ރެޝްފޯޑުގެ ކިބައިގައި ކޭން ގެ ފެންވަރު އެބަހުރި: ސޯލްޝެއާ

މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރެޝްފޯޑަކީ ޓޮޓެންހަމް ހޮޓްސްޕާސް ގެ ފޯވާޑް ހެރީ ކޭންގެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ. ސޯލްޝެއާ މިހެން ބުނީ ޕްރިމިއާ ލީގުގައި މާދަމާ ރޭ ވެމްބްލީ ސްޓޭޑިއަމް ގައި ޔުނައިޓެޑާއި ޓޮޓެންހަމާއި ބައްދަލުކުރާ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ހަވާލުވުމަށްފަހު ރެޝްފާޑް އަންނަ މޮޅު ކުޅުމެއް ދައްކަމުންނެވެ. މާދަމާ ރޭގެ މެޗަށް ނުކުންނައިރު ސޯލްޝެއާ ވަނީ އޭނާގެ ކޯޗުކަމުގައި ކުޅުނު ފަސް މެޗުންވެސް މޮޅުވެފައެވެ. ލީގުގެ ހަތަރު މެޗުން މޮޅުވިއިރު އެފްއޭ ކަޕްގައި ރެޑިން އަތުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ.

ސޯލްޝެއާގެ އިރުޝާދުގެ ދަށުން ރެޝްފޯޑް ފެންނަނީ ޓީމުގެ ސެންޓަ ފޯވާޑުގެ ގޮތުގައެވެ. ހޯސޭ މޮރީނިއޯ ޓީމުން ވަކިކުރި އިރު ޗެމްޕިއަންސް ލީގުގެ އުއްމީދު ފަނޑުވެފައި އޮތް ނަމަވެސް މިހާރު އެޓީމު އޮތީ ގަދަ ހަތަރަކާއި ވާދަކުރެވޭވަރުގެ ހިސާބެއްގައެވެ. 38 ޕޮއިންޓާއެކު ލީގުގެ ހަ ވަނައިގައި އޮތް އިރު ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި ދެމެދު އޮތީ ހަ ޕޮއިންޓުގެ ފަރަގެކެވެ.

“އަހަރެމެނަށް ދެއްކިދާނެ ކޭން ވާހަކައާއި އޭނަގެ ފެންވަރުގެ ވާހަކަ. އަހަންނަށް ޔަގީން މާކަސް (ރެޝްފޯޑް) އަށް ވެސް އެފެންވަރަށް ދިއުމުގެ ގާބިލްކަން އެބަހުރިކަން. އޭނައަށް ވެވިދާނެ ވަރަށް މޮޅު ފޯވާޑަކަށް” ރެޝްފޯޑާއި ގުޅޭގޮތުން ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ މިހެން ބުނިއިރު ކޭން އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފޯވާޑުންގެ ލިސްޓުން ގިނަ ބަޔަކު ޖާގަ ދޭނެ ކުޅުންތެރިއެކެވެ. އުމުރުން 25 އަހަރުގެ ކޭން ވަނީ މިދިޔަ ތިން އަހަރުވެސް އިނގިރޭސި ފުޓްބޯޅައިގައި ގޯލް ޖެހުމުގެ ގިނަ ރެކޯޑެއް ހަދައިފައެވެ. 16-2015 ވަނަ ސީޒަނާއި 17-2016 ވަނަ އަހަރު ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދިއިރު މިދިޔަ ސީޒަނުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ގެ ފަހަތުން ކޭން އަށް ލިބުނީ ދެ ވަނައެވެ. މީގެ އިތުރުން މިިދިޔަ އަހަރު އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ހަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދިއިރު މި ސީޒަނުގެ ޕްރިމިއާ ލީގުގައިވެސް ކޭން ވަނީ 14 ގޯލު ޖަހައިފައެވެ. ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި ކޭންއާއެކު އޮތީ އާސެނަލްގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އެވެ.

އުމުރުން 21 އަހަރުެ ރެޝްފޯޑް ވަނީ 2016 ވަނަ އަހަރު ޔުނައިޓެޑްގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ ދެ މެޗުގައި ހަތަރު ގޯލު ޖަހައިފައެވެ. ޔުނައިޓެޑްގެ ޔޫތް ޓީމުން ވިދާލުމަށްފަހު ސީނިއާ ޓީމުން ލިބުނު ފުރުސަތުގެ ބޭނުން ހިފުމުން ރެޝްފޯޑަށް ވަނީ ސީނިއާ ސްކޮޑުން ދާއިމީ ޖާގައެއް ލިބިފައެވެ. އެކަމަކު ހޯސޭ މޮރީނިއޯ ކޯޗުކަމާ ހަވާލުވުމަށްފަހު ރެޝްފޯޑަށް ގިނައިން ފުރުސަތު ލިބުނީ ބެންޗުންނެވެ. މޮރީނިއޯގެ ކޯޗުކަމުގައި ރެޝްފޯޑަށް އަރިމަތިން ކުޅެން ފުރުސަތު ލިބުނުއިރު ފޯވާޑެއްގެ ގޮތުގައި ކުޅުނީ ރޮމެލޫ ލުކާކޫ އެވެ. މި ސީޒަނުގައި ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުގައި ރެޝްފޯޑް ވަނީ ހަ ގޯލު އެޓީމަށް ޖަހައިދީފައެވެ.

avatar