ޑެހެއާގެ ޖާދޫން ސޯލްޝެއާގެ ހަނީމޫން ދިގުދަންމައިފި

Advertisement

ޑެހެއާގެ ޖާދޫން ސޯލްޝެއާގެ ހަނީމޫން ދިގުދަންމައިފި

ޢަލީ ޝަހީމް
ޓޮޓެންހަމުން ފޮނުވާލި ހިލޭޖެހުމެއް ޑެހެއާ ހިފަނީ. ރޭގެ މެޗުން އެޓީމު މޮޅުވީ ޑެހެއާ ހުއްޓުވި ހަމަލާތަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސްގް ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު 1-0 އިން މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ. ޔުނައިޓެޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދެއްކި އާދަޔާހިލާފު މޮޅު ކުޅުމާއެކު އެޓީމުން ހޯދި މި މޮޅަކީ ވަގުތީ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށްވެސް ތާރީހީ ކާމިޔާބެެކެވެ. ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށްފަހު ސޯލްޝެއާ ވަނީ ލީގުގައި ކުޅުނު ފުރަތަމަ ފަސް މެޗުވެސް ކާމިޔާބު ކޮށްފައެވެ. ސޯލްޝެއާއާއެކު މި ރެކޯޑު ހަދައިފައިވަނީ މީގެ 71 އަހަރު ކުރިން ސަރ މެޓް ބަޒްބީ އެވެ. 

ހޯސޭ މޮރީނިއޯ މިދިޔަ މަހު މަގާމުން ވަކިކުރުމަށްފަހު ޓީމާއި ހަވާލުވި ސޯލްޝެއާގެ ފުރަތަމަ ހަ މެޗު ކާމިޔާބުކޮށް 14 ގޯލު ޖަހައިފައެވެ. މި މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކިއިރު ސޯލްޝެއާ އާއެކު އެޓީމު މިހާރު ވަނީ ގަދަ ހަތަރެއްގެ އުއްމީދުވެސް އާކޮށްފައެވެ.

ރޭގެ މޮޅާއެކު ޔުނައިޓެޑް ވަނީ ފަސް ވަނައިގައި އޮތް އާސެނަލާއި ޕޮއިންޓުގެ ގޮތުން ހަމަހަމަ ކޮށްފައެވެ. ދެޓީމަށްވެސް 41 ޕޮއިންޓް ލިބިފައިވާއިރު ޔުނައިޓެޑަށް ހަ ވަނަ ލިބެނީ އާސެނަލަށްވުރެ ފައިދާ ދެ ގޯލު މަދުވުމުންނެވެ. މެޗުން ބަލިވުމުން ޓޮޓެންހަމަށް ވަނީ އެއް ވަނައިގައި އޮތް ލިވަޕޫލާ ގާތަށް ޖެހިލުމުގެ ފުރުސަތު ގެއްލިފައެވެ. 48 ޕޮއިންޓާއެކު އެޓީމު ތިން ވަނައިގައި އޮތް އިރު އެއް ވަނައިގައި އޮތް ލިވަޕޫލާ އެޓީމާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ރޭގެ މެޗުން ބަލިވުމުން 50 ޕޮއިންޓާއެކު ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށްވުރެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތުވެސް ޓޮޓެންހަމަށް ވަނީ ގެއްލިފައެވެ. 

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ހަމައެކަނި ގޯލު ޖަހައިދިނީ 44 ވަނަ މިނެޓުގައި މާކަސް ރެޝްފޯޑެވެ. މެދުތެރެއިން ޕައުލް ޕޮގްބާ ދިން ހިތްގައިމު ޕާހަކުން ރެޝްފޯޑަށް ލިބުމުން އޭނާ ތިރީ ކަނަށް އެބޯޅަ ފޮނުވާލީ އިތުބާރާ އެކު އެވެ. މިއީ ޖެހިޖެހިގެން ލީގުގައި ރެޝްފޯޑް ގޯލު ޖެހި ތިން ވަނަ މެޗެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ހެރީ ކޭން ގޯލެއް ޖެހިނަމަވެސް އެވަގުތު ހުރީ އޮފްސައިޑް މަގާމެއްގައެވެ. ފުރަތަމަ ހާފުގައި އެޓީމަށް ޔުނައިޓެޑްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. 

މެޗުގެ ދެ ވަނަ ހާފުގައި ޓޮޓެންހަމުން ވަނީ ކުރިއަށްޖެހި ފުލުފުލުގައި ޔުނައިޓެޑްގެ ގޯލަށް ހަމަލާތައް ފޮނުވާލައިފައެވެ. އެޓީމުގެ ފޯވާޑް ކޭން ގޯލި ކައިރިން ފޮނުވާލި ގިނަ ހަމަލާތަކެއް ޑެހެއާ ހުއްޓުވިއިރު މިޑްފީލްޑަރު ޑެލީ އަލީ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއްވެސް ޑެހެއާ ވަނީ މަތަކޮށްފައެވެ. އަދި، އެޓީމުގެ ޑިފެންޑަރު ޓޮބީ އެލްޑަވެރެލްޑް ގޯލު ކައިރީގައި ހުރެފައި ފޮނުވާލި ބޯޅަވެސް ޑިހެއޭ ވަނީ ފައިން މަތަކޮށްފައެވެ. ދެ ވަނަ ހާފުގައި ކޭންގެ ހަތް ހަމަލާއެއް ފޮނުވާލިއިރު މުޅި މެޗުގައި ޑެހެއާ ވަނީ 11 ސޭވް ކޮށްފައެވެ. އެއް މެޗެއްގައި ޑެހެއާ އެންމެ ގިނައިން ސޭވް ކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުގައި ޑެހެއާ ވަނީ 14 ސޭވް ކޮށްފައެވެ. އެކަމަކު މިއީ މިހާގިނަ އަދަދެއްގެ ހަމަލާ ހުއްޓުވައި ގޯލެއް ނުވަދެ ޑެހެއާ ނިންމާލި ފުރަތަމަ މެޗެވެ.

މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުނީ ޔުނައިޓެޑް ގައި އުއްމީދަކީ ހުރިހާ މެޗެއްވެސް ކާމިޔާބު ކުރުން ކަމަށާއި، އެކަން އެގޮތަށް ނުވިޔަސް ވިސްނުމަކީ އެއީ ކަމަށެވެ. 

“ޔުނައިޓެޑްގައި އުއްމީދަކީ ކޮންމެ މެޗެއްވެސް ކާމިޔާބު ކުރުން. އެކަން ނުވިޔަސް ވިސްނަން ޖެހޭނީ އެހެން. މި ޓީމުގެ ކުޅުންތެރިންގެ މެންޓަލިޓީއަކީ އެއީ. ފުރަތަމަ ހާފުގައި އަހަރެމެން ވަރަށް މޮޅު އަދި ދެ ވަނަ ހާފުގައި އެޓީމުން އަހަރެމެން ޕްރެޝަރަށް ވައްޓާލި. އަހަރެމެނަށް އިތުރު ގޯލުތަކެއްވެސް ޖަހަން ފުރުސަތު ލިބުނު. ޓީމުގެ ފަހަތުގައި ތިބި ހަތަރު ކުޅުންތެރިން އަދި ޑެހެއާ ދެއްކީ އާދަޔާހިލާފު ކުޅުމެއް” ޓީމާއި ހަވާލުވުމަށްފަހު ޖެހިޖެހިގެން ހޯދި ހަ ވަނަ މޮޅަށްފަހު ސޯލްޝެއާ ބުންޏެވެ.

ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ޕޮގްބާ ފޮނުވާލި ދެ ހަމަލާއެއް ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. ލޮރިސްގެ ބޯމަތިން ޕޮގްބާ ފޮނުވާލަން މަސައްކަތް ކުރި ފުރަތަމަ ބޯޅަ އަތުން ޖައްސައި ބޭރުކޮށްލިއިރު ދެ ވަނަ ހަމަލާ ލޮރިސް މަތަކުރީ ގޯލުގެ ތިރީ ކަނަށް ޕޮގްބާ ފޮނުވާލި ޝޮޓެއްގައެވެ. 

މެޗަށްފަހު ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗުގެ ދެ ވަނަ ހާފުގައި ޓޮޓެންހަމުން ދެއްކި ކުޅުމަކީ އޭނާ ކޯޗުކަމާއި ހަވާލުވުމަށްފަހު އެޓީމުން ދެއްކި އެންމެ މޮޅު ކުޅުން ކަމަށެވެ. 

“އަހަރެން ވަރަށް ފަހުރުވެރިވެފަ މިހުއީ. ހަތަރު އަހަރާއި ބައިގެ މުއްދަތަށްފަހު މި މެޗުގެ ދެ ވަނަ ހާފު އަހަންނަށް ފެނުނީ މިހާތަނަށް ޓީމުން ދެއްކި އެންމެ މޮޅު ކުޅުން. ފުޓްބޯޅައިގައި ބައެއް ފަހަރު މޮޅުވުން ހައްގުވިޔަސް އެގޮތަށް ނުވޭ، އަދި، ބައެއް ފަހަރު އެއާ އިދިކޮޅަށްވެސް ދޭ. އެހެންވެ ފުޓްބޯޅައަށް އެންމެން ލޯބިކުރަނީ” ބަލިވުމުން ލީގު ހޯދުމުގެ ރޭހުގައި ފަހަތަށްޖެހުނު ޓީމުގެ ކޯޗު ބުންޏެވެ.

ރޭގެ ބައްޔަކީ މި ސީޒަނުގެ ލީގުގައި އަމިއްލަ ދަނޑުަގައި އެޓީމު ބަލިވި ހަތަރު ވަނަ މެޗެވެ. މިދިޔަ ދެ ސީޒަނުގައިވެސް އަމިއްލަ ދަނޑުގައި އެޓީމު ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އަނެއްކޮޅުން ރޭގެ މޮޅާއެކު ޔުނައިޓެޑް މިވަނީ މިފަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗު ގޯލެއް ނުވަދެ ނިންމާލައިފައެވެ. 

ލީގުގައި މިރޭ މެންދަމު 1 ޖަހާއިރު ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ސިޓީ ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. މި މެޗުން މޮޅުވެގެން އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު ސިޓީ އަށް ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެއެވެ. 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *