ދެ މިލިއަން ވޯޓްދިން އިރުވެސް އިނގިރޭސިއަކު ނެތް
ޔޫއެފާ ޑޮޓް ކޮމް ގެ ކިޔުންތެރިންގެ މެދުގައި ނެގި ވޯޓުން ހޮވި 2018 ވަނަ އަހަރުގެ ޓީމުގައި ހިމެނޭ އެގާރަ ކުޅުންތެރިންގެ ނަން ހާމަކޮށްފިއެވެ. އެކަމަކު އެ ވެބްސައިޓުން އާއްމުކުރި ޓީމްގައި އެންމެ ފަހުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނު އިނގިރޭސި ވިލާތުގެ އެއްވެސް ކުޅުންތެރިއަކު ހިމެނިފައެއް ނުވެއެވެ.
އިނގިރޭސިވިލާތުން މި ޓީމުގައި ހިމެނޭނެކަމަށް އެންމެ ބޮޑަށް ބެލެވުނީ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ހެރީ ކޭން އެވެ. ކޭން އިތުރުން މި ޓީމުން ފުރުސަތު ނުލިބުނު ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލަށް މިސްރުގެ މުހައްމަދު ސަލާހް އާއި ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި އެންޓޮއިން ގްރިޒްމަން ހިމެނެއެވެ.
2018 ވަނަ އަހަރުގެ ޔޫއެފާ ޑޮޓްކޮމް ފޭންސް ޓީމް ގައި އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅޭ ތިން ކުޅެންތެރިއެއް ކަމަށްވާ ލިވަޕޫލްގެ ޑިފެންޑަރ ނެދަލޭންޑްސް ގެ ވާޖިލް ވެން ޑައިކް އަދި ޗެލްސީ އަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ބެލްޖިއަމްގެ އެޑެން ހަޒާޑާއި ފްރާންސްގެ އެންގޯލޯ ކާންޓޭ ހިމެނެއެވެ.
މި ޓީމްގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ މި ޓީމްގައި ރޮނާލްޑޯ ހިމެނުނު 13 ވަނަ ފަހަރެވެ. މިހާރު ޔުވެންޓަސް އަށް ކުޅެމުން އަންނަ ރޮނާލްޑޯ ވަނީ މިދިޔަ ސީޒަންގައި ޖެހިޖެހިގެން ތިން ވަނަފަހަރަށް ޗެމްޕިއަންސް ލީގް ރެއާލް މެޑްރިޑަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
މި ޓީމްގައި ރޮނާލްޑޯ އަށްފަހު ދެން އެންމެ ގިނަ ފަހަރު ޓީމުން ޖާގަ ލިބިފައިވަނީ މިފަހަރުގެ ޓީމުގައިވެސް ހިމެނުނު ބާސެލޯނާއަށް ކުޅޭ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އެވެ. މި އީ މި ޓީމްގައި މެސީގެ ނަން ހިމެނުނު ދިހަ ވަނަ ފަހަރެވެ. މި ޓީމުގައި ވެން ޑައިކާއި، ކާންޓޭގެ އިތުރުން މުޅިން އަލަށް ހިމެނިފައިވަނީ ބާސެލޯނާއަށް ކުޅޭ ޖަރުމަނުގެ މާކް އެންޑަ ޓާ ސްޓޭގަން އާއި، ފްރާންސްގެ ދެ ތަރިން ކަމަށްވާ ޕީއެސްޖީއަށް ކުޅޭ ކިލިއަން އެމްބާޕޭ އާއި ރެއާލް މެޑްރިޑްގެ ރަފޭލް ވެރާން އެވެ.
ރެއާލް މެޑްރިޑުން މި ޓީމުގައި ފަސް ކުޅުންތެރިން ހިމެނުނުއިރު ވެރާންގެ އިތުރުން ސާޖިއޯ ރާމޯސް އާއި މާސެލޯ ވެސް ވަނީ ހިމެނިފައެވެ. އަދި، މިއަހަރުގެ ބެލޮންޑިއޯ އެވޯޑު ހޯދި ކްރޮއޭޝިއާގެ ލޫކަ މޮޑްރިޗް ވެސް ޓީމުގައި ހިމެނިފައެވެ. ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު މެދުތެރޭގައި މޮޑްރިޗް މޮޅު ކުޅުމެއް ދައްކާފައިވާއިރު އޭނާ ވަނީ ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިނުމުގައިވެސް އެ ކުޅުން ތަކުރާރުކޮށްފައެވެ.
Advertisement
Leave a Reply