ޗެލްސީގެ ކަޅި ވިލްސަން އަށް، ބާސެލޯނާއިން މޮރާޓާ ގެންދަނީ؟

Advertisement

ޗެލްސީގެ ކަޅި ވިލްސަން އަށް، ބާސެލޯނާއިން މޮރާޓާ ގެންދަނީ؟

ޢަލީ ޝަހީމް

ފޯވާޑެއްގެ މުހިއްމުކަން ބޮޑުވެފައިވާ އިނގިރޭސި ކްލަބް ޗެލްސީން، ބޯންމައުތަށް ކުޅޭ ފޯވާޑް ކަލުމް ވިލްސަން ގެންދަން މަސައްކަތް ކުރާކަމަށް ރިޕޯޓުތައް ބުނެފިއެވެ. އުމުރުން 26 އަހަރުގެ ވިލްސަން އަކީ  ޗެލްސީން ކުރިންވެސް ޝައުގުވެރިވާ ކުޅުންތެރިއެކެވެ. ޗެލްސީގެ ފޯވާޑުންގެ ގޮތުގައި ތިބި އަލްވާރޯ މޮރާޓާ އާއި އޮލިވިއޭ ޖިރޫޑް އަށް ކޯޗު މައުރީޒިއޯ ސާރީ ބޭނުންވާ ވަރަށް ގޯލު ނުޖެހޭތީ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އެ ކްލަބަށް ފޯވާޑެއް ގެނައުމުގެ ފުރުސަތު ވަރަށް ބޮޑެއެވެ.

އެޓީމުން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ޔުވެންޓަސްގެ ލޯނެއްގެ ދަށުން އިޓަލީގެ އޭސީ މިލާނަށް ކުޅޭ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން ލޯނު އެއްބަސްވުމެއް ދަށުން ސީޒަން ނިމެންދެން ގެންނާށެވެ. އެކަމަކު ޔުވެންޓަސް އިން ބޭނުންވަނީ އުމުރުން 31 އަހަރުގެ ފޯވާޑް ދާއިމީކޮށް ޗެލްސީ އަށް ވިއްކާލާށެވެ. ޗެލްސީން އެކަމަށް ދެކޮޅު ހަދަނީ އެ އުމުރުގެ ކުޅުންތެރިއަކަށް ދަށްކަންޖެހޭ އަގު ބޮޑުވުމުންނެވެ.

Advertisement

ހިގުއައިން ގެނައުމުގައި އަދިވެސް ކާމިޔާބު ވެފައިނުވާ ޗެލްސީން ވިލްސަން ގެންދަން ބޭނުންނަމަ 75 މިލިއަން ޕައުންޑް ދައްކަން ޖެހޭނެ ކަމަށް ބޯންމައުތުން ވަނީ ބުނެފައެވެ. ވިލްސަންގެ ޓެގު ބޯންމައުތުން އެޅުވިއިރު ސާރީ ބޭނުންވަނީ 50 މިލިއަން ދިނުމަށްފަހު ވިލްސަން ގެންނާށެވެ. 2014 ވަނަ އަހަރު އެންމެ ތިން މިލިއަނަށް ގެނައުމަށްފަހު ބޯންމައުތުން ވިލްސަން ވިއްކާލުމަށް މިހާރު ކިޔާ 75 މިލިއަނަކީ 25 ގުނަ އިތުރު އަދަދެކެވެ. ބޯންމައުތުން ބޭނުންވާ އަގު ޗެލްސީން ހުށަހަޅައިފި ނަމަ ވިލްސަން ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.

