ކުރިމަގު އޮތީ ޗެލްސީގައި: ވިލިއަން

ޗެލްސީގައި މަޑުކުރަން ބޭނުންވާ ކަމަށާއި، ކޮންޓްރެކްޓް ހަމަވުމުން އިތުރު އެއްބަސްވުމަކަށް ދާންވެސް ތައްޔާރު ކަމަށް ޗެލްސީއަށް ކުޅޭ ބްރެޒިލްގެ ވިލިއަން ބުނެފިއެވެ. އުމުރުން 30 އަހަރުގެ ވިލިއަން ގެންދަން އެންމެ ބޮޑަށް ބޭނުންވަނީ ބާސެލޯނާއިންނެވެ. ޖެނުއަރީ ޓްރާންސްފާ ބާޒާރު މިހާރު ހުޅުވިފައިވާއިރު ބާސެލޯނާއިން ވިލިއަން ހޯދުމަށް ކުރި ބިޑަށް ޗެލްސީން ނޫނެކޭ ބުނިކަމަށް ރިޕޯޓުތައް ބުނެއެވެ.
ވިލިއަން އޭނާ ބޭނުންވާގޮތް ހާމަކުރީ ލީގުގައި އެންމެ ފަހުން ނިއުކާސަލްއާ ދެކޮޅަށް ކުޅެ 2-1 އިން މޮޅުވި މެޗަށްފަހު އެވެ. އެމެޗުގައި ޗެލްސީ މޮޅުވި ގޯލު ޖަހައިދިނުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިލިއަން ވަނީ އޭނާ ގެންދިއުމަށް މަސައްކަތްކުރާ ޓީމުތަކަށް އެ ފުރުސަތު ނެތްކަން ހާމަވާގޮތަށް ވާހަކަދައްކައިފައެވެ.
“އަހަރެންގެ ކުރިމަގު އޮތީ މިތާ. ކޮންޓްރެކްޓް ގައި އެއް އަހަރާއި ބައި އެބައޮތް. މުއްދަތު ހަމަވަންދެން އަހަރެން މި ކްލަބުގައި ހުންނާނަން” ވިލިއަން ބުންޏެވެ.
ނިއުކާސަލް ކޮޅަށް ވިލިއަން ޖެހި ގޯލަކީ މި ސީޒަނުގައި ލީގުގައި އޭނާ ޖެހި ތިން ވަނަ ގޯލެވެ. ޗެލްސީއަށް މިހާތަނަށް ކުޅުނު 268 މެޗުގައި ވިލިއަން ވަނީ 49 ގޯލު އެޓީމަށް ޖަހައިދީފައެވެ. ލީގުގައި ޗެލްސީ މިވަގުތު އޮތީ 47 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. އެޓީމާ އެންމެ ގާތުން ވާދަކުރާ އާސެނަލާއި މެންޗެސްޓަރ ޔުނައިޓެޑް އޮތީ ޗެލްސީ އަށްވުރެ ހަ ޕޮއިންޓް ފަހަތުގައެވެ.
ވިލިއަން ބުނީ ކްލަބުން އޭނާއާއެކު އިތުރު އެއްބަސްވުމަކަށް ދާން ބޭނުންނަމަ އެކަންވެސް ކުރާނެ ކަމަށެވެ.
“އަހަރެންގެ ސަމަލުކަން ހުރީ މި ކްލަބަށް. އާ އެއްބަސްވުމެއްވެސް ބޭނުން. ކްލަބުން ބޭނުންނަމަ އަހަރެން އެއްބަސްވުން އާކުރާނަން. މިތަނުގައި އަހަރެން ބައިވަރު ތަށިތައް ހޯދައިފިން. މިހުރީ ވަރަށް އުފަލުން” 2013 ވަނަ އަހަރު ރަޝިއާގެ އަންޒީ އިން ޗެލްސީ އަށް ބަދަލުވި ކުޅުންތެރިޔާ ބުންޏެވެ.
ޗެލްސީ އާއެކު ވިލިއަން ވަނީ މިހާތަނަށް ދެ ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ. 15-2014 ވަނަ އަހަރާއި 17-2016 ވަނަ އަހަރު އެ ކްލަބުން ލީގު ކާމިޔާބު ކުރިއިރު ވިލިއަން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. 15-2014 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ލީގު ކާމިޔާބު ކުރުމަށްފަހު ތަށި ދިފާއުކުރަން ނުކުތް ސީޒަނުގައި މޮރީނިއޯ އާއެކު ޗެލްސީން ނެރުނީ ދަށް ނަތީޖާ ތަކެކެވެ.
އެސީޒަނުގައި ޗެލްސީގެ ބައެއް ކުޅުންތެރިންނާއި މޮރީނިއޯއާ މައްސަލަ ޖެހުމުގެ އިތުރުން ދަނޑުގައި މަތީގާއި ފެންވަރު ސާބިތު ނުކޮށްދިނުމުގެ ސަބަބުން ވަރަށް ބޮޑަށް އެޓީމުގެ ކުޅުންތެރިންނަށް ފާޑުކިއުން އަމާޒުވި އެވެ. އެކަމަކު އެ ސީޒަނުގައި ވިލިއަންގެ ފަރާތުން ފެނުނު ކުޅުމާއި، ބެހެއްޓި ޕްރޮފެޝަނަލްކަން އެ ކްލަބުގެ އިތުރުން ސަޕޯޓަރުންވެސް ވަނީ ފާހަގަކޮށްފައެވެ.
“ޗެލްސީ އަށް ކުޅޭނަމަ، ސިކުނޑީގައި އިންނަން ޖެހޭނީ ކޮންމެ އަހަރަކުވެސް ތަށި ހޯދަން” ވިލިއަން ބުންޏެވެ.
Advertisement


Leave a Reply