިޔާބުކުރީ 4-6، 4-6، 7-5، 7-6 އަދި 2-6 އިންނެވެ.
މެޗްގެ ފުރަތަމަ ދެ ސެޓް ރޮބާޓޯ ކާމިޔާބުކުރުމާއެކު ގިނަ ބަޔަކު ހީކޮށްގެން ތިބީ މުރޭ ކަޓައިގެންދާނީ އެންމެ ސެޓެއް ވެސް ނުލިބި ކަމަށެވެ. އެކަމަކު ވަރަށް ހިތްވަރާއެކު ކުޅެމުން އައި މުރޭ ޖެހިގެން އައި ދެ ސެޓް ކާމިޔާބުކޮށް އޭނާގެ ސަޕޯޓަރުންނަށް އުއްމީދު އާކޮށްދިނެވެ. އެކަމަކު ފަހު ސެޓްގައި މަރޭ ފެނުނީ މާބޮޑަށް ވަރުބަލިވެފައި ހުރި ތަނެވެ. ނަތީޖާއެއްގެ ގޮތުން ރޮބާޓޯ ފަހު ސެޓް ކާމިޔާބުކުރީ ފަސޭހަކަމާއެކު އެވެ.
“މި މެޗް ބަލާލަން މިތަނަށް އައި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިވޭތުވެދިޔަ އަހަރުތަކުގަ އަހަރެން މިތާ ކުޅުނީ ކުޅޭ ހިތުން. މިއީ މިތާ އަހަރެން ކުޅުނު އެންމެ ފަހު މެޗް ކަމަށް ވެއްޖެ ނަމަ މިއީ ވަރަށް އާދަޔާ ހިލާފް ނިމުމެއް. މި މެޗްގަ އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން. އެކަމަކު އެވަރަކުން މިރޭ ނުފުދުނު. އެހެންވީމަ ރޮބާޓޯ އާއި އޭނަގެ ޓީމަށް އަހަރެން މަރުހަބާ ކިޔަން.” މެޗަށް ފަހު ވާހަކަދައްކަމުން މަރޭ ބުނެފައިވެއެވެ.
މުބާރާތް ފެށުމުގެ ކުރިން މިދިޔަ ހުކުރު ދުވަހު މެލްބަންގައި ވާހަކަދައްކަމުން މަރޭ ބުނެފައިވަނީ މިއަހަރުގެ މެދެއްހާ ހިސާބުގައި އިނގިރޭސިވިލާތުގައި އޮންނަ ވިމްބަލްޑަން ޓެނިސް މުބާރާތަށްފަހު ޓެނިހުން ރިޓަޔަރ ކުރާނެ ކަމަށާއި، އެކަމަކު އޭނާގެ އެންމެ ފަހު މުބާރާތަށް އިއްޔެ ފެށި އޮސްޓްރޭލިޔަން އޯޕަން ވެދާނެ ކަމުގެ ބިރު އޮތްކަމަށްވެސް ބުނެފައެވެ.
ފޫކޮޅުގެ މަސްގަނޑަށް ލިބުނު އަނިޔާއަކަށް ފަރުވާ ކުރުމުގެ ގޮތުން މިދިޔަ އަހަރު ކުރި އޮޕަރޭޝަނަކަށް ފަހު ކުޅުމުގެ ތެރެއަށް އައުމަށް މަސައްކަތްކުރަމުން އައި މަރޭ އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޮޕަރޭޝަނަށްފަހު އޭނާ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެކަމަކު އޭގެ ފަހުން އޭނާ ކުޅެފައިވަނީ އެންމެ 14 މެޗެވެ.
“އަނިޔާގެ ސަބަބުން މި އިހްސާސްކުރަންޖެހޭ ތަދާއެކު އަހަރެންނަކަށް ހިޔެއް ނުވޭ ކުރިއަށް އޮތް ހަތަރެއް ނުވަތަ ފަސް މަސް ދުވަސް ވަންދެން އަހަރެންނަށް ކުޅުން ކުރިއަށް ގެންދެވޭނެހެނެއް. އަހަރެން ބޭނުންވަނީ ވިމްބަލްޑަން މުބާރާތުގަ ކުޅެފަ ހުއްޓާލަން. އެކަމަކު އެކަން ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް.” މަރޭ ބުންޏެވެ.
މަރޭ މިދިޔަ އަހަރު އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައި ނަމަވެސް އޭނާ ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސީޒަން ނިންމާލައި ރިހެބިލިޓޭޝަން އެކްސްޕާޓެއް ކަމަށްވާ ބިލް ނޯލްސް އާއެކު އަލުން ފޯމަކަށް އަންނަން ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާގެ މަގާމުގައި މިހާރު ހުރި ސާބިޔާގެ ނޮވާކް ޖޮކަވިޗް އާއެކު މެލްބަންގައި ކުރިއަށްގެންދިޔަ އޯޕަން ޕްރެކްޓިސް މެޗެއްގައި މަރޭ ފެނުނީ ބޮޑު މުބާރާތެއްގައި ވާދަކުރެވޭ މިންވަރަށް ފިޓްވެފައި ނެތް ތަނެވެ.
މަރޭ ވަނީ 2002 ވަނަ އަހަރުގެ ޔޫއެސް އޯޕަން އަދި 2013 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ވިމްބަލްޑަން މުބާރާތް ކާމިޔާބުކޮށްފައެވެ. އެކަމަކު ގްރޭންޑް ސްލޭމް އަނެއް ދެ މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން އަދި މިހާތަނަށް މަރޭ އަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
Advertisement
Leave a Reply