މުއްނި ކަޕް: ފައިނަލުގެ ޖާގަތައް ޕޮލިހާއި ގެލެކްސީ އަށް

ރޭ ކުޅުނު ސެމީ ފައިނަލް މެޗެއްގެ ތެރެއިން. ފޮޓޯ: އާޒިމް، މ. މުލައް

މ. މުލަކު ޒުވާނުންނަށް އަމާޒުކޮށްގެން މުލަކުއަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ހަސަން (މުއްނި) ބާއްވާ މުއްނި ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުގެ ޖާގަތައް ޕޮލިސް ޓީމާއި އެފްސީ ގެލެކްސީ ހޯދައިފިއެވެ. ހަ ޓީމު ބައިވެރިވި މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ 8:30 ގައި މުލަކު ޓާފް ފުޓްސަލް ދަނޑުގައެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން މިސްޔޫ އާއި ޕޮލިސް ޓީމެވެ. ޗެމްޕިއަން މިސްޔޫ ކަޓުވާލުމަށްފަހު ޕޮލިސް ޓީމުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ 2-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގައި ޕޮލިސް ޓީމުގެ ފުރަތަމަ ގޯލު ޖެހީ އަލީ މުހައްމަދެވެ. އޭގެ ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޮލިސް ޓީމުގެ އަބްދުﷲ ޖަމީލް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސް ޓީމުގެ ގޯލު ބެލެހެއްޓި ޔުސްރީ ރުސްދީ އެވެ.

ސެމީގެ ދެ ވަނަ މެޗު އެފްސީ ގެލެކްސީ ކާމިޔާބުކުރީ އެމްވައިއެސް އާއި ވާދަކޮށް 3-1 އިންނެވެ. ގްރޫޕް ސްޓޭޖުން އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ހޮވުނު ގެލެކްސީ ޓީމުން ޖެހި ތިން ގޯލުގެ ތެރެއިން ދެގޯލު ޖެހީ އަހުމަދު ރައިހާން އެވެ. ދެ ގޯލާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ލިބުނީ ރައިހާނަށެވެ. ގެލެކްސީ ޓީމުގެ އަނެއް ގޯލު ޖެހީ އަހުމަދު ސައުދު އެވެ. އެމްވައިއެސް ޓީމުން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އާއިދު މުހައްމަދު އެވެ.

މުއްނި ކަޕްގެ ފުރަތަމަ މުބާރާތް ބޭއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން މިސްޔޫ ޓީމު ހޯދި ފައިނަލުގައި ދި ގޯޅިއަންސް ބަލިކޮށްގެންނެވެ. މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން މިސްޔޫ ޓީމު ކެޓިއިރު ގޯޅިއަންސް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ. މިއަހަރުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

avatar