ބޯންމައުތުން ވަނީ އެޓީމުގެ ފޯވާޑް ލައިން ވަރުގަދަ ކުރުމަށް ލިވަޕޫލުގައި ހުރި ޒުވާން ފޯވާޑް ޑޮމިނިކް ސޮލާންކޭ އެޓީމަށް ގެނެސްފައެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ވިލްސަން ވަނީ ލީގުގައި ބޯންމައުތައް 10 ގޯލު ޖަހައިދީފައެވެ. ލީގުގައި ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން ވިލްސަން އަށް ވަނީ ދާދިފަހުން އިނގިރޭސި ގައުމީ ސްކޮޑުންވެސް ފުރުސަތު ލިބިފައެވެ. ޗެލްސީން ވިލްސަން އަށް ކަޅިއަޅާއިރު ވުލްވްސް އިންވެސް ވިލްސަން ގެންދަން ޝައުގުވެރިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސެލޯނާގެ ކޯޗުގެ ތައުރީފް މޮރާޓާ އަށް

ޗެލްސީ އާއެކު ފޯވާޑެއް ގެންދަން އެންމެ ބޮޑަށް ބޭނުންވާ އަނެއް ޓީމަކީ ބާސެލޯނާ އެވެ. އެޓީމުގެ އެޓޭކުގައި ބައިވެރިވާ މުނީރް އެލް ހަދާދީ މީގެ ދެ ދުވަސްކުރިން ސެވިއްޔާ އަށް ބަދަލުވެފައިފާއިރު މިޑްފީލްޑަރު ޑެނިސް ސުއަރޭޒްގެ ކުރިމަގާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. ބާސެލޯނާގެ ކޯޗު އާނަސްޓޯ ވަލްވޭޑޭ ބުނީ މުނީރު ކްލަބް ދޫކޮށް ދިއުމުން އިތުރު ކުޅުންތެރިއަކަށް އެ ކްލަބުގައި ޖާގަ އެބައޮތް ކަމަށެވެ. ދި ސަން ނޫހުން ރިޕޯޓުކުރާ ގޮތުގައި މުނީރުގެ ބަދަލުގައި ވަލްވޭޑޭ އެންމެ ބޮޑަށް ބޭނުންވަނީ ފޯވާޑެކެވެ. މޮރާޓާއާ ގުޅޭގޮތުން ސުވާލުކުރުމުން ވަލްވޭޑޭ އެކަމަށް ސީދާ ޖަވާބެއް ނުދިން ނަމަވެސް މޮރާޓާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށް ވަނީ ބުނެފައެވެ.

ވަލްވޭޑޭ ބުނީ މޮރާޓާ މިވަގުތު ހުރީ އެހެން ޓީމެއްގައި ކަމަށާއި، އެކަމަށް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ.

“މުނީރު ކްލަބް ދޫކޮށްލުމުން އަހަރެމެންގެ ޓީމުގައި އިތުރު ކުޅުންތެރިއަކަށް ޖާގަ އެބައޮތް. ކުޅުންތެރިއަކު ގެންނަ ނަމަ ކްލަބުގެ ހާލަތަށްވެސް ބަލަންޖެހޭ” މޮރާޓާއާ ގުޅޭގޮތުން ސުވާލު ކުރުމުން ވަލްވޭޑޭ ބުންޏެވެ.

ލީގުގައި ޗެލްސީ އެންމެ ފަހުން ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި މޮރާޓާ ޓީމުގައިވެސް ހިމަނާފައެއް ނުވެއެވެ. އެކަމާއި ގުޅޭގޮތުން މެޗަށްފަހު ނޫސްވެރިއަކު ސާރީއާ ސުވާލުކުރުމުން ބުނީ މޮރާޓާ ބާކީ ކުރީ ޓެކްޓިކަލް ސަބަބެއް އޮތުމުން ކަމަށެވެ. މޮރާޓާ ޗެލްސީން ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭއިރު ސުވާލަކީ ބާސެލޯނާގެ ވަރުގަދަ ސްކޮޑަށް ގޯލް ޖެހުމުގެ ރެކޯޑް ދަށް ކުޅުންތެރިއަކު ގެންނަން އެޓީމުން ބޭނުންވެދާނެ ބާއެވެ؟

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *