މި ފެންނަނީ އަސްލު ޔުނައިޓެޑް: ޑެހެއާ

Advertisement

މި ފެންނަނީ އަސްލު ޔުނައިޓެޑް: ޑެހެއާ

ޢަބްދުﷲ އަޝްރަފް
ރޭގެ މެޗުން މޮޅުވުމުން ޑެހެއާ އުފާފާޅުކުރަނީ. ވޭތުވެދިޔަ އަހަރުތަކުގައި އެޓީމުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއަކީ ޑެހެއާ

އިނގިރޭސި ޕްރިމިއަރ ލީގު ބަލާ ފަރާތްތަކަށް މިހާރު މި ފެންނަނީ އަސްލު މެންޗެސްޓަރ ޔުނައިޓެޑް ކަމަށާއި އެ ޓީމުގެ ސްޕެއިން އަށް އުފަން ގޯލް ކީޕަރު ޑޭވިޑް ޑެހެއާ ބުނެފިއެވެ. ޑެހެއާ މިހެން ބުނެފައިވަނީ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އާ ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗް 0-1 އިން ކާމިޔާބުކުރުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.

ޔުނައިޓެޑްގެ ވަގުތީ ކޯޗް ނޯވޭގެ އޮލެ ގޮނަ ސޯލްޝެއާ ގެ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ހަ ވަނަ މެޗުގައި ރޭ ޔުނައިޓެޑްގެ ބަތޮލަކަށް ވީ ޑެހެއާ އެވެ. މި މެޗްގައި އޭނާ ވަނީ ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށް ޓޮޓެންހަމުން ފޮނުވާލި 11 ބޯޅަ މަތަކޮށްފައެވެ. މިއީ މީގެ އަށް އަހަރު ކުރިން ޑެހެއާ ޔުނައިޓެޑަށް ބަދަލުވި ފަހުން ލީގް މެޗެއްގައި އެންމެ ގިނަ އަދަދަކަށް ބޯޅަ މަތަކޮށް ގޯލެއް ނުވަދެ ނިންމާލި ފުރަތަމަ ފަހަރެވެ.

ރޭގެ މޮޅާއެކު ސޯލްޝެއާ ހަ މެޗުން ހަ މޮޅު ހަމަވެފައިވާ އިރު މި ސީޒަން ނިމުމުން ޔުނައިޓެޑްގެ ކޯޗްކަމާ ހަވާލުވާނެކަމަށް ބެލެވެމުން އަންނަ ޓޮޓެންހަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ އަށް ރެއަކީ ބަދު ނަސީބު ރެއެކެވެ. މެޗްގެ ފަހު ހާފްގައި ޓޮޓެންހަމުން މޮޅެއް ކުޅެ ގޯލެއް ކާމިޔާބު ނުކުރެވުނު އިރު ރޭގެ މެޗްގައި އެ ޓީމްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އާއި މޫސާ ސިސިކޯ އަށް ވަނީ އަނިޔާވެފައެވެ. ކޭން އަށް އަނިޔާވީ މެޗުގެ ފަހު ސިކުންތުގައި ޔުނައިޓެޑްގެ ޑިފެންޑަރު އަތުން ބޯޅަ ހޯދަން އުޅުނު ވަގުތު އެވެ. އަނެއްކޮޅުން ރޭގެ މެޗަށްފަހު ޓޮޓެންހަމަށް ކުޅޭ ދެކުނު ކޮރެޔާގެ ފޯވާޑް ސޮން ހެއުން މިން އޭޝިއަން ކަޕްގައި ކުޅޭ ކޮރެޔާ ޓީމާ ގުޅުމަށްޓަކައި މިއަދު ފުރާނެއެވެ.

ރޭގެ މެޗްގައިވެސް ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ވަނީ ޔުނައިޓެޑްގެ ކުރީގެ ކޯޗް ހޯސޭ މޮރީނިއޯ ވަކި ކުރިފަހުން ކުޅުނު މެޗްތަކުގައި ދައްކަމުން އައި މޮޅު ކުޅުން ތަކުރާރުކޮށްފައެވެ. ރޭގެ މެޗްގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 44 ވަނަ މިނެޓްގައި މާކަސް ރެޝްފޯޑް ކާމިޔާބުކުރީ ޕޮގްބާ ދިން ހިތްގައިމު ޕާހަކުންނެވެ. މެޗްގައި ޔުނައިޓެޑުން ހޯދި ލީޑް ދަމަހައްޓަން ފަހު ހާފްގެ ބޮޑު ބައެއްގައި ޑެހެއާއަށް ބަރޯސާވި ނަމަވެސް ހާއްސަކޮށް މެޗްގެ ފުރަތަމަ ހާފްގައި މެންޗެސްޓަރ ޔުނައިޓެޑުގެ ފަރާތުން ކުރީގެ ކޯޗް ސަރ އެލެކްސް ފާގަސަންގެ ދުވަސްވަރު ޔުނައިޓެޑުން ދެއްކި ކަހަލަ އަވަސް އެޓޭކިންގް ފުޓްބޯޅައެއް ވަނީ ފެނިފައެވެ.

“ކޯޗް ވަނީ ޓީމަށް އުފާވެރިކަން ގެނެސްދީފަ. ކުޅުންތެރިން ރަނގަޅަށް އެބަކުޅޭ. އަނެއްކޮޅުން ޓީމް މިހާރު ވަރަށް ވަރުގަދަ. މިއީ އަސްލު މެންޗެސްޓަރ ޔުނައިޓެޑަކީ. އަހަރެމެން މިއޮތީ މޮޅު ޓީމެއްގެ އަތުން މޮޅުވެފަ. ފުރަތަމަ ހާފް ކޮންޓްރޯލްކުރީ އަހަރެމެން. ދެވަނަ ހާފްގައި އެމީހުންނަށް ފުރުސަތުތައް ލިބުނު. އަހަރެން ހަނދާނެއްވެސް ނެތް އަހަރެންނަށް ބައެއް ބޯޅަ މަތަކުރެވުނު ގޮތްވެސް.” ޑެހެއާ ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗް ސޯލްޝެއާ ވަނީ ޑެހެއާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލްކީޕަރު ކަމަށް މީގެ ކުރިން އެތައް ފަހަރަކު ބުނެފައެވެ.

“މި ކްލަބުން ވަރަށް މޮޅު ކީޕަރުން ކުރިންވެސް ފެނިއްޖެ. ޑެހެއާ އެ އަންނަނީ ވެން ޑަ ސާ އާއި ޕީޓަރ ޝްމައިކަލް އާ ޗެލެންޖްކޮށް ޔުނައިޓެޑްގެ ތާރީހްގައިވެސް ފެނުނު އެންމެ މޮޅު ކީޕަރަށް ވާން މަސައްކަތްކުރަމުން.” ސޯލްޝެއާ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *