މެސީ 400 ހަމަކޮށްފި
ސްޕެނިޝް ލީގްގައި މެސީ ހަމަކުރި 400 ވަނަ ލަނޑާއެކު ރޭ އެއިބާ އާ ދެކޮޅަށް ކުޅެ 0-3 އިން ބާސެލޯނާ މޮޅުވެއްޖެއެވެ. އަމިއްލަ ރަށުގައި ރޭ ބާސެލޯނާއިން ހޯދި މޮޅާއެކު އެ ޓީމުން ވަނީ ފަސް ޕޮއިންޓްގެ ލީޑަކާއެކު ޓޭބަލްގެ އެއް ވަނަ މަގާމް ދަމަހައްޓައިފައެވެ.
މިހާރުވެސް ސްޕެނިޝް ލީގްގެ ތާރީހްގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާގެ ރެކޯޑް އޮތް މެސީ ލީގްގައި އޭނާ ޖެހި 400 ވަނަ ގޯލަށް ވީ ރޭގެ މެޗްގައި ބާސެލޯނާއިން ޖެހި ދެ ވަނަ ގޯލެވެ. މެޗްގެ 51 ވަނަ މިނެޓްގައި މެސީ މިލަނޑު ކާމިޔާބުކުރީ އެއިބާގެ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. ރޭގެ މެޗަކީ މެސީ ސްޕެނިޝް ލީގްގައި ކުޅުނު 435 ވަނަ މެޗެވެ. މެޗްގައި މެސީ ޖެހި ގޯލާއެކު އޭނާ ހިމެނިފައިވަނީ ޔޫރަޕްގެ އެންމެ މަޝްހޫރު ފަސް ލީގް އެއްކޮށްލައިގެންވެސް އެއް ލީގެއްގައި 400 ލަނޑު ހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައެވެ. ޔޫރަޕްގެ ފަސް ލީގުގައި 400 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިހާރު ޔުވެންޓަސް އަށް ކުޅޭ ރޮނާލްޑޯ ވަނީ މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގައި ހޭދަކުރި ދުވަސްތަކުގައި ގިނަ ގޯލުތަކެއް ޖަހައިފައެވެ. ޔުވެންޓަސްއާ ގުޅުމަށްފަހު ޖެހި ގޯލުތަކާއެކު ރޮނާލްޑޯ މިހާރު ވަނީ 409 ގޯލު ޖަހައިފައެވެ. ބާސެލޯނާގައި ހުރެ މެސީ 400 ގޯލު ހަމަކުރީ ރޮނާލްޑޯއަށްވުރެ 63 މެޗު މަދުން ކުޅެގެންނެވެ.
ރޭގެ މެޗްގައި މެސީއަށް އިތުރު ގޯލެއް ކާމިޔާބުކުރަންވެސް ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ޕެނަލްޓީ އޭރިޔާގެ ރޮނގު މަތީގައި ކަހަލަ ގޮތަކަށް ހުރި މެސީ އަށް ބޯޅަ ފޮނުވާލެވުނީ ސީދާ ކީޕަރާ ދިމާއަށެވެ. މެޗްގައި ބާސާ އިން ޖެހި ތިން ގޯލްގެ ތެރެއިން އަނެއް ދެ ގޯލް ކާމިޔާބުކުރީ ލުއިސް ސުއަރޭޒް އެވެ. މެޗްގެ 19 ވަނަ މިނެޓްގައި ސުއަރޭޒް ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ބާސެލާނާގެ މުޅި ޓީމް ކަހަލަ ގޮތަކަށް ބިލްޑް އަޕްގައި ބައިވެރިވެގެން ކާމިޔާބުކުރި ގޯލެކެވެ. މެޗްގެ ތިން ވަނަ ގޯލް ސުއަރޭޒް ކާމިޔާބުކޮށްފައިވަނީ 59 ވަނަ މިނެޓްގައެވެ.
ރޭ ސްޕެނިޝް ލީގްގައި ރެއާލް ބެޓިސް އާ ވާދަކޮށް ރެއާލް މެޑްރިޑް ވަނީ 1-2 އިން މޮޅުވެފައެވެ. ރަށުން ބޭރުގައި ރެއާލުން ހޯދި މޮޅާއެކު އެ ޓީމުން ވަނީ ޓޭބަލްގެ ހަތަރުވަނަ އަށް ކުރިއަށް ޖެހިލައިފައެވެ. އެކަމަކު އަދިވެސް އެ ޓީމް އޮތީ ބާސެލޯނާ އަށްވުރެ 10 ޕޮއިންޓް ފަހަތުގައެވެ. ރެއާލްގެ ފުރަތަމަ ގޯލު 13 ވަނަ މިނެޓުގައި ޖެހީ ލޫކަ މޮޑްރިޗް އެވެ. ދެ ވަނަ ހާފުގައި ރެއާލް ބެޓިސް އަށް މެޗު އެއްވަރު ކޮށްދިނީ ސާޖިއޯ ކަނަލޭސް އެވެ. ރެއާލުން މެޗުގައި މޮޅުވި ގޯލު 88 ވަނަ މިނެޓުގައި ޖެހީ ޑެނީ ކަބެޔޯސް އެވެ.
ރޭ އެތުލެޓިކޯ މެޑްރިޑް ވެސް ވަނީ އަމިއްލަ ދަނޑުގައި ލެވަންޓޭއާ ވާދަކުރި މެޗު 1-0 އިން ކާމިޔާބުކޮށް ތާވަލުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލައިފައެވެ. މެޗުގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން 57 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެންޓޮއިން ގްރިޒްމަން އެވެ. މި މޮޅާއެކު އެޓީމު އޮތީ އެއް ވަނައިގައި އޮތް ބާސެލޯނާއަށްވުރެ ފަސް ޕޮއިންޓު ފަހަތުގައެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ސެވިއްޔާ ރޭ ވަނީ އެތުލެޓިކޯ ބިލްބާއޯގެ ދަނޑުގައި ކުޅުނު މެޗުން 2-0 އިން ބަލިވުމުން ތާވަލުގެ ތިން ވަނަ އަށް ވެއްޓިފައެވެ. 33 ޕޮއިންޓާއެކު އެޓީމަށް ތިން ވަނަ ލިބެނީ ރެއާލް މެޑްރިޑަށްވުރެ ފައިދާ ގޯލު ގިނަވުމުންނެވެ.
Advertisement
Leave a Reply