ޓީސީން ވާޑުގެ ސޮއި ހޯދައިފި
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގު ކާމިޔާބު ކުރި ޓީސީ ސްޕޯޓްސް ކްލަބުން މިދިޔަ އަހަރު ޔުނައިޓެޑް ވިކްޓްރީ އަށް ކުޅުނު އަބްދުލް ވާހިދު އިބްރާހީމް (ވާޑު) ގެ ސޮއި ހޯދައިފިއެވެ. މިއީ މި ސީޒަނަށް އެ ކްލަބާ ރަސްމީކޮށް ގުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ. އުމުރުން 25 އަހަރުގެ ވާޑު އަކީ މެދުތެރެއިން މޮޅަށް ކުޅޭ ހުނަރުވެރި ކުޅުންތެރިއެކެވެ.
ވާޑު ޓީސީ އަށް ބަދަލުވީ މިހާރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލާފައިވާ އާ ގަވައިދުގެ ދަށުން ތިން އަހަރު ދުވަހަށެވެ. ފުޓްބޯޅައަށް ވާޑު ތައާރަފްވީ އުުމުރުން 18 އަހަރުގައި ސީއެޗްއެސްސީ ގައި ގްރޭޑް 12 ގައި ކިޔަވަމުން ދަނިކޮށް 2011 ވަނަ އަހަރު ބޭއްވި ޔޫތް އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ވެލެންސިޔާ ޓީމުންނެވެ. 21 އަހަރުން ދަށަށް އަމާޒުކޮށްގެން އެފްއޭއެމް އިން ކުރިއަށް ގެންދިޔަ ފުރަތަމަ ޔޫތް އެފްއޭ ކަޕް މުބާރާތުގައި ވާޑު ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފައެވެ. އެއަށްފަހު ޖެހިގެން އައި ދެ އަހަރު ވާޑު ފެނުނީ ކްލަބް ވެލެންސިއާ އިންނެވެ.
ވެލެންސިއާ ގައި ދެއްކި މޮޅު ކުޅުމާއެކު 2013 ވަނަ އަހަރު ހަވީރުން ހޮވި 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ ރޭހުގައި ވާޑު ވަނީ ދެ ވަނަ ހޯދައިފައެވެ. ވެލެންސިއާއިން ފާހަގަ ކުރެވުމުން 2014 ވަނަ އަހަރު ވާޑުގެ ސޮއި ހޯދީ މާޒިޔާއިންނެވެ. އެއް އަހަރު މާޒިޔާއަށް ކުޅުމަށްފަހު ވާޑު އަނެއްކާވެސް ބަދަލުވީ ފުޓްބޯޅަ ކެރިއަރު ފެށި ވެލެންސިއާ އަށެވެ. ވެލެންސިއާގައި ދެ އަހަރު ހޭދަކުރުމަށްފަހު 2017 ވަނަ އަހަރު ޔުނައިޓެޑް ވިކްޓްރީ އަށް ވާޑު ބަދަލުވިއެވެ. އެޓީމާއެކު މާލޭ ލީގު ކުޅުމަށްފަހު ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުން އެ އަހަރު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު މާޅޮސް ޓީމާ ވާޑު ގުޅުނެވެ. މާޅޮސް ޓީމާއެކު ދިވެހި ލީގުގައި އެ އަހަރު ވާޑު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. މާޅޮސް ޓީމަށް ކުޅުމަށްފަހު މިދޔަ އަހަރު ވާޑު އަނެއްކާވެސް ފެނުނީ ޔުނައިޓެޑް ވިކްޓްރީންނެވެ.
ޓީސީ އަށް ބަދަލުވުމަށްފަހު “ފަހުމިނެޓް” އާ ވާހަކަ ދައްކަމުން ޅ. ކުރެންދޫއަށް އުފަން ވާޑު ބުނީ ޓީސީ އަށް ބަދަލުވީ އެއީ މިހާރު ރާއްޖޭގެ އެއް ވަނަ ކްލަބަށްވީމަ ކަމަށެވެ.
“އެއީ މިހާރު ނަންބަރ ވަން ވީމަ ބަދަލުވީ. ދެން އޭގެ އިތުރަށް ޓީސީ އަކީ ކުޅުންތެރިން ކުރިއަރުވަން ވަރަށް މަސައްކަތްކުރާ ކްލަބެއް” ގަލޮޅު ދަނޑަށް ޒުވާން ގިނަ ތަރިންތަކެއް ނެރެދީފައިވާ ކްލަބާއި ގުޅޭގޮތުން ވާޑު ބުންޏެވެ.
ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކްލަބްތަކުން ކުރާއިރު މި އަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ހަމަޖައްސާފައިވަނީ ޖޫން މަހުއެވެ. މި ބަދަލާއެކު ކުޅުންތެރިން ހޯދުމާއި ސީޒަނަށް ތައްޔާރުވުމަށް ކްލަބްތަކަށް ފަސް ވަރަކަށް މަސްދުވަސް އެބައޮތެވެ. އާ ސީޒަން ފެށުން ލަސްކުރީ ކްލަބްތަކުގެ މާލީ ހާލަތު ދަށްވުމާއި، ކުޅުންތެރިންގެ މުސާރަ ކަނޑައަޅައި އިދާރީ ގޮތުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުން ކްލަބްތަކުގެ މެޖޯރިޓީއާ އެއްކޮށް ކަމަށް އެފްއޭއެމް އިން ބުނެއެވެ.
Advertisement
Leave a Reply